ދުނިޔެ

މޫސުލްގެ ބޮޑުބައެއް ޢިރާޤުގެ އަސްކަރިއްޔާގެ ބާރުގެދަށަށް


ޢިރާޤުގެ މޫސުލްގެ އިރުމަތީގެ ހުރިހާ ސަރަޙައްދެއް އެޤައުމުގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނެސްފިއެވެ.

ޢިރާޤުގެ އަސްކަރިއްޔާ އިން ބުނެފައިވަނީ މިއީ އައި.އެސް ޖަމާޢަތާ ދެކޮޅަށް ހޯދުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މޫސުލްއާ އެކާވީސް ކިލޯމީޓަރު ދުރުގައި އޮންނަ ބަރްޠަލާގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން، މޫސުލް މިނިވަން ކުރުމަށް ހަނގުރާމަ ކުރަމުންދާ ޢިރާޤުގެ އަސްކަރިއްޔާގެ ފައުޖުތަކުގައި އިސްކޮށް ހުންނަވާ ޖެނެރަލް ޠާލިބު ޝަޤާތީ ވިދާޅުވީ ދިޖްލާ ކޯރަށްވުރެ ފަހަތަށް އައި.އެސް. ޖަމާޢަތުގެ ހަނގުރާމަވެރިން ޖެއްސިފައިވާ ކަމަށެވެ.

ޖެނެރަލް ޝަޤާތީ ވިދާޅުވީ މޫސުލްގެ އިރުމަތީގައިވާ ހުރިހާ ސަރަޙައްދެއް ޢިރާޤުގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނެވުމުން އެރަށުގެ ހުޅަނގުގެ ސަރަޙައްދުތަކަށް ޙަމަލާ ދިނުމަށް ފަސޭހަވެގެން ދާނެކަމަށެވެ.

ޢިރާޤުގެ އަސްކަރިއްޔާއިން ހޯދަމުންދާ ކާމިޔާބީތަކާ ގުޅިގެން އެޤައުމުގެ ބޮޑުވަޒީރު ޙައިދަރުލް ޢަބާދީ ވިދާޅުވީ މޫސުލް މިނިވަން ކުރުމަށް ވެވަޑައިގަތް ވަޢުދު ކާމިޔާބު ކަމާއިއެކު ފުއްދަވާނެ ކަމަށެވެ. އަދި މިހާރު މިފެންނަނީ އެމަނިކުފާނު ވެވަޑައިގަތް ވަޢުދު ފުއްދެވެމުންދާތަން ކަމަށާ ވަރަށް އަވަހަށް މޫސުލްގެ ހުރިހާ ސަރަޙައްދެއް ޢިރާޤުގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް ވެސް ޢަބާދީ ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ އެހީދޭ އެކިއެކި ޖަމާޢަތްތަކުން ލަފާކުރާ ގޮތުގައި މޫސުލްގައި ޙާލުގައި ޖެހިފައިވާ އެއް މިލިއަން ޢާންމު ރައްޔިތުން އެބަ ތިއްބެވެ. އަދި މޫސުލްގެ ގިނަ ސަރަޙައްދުތަކުން ކަރަންޓާ ފެން ކެނޑިފައިވާއިރު، ކާބޯތަކެތި އެކީހެން ހުސްވެފައިވާކަމަށްވެސް އެޖަމާޢަތްތަކުން ބުނެއެވެ.

އދ. އިން ހާމަކޮށްފައިވާ ގޮތުގައި މޫސުލް ހިފުމަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން 116000 މީހުންގެ ގެދޮރު ގެއްލިފައިވެއެވެ.

އިރާޤުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި މޫސުލް މިނިވަން ކުރުމަށް ކުރަމުންދާ ހަނގުރާމަ ކުރިއަށްދަނީ އައި.އެސް ޖަމާޢަތާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާ އިސްވެ އޮވެ އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ އަސްކަރީ އިއްތިޙާދުގެ ލަފަޔާ މަޝްވަރާގެ މަތިންނެވެ. ނަމަވެސް ހަނގުރާމައިގައި ޢަމަލީ ގޮތުން އެމެރިކާ ސިފައިން ބައިވެރިނުވާކަމަށް ވެސް ޢިރާޤުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

ދެހާސް ސާދަ ވަނަ އަހަރު ސޫރިޔާގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް ޢިރާޤުގެ ސަރަޙައްދުތަކަށް ދިން ޙަމަލާތަކުގައި އައި.އެސް ޖަމާޢަތުން ވަނީ ޢިރާޤުގެ ތިންބައިކުޅަ އެއްބައި ހިފާފައެވެ. އަދި މޫސުލް އައި.އެސް ޖަމާޢަތުގެ ބާރުގެ ދަށަށް ގެނައުމަށްފަހު އެރަށް ވެފައިވަނީ ޢިރާޤުގައި އެޖަމާޢަތުގެ ނުފޫޒު ވަރުގަދަ ކުރުމަށް ބޭނުންކުރާ މައި މަރުކަޒަށެވެ.

ޢިރާޤުގައި ޤާއިމުވެތިބި އައި.އެސް ޖަމާޢަތާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާ އިސްވެ އޮވެ ބައިނަލްއަޤްވާމީ އަސްކަރީ އިއްތިޙާދެއް ވަނީ އުފައްދާފައެވެ. މިއިއްތިޙާދުގައި 68 ޤައުމެއް އެކި ފެންވަރުގައި ދަނީ ބައިވެރިވަމުންނެވެ. އެގޮތުން ޢިރާޤުގައި އައި.އެސް. ޖަމާޢަތާ ދެކޮޅަށް ހަނގުރާމަ ކުރުމަށް 100,000 ސިފައިން ހިމެނޭ ލަޝްކަރެއްވެސް ވަނީ އެކުލަވާލާފައެވެ.

މިލަޝްކަރުގައި ބައިނަލްއަޤްވާމީ އަސްކަރީ އިއްތިޙާދަށް ނިސްބަތްވާ ސިފައިންގެ އިތުރުން އިރާޤުގެ ސިފައިންނާ ކުރުދީ ޕަޝްމާގާ ހަނގުރާމަވެރިންނާ ހަތިޔާރުއެޅި ޝިޢީ ޖަމާޢަތްތަކުން ބައިވެރިވެއެވެ.

އެމެރިކާގެ ދިފާޢީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގެ އަސްކަރިއްޔާއަށް ނިސްބަތްވާ 5000 ސިފައިން ޢިރާޤުގައި ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ އަސްކަރީ އިއްތިޙާދަށް އެހީތެރިވަމުންއެބަދެއެވެ.

މޫސުލް ހިފުމަށް ކުރަމުންދާ ހަނގުރާމަ އަކީ 2003 ވަނަ އަހަރު ޞައްދާމް ޙުސައިންގެ ވެރިކަން ބަދަލު ކުރުމަށްފަހު ޢިރާޤުގައި ހިންގާ އެންމެ ބޮޑު އަސްކަރީ ޙަރަކާތެވެ.