ވިޔަފާރި

މޯލްޑިވިއަނުން އިތުރު 2 ސީ ޕްލޭން ގެންނަނީ


މޯލްޑިވިއަން ސީ ޕްލޭންގެ ދަތުރުތައް ފުޅާކުރުމަށްޓަކައި މޫދަށް ޖައްސާ އިތުރު ދެ ބޯޓު އަންނަ މަހުގެތެރޭ ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.

މި ބޯޓްތަކާއެކު އެކުންފުނީގެ ސީ ޕްލޭން ފްލީޓުގެ އަދަދު ބާރައަށް އަރާނެއެވެ.

މޯލްޑިވިއަން ސީ ޕްލޭނުން ރާއްޖޭގެ 4 ރިސޯޓަކަށް އަންނަނީ ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. އަދި މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭ އިތުރު 5 ރިސޯޓަކަށް ސީ ޕްލޭންގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

އެކުންފުނިން އަންނަނީ ސީ ޕްލޭންގެ ދަތުރުތައް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ފެށުމަށްޓަކައި އެކަމާއި ގުޅޭ ދިރާސާތަކެއްވެސް ކުރަމުންނެވެ. އަދި ކައިރި މުސްތަޤްބަލެއްގައި މީހުން ދިރިއުޅޭ ރަށްތަކަށް މޯލްޑިވިއަން ސީޕްލޭންގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ހާމަކުރެއެވެ.