ޚަބަރު

ސިވިލް ސަރވިސްއިން ތުލުސްދޫ ހިންގި ކޯހުގެ ދަސްވެނިވުން ބާއްވައިފި


މާލެއަތޮޅު ކައުންސިލާއި، އެއަތޮޅުގެ ރަށު ކައުންސިލްތަކުގެ ސިވިލް ސަރވިސް މުވައްޒަފުންގެ %50 މުވައްޒަފުންނަކީ، ޑިޕްލޮމާ ފެންވަރަށް ތަޢުލީމު ޚާސިލުކޮށްގެން ތިބި މުވައްޒަފުންނަށް ހެއްދެވުމަކީ އަމާޒެއްކަމަށް މާލެ އަތޮޅު ކައުންސިލުން ވިދާޅުވެއްޖެއެވެ.

އެ ކައުންސިލުން މިހެން ވިދާޅުވީ، ސިވިލް ސަރވިސް އިންސްޓްޓިއުޓާއި ގުޅިގެން އެކައުންސިލުން ހިންގެވި "ސެޓްފިކެޓް ތްރީ އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގައި ބައިވެރިވި ދަރިވަރުންގެ ދަސްވެނިވުމުގެ ހަފްލާގައެވެ.

މާލެ އަތޮޅު ކައުންސިލާއި ސިވިލްސަރވިސް އިންސްޓްޓިއުޓާ ދެމެދު އެކުލަވާލެވުނު އެއްބަސްވުމުގެ ދަށުން ކ. ތުލުސްދޫގައި ހިންގެވި މި ކޯހަކީ، އެއަތޮޅުގެ ރަށްތަކުގައި މަސައްކަތް ކުރާ ސިވިލް ސަރވިސް މުވައްޒަފުންނަކީ، ތައުލީމީ ޤާބިލު، ރައްޔިތުން ބަލައިގަންނަ ޚިދުމަތްތަކެއް ދޭ މުވައްޒަފުންނަށް ހެދުމުގެ މަޤުޞަދުގައި ހިންގެވި ކޯހެކެވެ.

މިކޯހުގައި ބައިވެރިވި 41 ބައިވެރިންވަނީ ކޯސް ފުރިހަމަކޮށް ދަސްވެނިވެފައެވެ.

ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރެއްވުމަށް މާލެއަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ޖަލްސާ ޝަފަރްވެރިކޮށްދެއްވައި، މުވައްޒަފުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް، ޑރ. ޢަލީ ޝަމީމެވެ.

މިހަފްލާގައި ވާހަކަފުޅުދައްކަވަމުން ޑރ. ޢަލީ ޝަމީމް ވިދާޅުވީ، އަތޮޅު ކައުންސިލުން އިސްނަންގަވައި މިފަދަ ކޯހެއް މުއައްޒަފުންނަށް ހިންގަވާ ކާމިޔާބުމާއެކު ނިންމާލެއްވުމަކީ ކ. އަތޮޅުން މިފަދަކަންކަމަށް ދެއްވާ އަހަންމިއްޔަތު ހާމަވާ ކަމެއްކަމަށެވެ.

ރާއްޖޭގެ ހުރިހާ ސިވިލް ސާވަންޓުންނަކީ ރައްޔިތުންގެ ޚާދިމުންތަކެއްކަން ފާހަގަކުރައްވަމުން ޑރ. ޢަލީ ޝަމީމް ވަނީ، ސިވިލް ސަރވިސް މުވައްޒަފުން ހެޔެގޮތުގައި ވަގުތު ހޭދަކުރެއްވުމާއި، ޚިދުމަތް ލިބިގަންނަ އާއްމުންނާއި މުޚާތަބުކުރުމުގައި އަދަބުވެރިކަމާއެކު މުޢާމަލާތުކުރުމަށް ގޮވާލައްވާފައެވެ.

"މިސެޓްފިކެޓަކީ، ޙަޤީގަތުގައި ވަރަށް ޒިއްމާދާރު، ވަރަށް ބޮޑު މަސްއޫލިއްޔަތެއް އޭގައި ލިޔެވިގެންވާ ސެޓްފިކެޓެއްކަމުގައި އަޅުގަނޑު ދަންނަވާލަންޖެހޭ. ތިބޭފުޅުން މިހާރުވެސް ތިތިއްބެވީ ޚިދުމަތުގައި، އަދި މިސެޓްފިކެޓަށްފަހު، ދެންއޮތީ އަމަލީބައިފެށުން." ޑރ.ޢަލީ ޝަމީމް ވިދާޅުވިއެވެ.

މިޙަފްލާގައި ވާހަކަފުޅުދައްކަވަމުން މާލެ އަތޮޅު ކައުންސިލް މެންބަރ އިބްރާހިމް ޝަރީފު ވިދާޅުވީ، މުޅި އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދެވި ކޯސް ކަނޑައެޅި މުއްދަތަށް ނިންމަވާލެއްވުނީ، ކޯހުގެ ބައިވެރިން ދިން ފުރިހަމަ އެއްބާރުލުމުގެ ސަބަބުންކަމަށެވެ. އަދި ކައުންސިލްގެ އަމާޒަކީ ސިވިލް ސާވިސް އިންސްޓްޓިއުޓާ ގުޅިވަޑައިގެން ކ. އަތޮޅަށް ޚާއްސަކުރައްވައިގެން ހިންގުމުގެ ދާއިރާގެ ޑިޕްލޮމާ ކޯހެއް ތުލުސްދޫގައި ކައިރި މުސްތަޤްބަލެއްގައި ފެށްޓެވުންކަމަށެވެ.

"ރަށު ކައުންސިލާއި، އަޅުގަނޑުމެންގެ ކައުންސިލުގެ ފަންސާސް ޕަސެންޓް މުވައްޒަފުން ޑިޕްލޮމާއަށް ތައުލީމު ހާސިލުކޮށްފައިވާ މުވައްޒަފުންނަށް ހެދުމާއި، އެފުރުޞަތު ލުއިފަސޭހަކޮށް ފޯރުވައިދެއްވުމަކީ އަލުގަނޑުމެންގެ އަމާޒެއް. އަދި އަތޮޅުގެ ތަރައްގީގެ ޕްލޭންގައިވާނެ ކައިރި މުސްތަގުބަލެއްގައި އަތޮޅުގައި މިފަދަ ކޯސްތައް ހިންގެވުމަށް" ކައުންސިލް މެންބަރ އިބްރާހިމް ޝަރީފު ވިދާޅުވިއެވެ.

ކޯހުގެ ބައެއް ބައިވެރިން ވަނީ މިއީ ރަށުގައި ވަޒީފާގައި ތިބެގެން ހާސިލުކުރެވުނު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްފައެވެ



ސިވިލްސަރވިސް ޓްރެއިނިން އިންސްޓިޓިއުޓުން މިހާތަނަށް ސެޓްފިކެޓް ތްރީ ލެވެލްގެ 12 ބެޗެއް ރާއްޖޭގެ 8 އަތޮޅެއްގައި ކުރިއަށް ގެންދަވާފައިވެއެވެ. އަދި ޑިޕްލޮމާ ފެންވަރުގެ ދެ ބެޗެއް ދެއަތޮޅެއްގައި މިހާރުވެސް ކުރިއަށްދާކަން ސީ.އެސް.ޓީ.އައިން ފާހަގަކުރައްވައެވެ.