ވިޔަފާރި

މީރާއަށް އޮޑިޓް ރިޕޯޓް ހުށަހެޅުމުގައި އިތުރު ލުޔެއް


ދިހަ މިލިއަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ކުންފުނިތަކުން އޮޑިޓް ރިޕޯޓް ހުށަހަޅަން ނުޖެހޭގޮތަށް މީރާއިން ހަމަޖައްސަވައިފިއެވެ.

މީރާއިން ވިދާޅުވީ، 10 މިލިއަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ކުންފުނިތަކުން، ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ބީ.ޕީ.ޓީ ގެ ބަޔާން ހުށަހަޅާއިރު މީގެ ފަހުން އޮޑިޓް ރިޕޯޓް ހުށައަޅަންނުޖެހޭނެކަމަށެވެ.

މީގެ ކުރިން މި ލުއި ދީފައިވަނީ، 5 މިލިއަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ކުންފުނިތަކަށެވެ. މިއީ، ކުދި ވިޔަފާރިތަކަށް ދެމުން ގެންދަވާ ލުއިތަކުގެ ތެރެއަށް އިތުރުވި ބައެއްކަމަށް މީރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން މިރާއިން ވަނީ  ޓެކްސް ދައްކާ ފަރާތްތަކުގެ ގިންތިއަށާއި އޮޑިޓަރުން މީރާގައި ރަޖިސްޓްރީ ކުރުމުގައި ޢަމަލުކުރަމުންދާ އުސޫލުތަކަށްވެސް ބަދަލުގެންނަވާފައެވެ. މި ބަދަލުގައިވާގޮތުން އަހަރެއްގެ ތެރޭގައި ލިބޭ އާމްދަނީ 10 މިލިއަން ރުފިޔާއަށްވުރެ އިތުރު ނުވާނަމަ، އެ ކުންފުންޏެއްގެ ހިސާބުތައް ތައްޔާރުކުރުމުގައި "ކޭޝް ބޭސިސް" އިޚްތިޔާރު ކުރެވޭނެއެވެ.