ކުޅިވަރު

2019ވަނަ އަހަރުގެ އައިއޯއައިޖީއަށް ބެޑްމިންޓަން ޓީމް ތައްޔާރުވަނީ


2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ޤައުމީ ބެޑްމިންޓަން ޓީމްގެ ފަރިތަކުރުންތައް މާދަމާ ފަށަން ނިންމައިފިއެވެ. ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ އިޝްފާން މުހައްމަދު ވިދާޅުވީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަން މެޑަލްއެއް ހޯދުމަށް އަމާޒުކޮށް، މާދަމާ ޤައުމީ ޓީމްގެ ފަރިތަކުރުންތައް ފަށާނީ 19 ކުޅުންތެރިންގެ ސްކޮޑަކާއެކުކަމަށެވެ. އެއީ އަންހެން 8 ކުޅުންތެރިންނާއި، ފިރިހެން 19 ކުޅުންތެރިންނެވެ. 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ޤައުމީ ޓީމް ފަރިތަކުރުމަށް ހަމަޖެހިފައިވަނީ އިންޑޮނޭޝިޔާގެ ހައިޕާފޯމަންސް ކޯޗަކާއެކުކަމަށްވެސް އިޝްފާން ވިދާޅުވިއެވެ. ދިވެހި ޓީމްގެ ކޯޗަކީ އިންޑިޔާގެ އެންމެ މޮޅު އެއް އެކަޑަމީކަމަށްވާ ޓޮމްސް އެކަޑަމީގެ އެއް ކޯޗު އިންޑޮނޭޝިޔާގެ ފައިޒަލްއެވެ. މިދިޔަ އަހަރު ރާއްޖޭގެ ޤައުމީ ބެޑްމިންޓަން ޓީމްގެ ބައެއް ކުޅުންތެރިން އިންޑިޔާގެ ޓޮމްސް އެކަޑަމީއަށް ތަމްރީން ހެދުމަށް ދިޔަ ދުވަސްވަރު، ގައުމީ ޓީމަށް ކޯޗްކޮށްދީފައިވަނީ ފައިޒަލްއެވެ.

"ފައިޒަލްއާއެކު ކުރިން ޤައުމީ ޓީމް ފަރިތަކޮށްފައިވުމުން އޭނާއާއެކު ފަރިތަކުރުމަށް ގައުމީ ޓީމްގެ ކުޅުންތެރިންނަށް މިހާރު ވަރަށް ފަސޭހަވާނެ. އެންމެ ފުރަތަމަ ފައިޒަލްއަށް 4 މަސްދުވަހުގެ ކޮނެޓްރެކްޓެއް ދިނުމަށްފަހު، ފައިޒަލްގެ ކޯޗިންގއަށް ބަލާފަ، އޭނާއަށް 4 އަހަރުގެ ކޮންޓްރެކްޓެއް ދިނުމަށް ހަމަޖެހިފައިވޭ." އިޝްފާން ވިދާޅުވިއެވެ.

ޤައުމީ ޓީމްގެ ފަރިތަކުރުންތައް ކުރިއަށްދާނީ އެސޯސިއޭޝަންގެ ރައީސް އަދި ޖެނެރަލް ސެކެޓްރީގެ ބެލުމުގެ ދަށުންކަމަށްވެސް އިޝްފާން މުހައްމަދު ވިދާޅުވިއެވެ.