ކުޅިވަރު

މިނިވަން ޗެމްޕިއަންޝިޕްގައި ބައިވެރިވާން ހުޅުވާލައިފި


މިނިވަން ޗެމްޕިއަންޝިޕް ނުވަތަ އަތޮޅު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އެފްއޭއެމްއިން މިއަދު ހުޅުވާލައްވައިފިއެވެ.

އެފް.އޭ.އެމްއިން މުބާރާތުގައި ބައިވެރިވާން ފުރުޞަތު ހުޅުވާލީ މާރޗް މަހުގެ 15 ވަނަ ދުވަހު މުބާރާތް ފަށާ ގޮތަށް ތާވަލްކުރުމަށްފަހުއެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހަމަވާނީ މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވާން ހުށައަޅަން ޖެހެނީ ކައުންސިލްގެ ފަރާތުން ގުޅޭނެ ފަރާތެއްގެ ނަމާއި ނަމްބަރާއެކުގައެވެ. މުބާރާތުގައި ބައިވެރިވާން އެދި ހުށައަޅަން ޖެހެނީވެސް ކައުންސިލް މެދުވެރިކޮށެވެ. 

އަތޮޅަކުން ދެޓީމަށްވުރެ ގިން ޓީމް ބައިވެރިވެއްޖެ ނަމަ އަތޮޅު މުބާރާތް ކުޅޭނީ އެއަތޮޅެއްގެ ކަނޑައަޅާ ރަށެއްގައެވެ. ދެޓީމް ނަމަ ހޯމް އެންޑް އަވޭ އުޞޫލުން ދެ މެޗު ކުޅެ ކުރި ހޯދާ ޓީމަކަށް އަތޮޅު ޗެމްޕިއަންކަން ލިބޭނެއެވެ. ޒޯން ކުޅޭނީ ހޯމް އެންޑް އަވޭ އުޞޫލުންނެވެ. 

އެފް.އޭ.އެމްއިން މައުލޫމާތުދެއްވި ގޮތުގައި މުބާރާތް ފަށާ ދުވަހުން ފެށިގެން އެއަތޮޅެއްގެ އަތޮޅު މުބާރާތާއި، ޒޯން މުބާރާތް މަސްދުވަހަށްވުރެ ދިގުދެމިގެން ނުދާނެއެވެ. އެކިއަތޮޅު ތަކުގައި މުބާރާތް ފަށާ ތާރީޚްތައް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހަމަވުމުން އިއުލާންކުރާނެކަމަށް އެފްއޭއެމްއިން މައުލޫމާތުދެއްވައެވެ. މިފަހަރުވެސް ޓީމް ލިސްޓް ހުށައަޅާއިރު 21 އަހަރުން ދަށުގެ މަދުވެގެން 7 ކުޅުންތެރިން ހިމަނަން ޖެހެއެވެ.

މިފަހަރު އެންމެ ބޮޑު ތަފާތަކީ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމް ނުވަތަ ސެމީއަށް ދާ ޓީމްތަކަށް ރާއްޖޭގެ އެންމެ ބޮޑު ލީގު " ދިވެހި ޕްރިމިއަރ ލީގު " ގައި ވާދަކުރުމުގެ ފުރުޞަތު ލިބުމެވެ. މުޅި ރާއްޖޭގެ ޗެމްޕިއަންކަން ހޯދާ، އޭއެފްސީކަޕްގައި ވާދަކުރުމުގެ ފުރުޞަތު އަތޮޅުތަކުގެ ޓީމްތަކަށްވެސް އެބައޮތެވެ.

މިނިވަން ޗެމްޕިއަންޝިޕް މިދިޔަ އަހަރު ކާމިޔާބުކުރީ ބ.އޭދަފުއްޓެވެ. އޭދަފުށި ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ތ.ތިމަރަފުއްޓާއި ވާދަކޮށް ކުރި ހޯދައިގެންނެވެ.