ސިޔާސީ

"ޤައުމީ ތަރައްޤީގެ އެންމެބޮޑު މަސައްކަތެއްކުރީ މިސަރުކާރުން"


ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދަވައިދެއްވުމާއި، ޒުވާނުންގެ އުންމީދުތައް ފުރިހަމަކޮށްދެއްވުމާއި، ޤައުމުތަރައްޤީ ކުރެއްވުމުގައި އެންމެބޮޑު މަސައްކަތްޕުޅެއް ކުރެއްވި މިއަދުގެ ސަރުކާރުންކަން ދިވެހިރައްޔިތުން ޤަބޫލުކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ "މަވެސް ޕީޕީއެމް" މިނަމުގައި މިރޭ ދަރުބާރުގޭގައި އޮތް ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. 

މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން އަބަދުވެސް ބައްލަވަނީ ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ކޮށްދެވޭތޯކަމަށެވެ. އަދި ރައްޔިތުންނަށް ސަރުކާރުން ކޮށްދެއްވި ކަންތައްތަކުގެ ވާހަކަ ދެއްކުމަކީ ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށާ، އެހެންނަމަވެސް ރައްޔިތުން އެކަންބަލައިގަންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޒުވާނުން ބޭނުންވަނީ ހަމައެކަނި ކުޅިވަރު ކުޅޭނެ ތަންތަން ހުޅުވުން ނޫން ކަމަށާ، ދިރިއުޅެވޭނެ ގޮތެއް ހޯދުމަކީވެސް ސަރުކާރުން ޒުވާނުންނަށް ކޮށްދޭންޖެހޭ ކަމެއްކަމަށެވެ. 

img:http://s2.psmnews.mv/images/660x400/14848585250366.jpg|"މަވެސް ޕީޕީއެމް" ޙަފްލާގެތެރެއިން. 350 މީހަކު މިރޭ އަލަށް ޕީޕީއެމްއާ ގުޅުނު - ޕީއެސްއެމް ފޮޓޯ: ޢަލީ ނަޞީރު

ކޮންމެ އިންސާނަކުވެސް ދުނިޔޭގައި އުޅޭއިރު އުފަލުގައި އުޅެން ބޭނުންވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދިރިއުޅުމުގެ ދަތިކަން އޮތީ ދެކަފިވެފައި ކަމަށެވެ. އެއް ކަމަކީ ގެދޮރުވެރިކަމުގެ ދަތިކަން ކަމަށާ، އަނެއް ކަމަކީ އާމްދަނީ ހޯދާނެގޮތެއް ނެތުން ކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ފައިތުވެދިޔަ ތިން އަހަރު މަސައްކަތް ކުރައްވަމުންވަޑައިގަތީ މީގެކުރީގެ ސަރުކާރުތަކުން މަސައްކަތް ކުރެއްވި ދުވެލީގައި ނޫން ކަމަށެވެ. އަދި އެކަން މިއަދު ރާއްޖޭގެ ކޮންމެ ދިމާލަކަށް ބަލާލިއަސް ފެންނަމުންދާ ކަމަށާ ސަރުކާރަށް ފާޑު ވިދާޅުވާ ބޭފުޅުން މިކަންކަމަށް ވިސްނަން ޖެހޭ ކަމަށް ވެސް ރައީސްގެ ވިދާޅުވިއެވެ.