ވިޔަފާރި

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭ ބޭންކަކަށް ޑޮއިޗޭ ބޭންކް


ސަރުކާރުގެ ތަރައްޤީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ބައިނަލްއަޤްވާމީ ބާޒާރަށް ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭ ބޭންކެއްގެ ގޮތުގައި ޖަރުމަނުވިލާތުގެ ޑޮއިޗޭ ބޭންކް ހަމަޖައްސަވައިފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ދުއިއްސައްތަ މިލިއަން ޑޮލަރުގެ ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭ ބޭންކެއްގެ ގޮތުގައި ޖަރުމަނުވިލާތުގެ ޑޮއިޗޭ ބޭންކް ހަމަޖައްސަވާފައިވާކަމަށެވެ. ޑޮއިޗޭ ބޭންކް ހަމަޖެއްސެވީ، މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ އެކާވީސްވަނަ ދުވަހު ސޮވަރިން ބޮންޑް ވިއްކުމަށްޓަކައި ލީޑް މެނޭޖަރ ނުވަތަ ބުކްރަނާސްގެ ދައުރު އަދާކުރުމަށް ހުޅުވާލި ފުރުޞަތުގައި އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅީ އެ ބޭންކުން ކަމަށްވާތީއެވެ. ފިނޭންސް މިނިސްޓްރީން ހުޅުވާލެއްވި ފުރުސަތުގައި 9 ބޭންކަކުން ޕްރޮޕޯސަލް ހުށަހަޅާފައިވެއެވެ.

ޖަރުމަނުވިލާތުގެ ޑޮއިޗޭ ބޭންކުން، މީގެ ކުރިންވެސް އެކި ޤައުމުތަކުގައި ބުކްރަނާސް ނުވަތަ އެހީތެރިއެއްގެ ދައުރު އަދާކޮށްފައިވެއެވެ. މީގެ ތެރޭގައި އަވައްޓެރި ސްރީލަންކާއިން 1.5 ބިލިއަން ޑޮލަރުގެ ބޮންޑް ބައިނަލްއަޤްވާމީ ބާޒާރުގައި ވިއްކިއިރު، ބުކްރަނާސްގެ ދައުރު އަދާކޮށްފައިވަނީ ޑޮއިޗޭއެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާ އަދި އާޖެންޓީނާއިން ބައިނަލްއަޤްވާމީ ބާޒާރަށް އަމާޒްކޮށް ފަނަރަ މިލިއަން ޑޮލަރުގެ ބޮންޑް ވިއްކިއިރު، ބުކްރަނާސްގެ ދައުރުއަދާކޮށްފައިވަނީވެސް ޑޮއިޗޭ ބޭންކުންކަން ފާހަގަކޮށްލެވެއެވެ.