ވިޔަފާރި

ސެންޗޫރިއަންގެ ޙިއްސާ ގަތުމުގެ ފުރުޞަތު މިމަހުގެ ނިޔަލަށް


ރާއްޖޭގެ ޙިއްޞާގެ ބާޒާރުގައި ލިސްޓުކޮށް، ޢާންމުކޮށް ޙިއްޞާ ވިއްކަން ފެށި ރާއްޖޭގެ ފުރަތަމަ އަމިއްލަ ކުންފުނި ކަމުގައިވާ ސެންޗޫރިއަންގެ ޙިއްޞާ ގަތުމުގެ ފުރުޞަތު މިމަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ސެންޗޫރިއަންގެ ޙިއްޞާ ވިއްކުމަށް އެކުންފުނިން ދަނީ ރާއްޖޭގެ ބައެއް ރަށްތަކަށް ޒިޔާރަތްކޮށް ރައްޔިތުންނަށް މަޢުލޫމާތުދެއްވަމުންނެވެ. އެކުންފުނިން ބުނީ، މިހާރުވެސް ޢާންމުންގެ ފަރާތުން ވަރަށް ބޮޑަށް ތަރުޙީބު ލިބެމުން ދާކަމަށެވެ. އެކުންފުނިން މަސައްކަތްކުރަމުން ދަނީ ވިހާވެސް ގިނަބަޔަކަށް ޙިއްޞާ ވިއްކުމަށްކަމަށް ސެންޗޫރިއަންއިން މައުލޫމާތުދެއެވެ.

ސެންޗޫރިއަން ޕްރައިވެޓް ލިމިޓެޑަކީ، ރާއްޖޭގައި ފުޅާދާއިރާއެއްގައި ޝިޕިންގް އަދި ލޮޖިސްޓިކްސްގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. އެކުންފުނިން ޙިއްޞާ ވިއްކަނީ، ޙިއްޞާއެއް 25 ރުފިޔާގެ މަގުން، 6.7 މިލިޔަން ޙިއްޞާއެވެ. އެއީ، ކުންފުނީގެ 49 އިންސައްތަ ޙިއްޞާއެވެ.

ޙިއްޞާ ގަންނަ ފަރާތްތަކުން މަދުވެގެން 4 ޙިއްޞާ ގަންނަން ޖެހެއެވެ. އެއީ، 100 ރުފިޔާގެ އިންވެސްޓްމެންޓެކެވެ.