ކުޅިވަރު

ބައިނަލްއަޤްވާމީ ވޮލީ މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ ފަޚުރެއް


ވޮލީބޯޅައިގެ ތެރެއިން ބައިނަލްއަޤްވާމީ ފެންވަރެއްގައި ރާއްޖޭގެ ދިދަ އުފުފާލުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު ފަޚުރެއް ކަމަށް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިރުތިޝާމް އާދަމް މިހެން ވިދާޅުވީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ޤައުމީ ސީނިއަރ އަންހެން ވޮލީ ޓީމަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމްގައި ބޭއްވި މިރަސްމިއްޔާތުގައި ޤައުމީ އަންހެން ވޮލީ ޓީމާ މުޚާތަބްކޮށް މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ އަންހެން ކަނބަލުން ބޭރުގެ ވޮލީބޯޅަ މުބާރާތްތަކުގައި ކުޅުއްވާ، ޙާސިލް ކުރެއްވި ވަނަތަކާއި، ދިވެހިރާއްޖޭގެ ވޮލީ ބޯޅައަށް ލިބުނު ކުރިއެރުމާއި ތަރައްޤީ ފާހަގަވުން މީ މިމުބާރާތް ރާއްޖޭގައި ބޭއްވުމުގެ އަސްލުކަމުގައެވެ. އެއާއެކު އެސޯސިއޭޝަންގެ ވެރިންނާއި ޔޫތު މިނިސްޓްރީގެ އިތުރުން ކުޅިވަރު ކުރިއެރުވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި މިމުބާރާތުން ދިވެހިން ހިތްހަމަޖެހޭ ވަރުގެ ނަތީޖާއެއް ނެރުމަށް ކުޅުންތެރިންގެ ކިބައިން މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

" އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު އަދާކުރަން ތިޔަ ހުރިހާ ބޭފުޅުންނަށް، ކުޅުންތެރިން ކުރެއްވި ބުރަ މަސައްކަތަށް. ކުޅުންތެރިންނަށް ލިބުނު ކާމިޔާބާއި އޮފިޝަލުން އެ ލަނޑުދަނޑިއަށް ގެނެސްދެއްވިކަން. އަދި ޒިންމާދާރުކަމާއެކު އެސޯސިއޭޝަންގެ ރައީސާއި އިސްވެރިން އަންހެން ކަނބަލުން ކުރިޔަށް ގެންދިއުމަށްޓަކައި ކުރައްވާ ބުރަ މަސައްކަތް ފާހަގަ ކުރަން: .މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14848036074260.jpg|މުބާރާތުގެ ފުރަތަަމަ މެޗްގައި ރާއްޖެ ނިކުންނާނީ ނެޕާލާ ދެކޮޅަށް

މިރަސްމިއްޔާތުގައި ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަޠީފް ވިދާޅުވީ މީ ތާރީޚީ ދިވަހެއްކަމުގައެވެ. މިއަދަކީ އަޅުގަނޑުމެންގެ އަންހެން ކަނބަލުން ވޮލީގެ ތާރީޚްގެ ތެރެއަށްވަދެ ރާއްޖޭގެ ޞަފްޙާތަކުގައި ލިޔެވިގެންދާ ދުވަސްކަމުގައެވެ. މިމުބާރާތަކީ ރާއްޖޭގައި ބާއްވާ ބައިނަލްއަޤްވާމީ ފުރަތަމަ ވޮލީމުބާރާތް ކަމަށާއި ޚާއްސަކޮށް އެންމެ އުފާވާކަމަކީ މިތާރީޚް ލިޔެވިގެންދަނީ އަންހެން ވޮލީގެ ތެރެއިން ކަމަށް ވާތީކަމުގައެވެ.

" މިއަދަކީ އަޅުގަނޑުމެންގެ އަންހެން ކަނބަޅުން ވޮލީގެ ތާރީޚްގެ ތެރެއަށްވަދެ ރާއްޖޭގެ ސަފްޙާ ތަކުގައި ލިޔެވިގެންދާ ދުވަސް. މިމުބާރާތަކީ ދިވެހިރާއްޖޭގައި ބާއެްވާ އެންމެ ފުރަތަމަ ބައިނަލް އަޤްވާމީ މުބާރާތް. މީ ދިވެހި އަންހެން ވޮލީ ކުޅުންތެރިންނަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް. ލަޠީފް ވިދާޅުވިއެވެ.

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރާނީ ނޭޕާލާއި އިރާނެވެ.