އިމާމުންނާއި ޚަޠީބުން ތާޒާ ކުރުމުގެ މަޤްޞަދުގައި އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދަވާ މަސައްކަތު ބައްދަލުވުމުގެ 3 ވަނަ ބުރު ފަށްޓަވައިފިއެވެ.
ދެދުވަހުގެ މުއްދަތަ ކުރިއަށްގެންދަވާ މި މަސައްކަތު ބައްދަލުވުން ކުރިއަށް ގެންދަވަނީ ފުވައްމުލައް ސިޓީގައެވެ.
މިމަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ފުވައްމުލަކު މެދުދާއިރާގެ މެމްބަރު ޢަލީ ފަޒާދު ވިދާޅުވީ އަތޮޅުތެރެއަށް މިފަދަ ކަންކަން ފުޅާވެގެންދާ ދިއުމަކީ އުފަލާއެކު ފާހަގަކުރައްވާ ކަމެއްކަމަށާއި، އިމާމުންނާއި ޚަޠީބުންނަށް އަމާޒުކޮށް މިފަދަ ތަމްރީން ޕްރޮގްރާމްތައް ގިނަގިނައިން ހިންގެވުމަކީ މުހިންމު ކަމެއްކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
29 މީހުން ބައިވެރިވި މިބައްދަލުވުމުގައި ކިޔަވައިދެއްވާ ބައިތަކުގެ ތެރޭގައި ޤުރްއާނާއި ފިޤްހު އަދި ދިވެހިބަސް ކިޔުމާއި ހުށަހެޅުމުގެ ހުނަރުގެ އިތުރުން މޮސްކް މެނޭޖްމަންޓް ހިމެނެއެވެ.
އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވާ ގޮތުގައި އިމާމުންނާއި ޚަޠީބުންނަށް އަމާޒުކޮށް މިފަދަ މަސައްކަތު ބައްދަލުވުމެއް ބޭއްވެވުމުގެ މަޤްޞަދަކީ، އިމާމުންނާއި ޚަޠީބުންނަކީ މުޖްތަމަޢުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވެފައި، އިމާމުންނާއި ޚަޠީބުންންގެ މަސައްކަތްތަކަށް ޒަމާނާ ގުޅިގެން އަންނަ ބަދަލުތައް އޮޅުންފިލުވައިދީ ހޭލުންތެރި ކުރުންކަމަށެވެ. ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އިތުރު ތަމްރީނުތައް ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ބާއްވަވާނެކަމަށް އެމިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އިސްލާމިކް މިނިސްޓްރީން މި ޕްރޮގްރާމް މީގެ ކުރިން މާލޭ ސިޓީއާއި އައްޑޫ ސިޓީގައިވެސް ކުރިޔަށްގެންދަވާފައިވެއެވެ.