ތަޢުލީމު

ސްރީލަންކާގައި އެސްއެސްސީހެދި ހުރިހާ ދަރިވަރުން ދިވެހިން ފާސްވި


ސްރީލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުން (އެމްއީސީސީ) މިދިޔަ އަހަރު އެސްއެސްސީ އިމްތިޙާނުގައި ދިވެހި މާއްދާގައި ބައިވެރިވި ހުރިހާ ދަރިވަރުން ފާސްވެއްޖެއެވެ.

ސްރީލަންކާގައި އެކި ކޯސްތަކުގައި ކިޔަވަމުންދާ ދަރިވަރުގެ ތެރެއިން 12 ކުއްޖަކު ސޯސަންވިލާގައި ހުންނަ އެމްއީސީސީ މެދުވެރިވެ މިދިޔަ އަހަރު އެސްއެސްސީ އިމްތިޙާނު ހަދާފައިވެއެވެ. މީގެ ތެރެއިން ހުރިހާ ދަރިވަރުން ދިވެހިން ފާސްވެފައިވާއިރު އެންމެ ކުއްޖެއް ފިޔަވާ ދެންތިބި ހުރިހާ ކުދިންވަނީ އިސްލާމް މާއްދާއިންވެސް ފާސްވެފައެވެ.

ސޯސަންވިލާ ހިންގެވުމާ ހަވާލުވެ ހުންނެވި، އަބްދުއްރަޝީދު އާދަމް ވިދާޅުވީ މިއީ ދަރިވަރުންނަށް ލިބޭ ހުސްވަގުތަކުގެ ބޭނުން ހިފައިގެން އެކުދިން ބައިވެރިވި އިމްތިޙާނަކަށްވީއިރު ލިބުނު ނަތީޖާއާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާކަމަށެވެ.

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެ ޤައުމުގައި ތިބެގެން އިސްލާމް ދިވެހި އަދި ޤުރުއާން ކިޔެވުމުގެ ފުރުޞަތު ތަނަވަސްކޮށްދެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން 2014 ވަނަ އަހަރުން ފެށިގެން ސޯސަންވިލާގައި ޤާއިމްކުރައްވާފައިވާ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުން ދަނީ އެ މާއްދާތަކަށް ޚާއްސަ ކުލާސްތަކެއް ހިންގަވަމުންނެވެ. އެ ސެންޓަރުގައި ނާސަރީ ގްރޭޑުން ފެށިގެން ގްރޭޑް 10 އަކަށް ކިޔަވައިދެއްވައެވެ.