ޚަބަރު

މާލޭގައި ބަހުގެ ޚިދުމަތްދިނުމަށް އެމްޓީސީސީން ތައްޔާރުވަނީ


މާލޭގައި ބަހުގެ ޙިދުމަތް ދޭން ފެށުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށާއި އެމްޓީސީސީން ބޭނުންވަނީ ފެންވަރު ރަނގަޅު ނިޒާމެއްގެ ތެރެއިން ބަހުގެ ޚިދުމަތް ދިނުން ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އާއްމުންނަށް ބަރޯސާވެވޭނެ ފަދަ ގޮތަކަށް މާލެއަށް ބަހުގެ ޙިދުމަތް ދެވެން ފަށައިފި ނަމަ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެއްގަމުދަތުރުފަތުރުގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެއެވެ. މިމައްސަލައަށް ޙަލެއް ގެންނެވުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ މާލޭގައި ޢާއްމު ބަސްދަތުރުގެ ޚިދުމަތް ދިނުމަށް، އެމްޓީޓީސީސީއާ ހަވާލުކުރައްވާފައެވެ.

އެމްޓީސީސީގެ ވިސްނުންހުރީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައި ބަހުގެ ޙިދުމަތް ދިނުމުގައި ޢަމަލުކުރަމުން އަންނަ 'ބަސް ރެޕިޑު ޓްރާންސިޓް'، ބީއާރުޓީ ސިސްޓަމާއި އެއްގޮތް ނިޒާމަކަށް ރާއްޖޭގައިވެސް ބަހުގެ ޙިދުމަތް ދިނުމެވެ. ޕީއެސްއެމަށް ދެއްވި ޙާއްސަ އިންޓަރވިއުއެއްގައި އެމްޓީސީސީގެ ޓްރާންސްޕޯޓު ޑިވިޝަންގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ލަޠީފް ވިދާޅުވީ މާލެއާއި، ކުޅުދުއްފުށިގެ އިތުރުން ތިނަދުއަށް މިއަހަރުތެރޭ ސްކޫލް ބަހާއި، ޢާއްމު ބަސްދަތުރުގެ ޙިދުމަތް ދޭން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މާލެއަށް މި ޙިދުމަތް ދިނުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް އެނާ ވިދާޅުވިއެވެ. އެގޮތުން މާލޭއަކީ އިންޖީނުލީ ދުއްވާ އެއްޗެހި ގިނަ ތަނަކަށްވުން ބަހުގެ ޙިދުމަތް އެންމެ ރަނގަޅު ފެންވަރެއްގައި ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިކަމާއި ގުޅޭ މަޝްވަރާތައް އިކޮނޮމިކް މިނިސްޓްރީއާއި އެކު ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މާލޭގައި ދުއްވުމަށް ހަމަޖެހިފައިވަނީ ސައިޒްގެ ގޮތުން ކުދި ބަސްތަކެއް ކަމަށާއި، މި ބަސްތަކުގެ ފެންވަރުވެސް ރަނގަޅު ވާނެ ކަމަށް ލަޠީފް ވިދާޅުވިއެވެ.  

އެމްޓީސީސީން ދަނީ މާލޭގައި ސްކޫލްބަހުގެ ޚިދުމަފް ފެށުމަށްޓަކައިވެސް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. އެގޮތުން އެކަމާއި ގުޅޭ ދިރާސާތަކެއްކޮށް ޙިދުމަތް ދޭން ފެށުމުގެ ކުރިން އެ ޙިދުމަތާއި ގުޅޭގޮތުން ނިންމަންޖެހޭ ކަންތައްތައް ނިންމުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް އެމްޓީސީސީގެ ޓްރާންސްޕޯޓު ޑިވިޝަންގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ލަޠީފް ވަނީ ވިދާޅުވެފައެވެ.

މާލެއާއި، ހދ. ކުޅުދުއްފުށިގެ އިތުރުން ގދ. ތިނަދޫގައި، ސްކޫލް ބަހާއި، ޢާއްމު ބަސްދަތުރުގެ ޚިދުމަތް ދިނުމަށް، ސަރުކާރުން ޙަވާލުކުރައްވާފައިވަނީ އެމްޓީސީސީއާއެވެ.

އެމްޓީސީސީން މިހާރުވެސް އަންނަނީ ހުޅުމާލޭގައި ބަހުގެ ޙިދުމަތް ދެމުންނެވެ. އަދި ހުޅުމާލެ ޣާޒީ ސްކޫލަށް، ސްކޫލްބަހުގެ ޙިދުމަތްވެސް އެމްޓީސީސީން އަންނަނީ ދެމުންނެވެ. އަދި ކުރިމަގުގައި ހުޅުމާލޭގެ އިތުރު ސްކޫލްތަކަށް ސްކޫލް ބަހުގެ ޙިދުމަތް ދިނުމަށް އެމްޓީސީސީން ވަނީ ނިންމާފައެވެ.