މުނިފޫހިފިލުވުން

އިންޑިއާގެ ޖުމްހޫރީދުވަސް ރާއްޖޭގައި ފާހަގަކޮށްފި


އިންޑިއާގެ 68 ވަނަ ޖުމްހޫރީދުވަސް ފާހަގަކުރުމުގެ ގޮތުން ޘަޤާފީ މިއުޒިކް ޝޯއެއް ރާއްޖޭގައި ބާއްވައިފިއެވެ. 

އޮލިމްޕަހުގައި ރޭ ބޭއްވި މި ޘަޤާފީ ޝޯ ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓަރ އިރްތިޝާމް އާދަމެވެ. މިއީ އިންޑިއަން އެމްބަސީ އާއި ރާއްޖޭގެ ނެޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެންސީއޭ) ގުޅިގެން ބޭއްވި ޝޯއެކެވެ. މި ޝޯގައި އިންޑިއާ އާއި ރާއްޖޭގެ ޒުވާނުން ވަނީ މުނިފޫހިފިލުވުމުގެ ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. 

img:http://s2.psmnews.mv/images/660x400/14854060205371.jpg|ރޭގެ ރަސްމިޔާތުގެ ތެރެއިން - ފޮޓޯ: ޔޫތް މިނިސްޓްރީ

މި ޝޯ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވަނީ ޔޫތު މިނިސްޓްރީއާ އެންސީއޭއާ މެދު އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ބަހައްޓަވާ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

" ޔޫތް މިނިސްޓްރީއާއި، އެންސީއޭއެކު އިންޑިއާ ސަފީރު ބާއްވަވަނީ ވަރަށް ގާތް ގުޅުމެއް. ޘަޤާފީ އެކިއެކި ޕްރޮގްރާމްތައް ރާއްވަވައި ހިންގެވުމުގައި ޔޫތު މިނިސްޓްރީއާއި އެންސީއޭއަށް އިންޑިއާ ސަފީރުގެ ވަރަށްބޮޑު އެއްބާރުލެއްވުމެއް ލިބޭ،" މިނިސްޓަރު އިރްތިޝާމް ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14854060656322.jpg|ރޭގެ ރަސްމިޔާތުގެ ތެރެއިން - ފޮޓޯ: ޔޫތް މިނިސްޓްރީ

މި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވީ، ރާއްޖޭގެ ޒުވާނުންނަށް ރަނގަޅު ތަމްރީންތަކެއް ދެވިއްޖެނަމަ ދުނިޔޭގެ ފެންވަރުގެ ޕްލެޓްފޯރމްތަކެއްގައި ހުށަހެޅުމުގެ ފުރުޞަތު އެމީހުންނަށް ލިބޭނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ.

" ދިވެހި ޒުވާނުންނަށް ކޮންމެވެސްވަރެއްގެ ފަންނީ ތަމްރީމްތަކެއް ދެވިއްޖެނަމަ، އެމީހުންނަކީ ދުނިޔޭގެ ބޮޑެތި ޕްލެޓްފޯމްތަކުގައި އެމީހުންގެ ހުނަރު ދެއްކޭނެ މިހާރަށްވުރެވެސް މާ ޤާބިލް ބަޔަކަށް ވާނެކަންޔަޤީން." އިންޑިއާ ސަފީރު ވިދާޅުވިއެވެ. 

img:http://s4.psmnews.mv/images/660x400/14854061058452.jpg|ރޭގެ ރަސްމިޔާތުގެ ތެރެއިން - ފޮޓޯ: ޔޫތް މިނިސްޓްރީ

އިންޑިޔާގެ ޖުމްޙޫރީ ދުވަސް ފާހަގަކުރުމަށް އޮލިމްޕަހުގައި ބޭއްވި ރަސްމިޔާތުގައި އިންޑިޔާއާއި ރާއްޖޭގެ ޘަޤާފީ ޙަރަކާތްތައް ވަނީ ދައްކާލާފައެވެ.