ކުޅިވަރު

ސާއިދު އަނެއްކާވެސް ޖެމެއިކާއަށް ފުރަން ތައްޔާރުވެއްޖެ


ޖެމެއިކާގައި ހޯދި ތަމްރީންތަކުން ބޮޑު ކުރިއެރުންތަކެއް ހޯދައި، ރާއްޖެއަށް ރަން ވަނަތަކެއް ހޯދައިދިން ބާރު ދުވުންތެރިޔާ ހަސަން ސާއިދު އަނެއްކާވެސް ޖެމެއިކާއަށް ފުރަން ތައްޔާރުވެއްޖެއެވެ.

އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ މުޙައްމަދު މުންތަޤިމް ވިދާޅުވީ މާދަމާނޫން އަނެއް ދުވަހު ފުރަން މިހާރު ހުރިހާކަމެއް ހަމަޖެހިފައިވާކަމަށެވެ. މިފަހަރު ހަތަރު މަސްދުވަހު ސާއިދު ޖެމެއިކާގައި ތަމްރީންތައް ކުރިއަށްގެންދާނެއެވެ. 

" ސާއިދު މެއިމަހުގެ ނިޔަލަށް ޖެމެއިކާގައި ތަމްރީން ހޯދާނެ. މެއިމަހުވެސް އެއަންނަނީ ދެމުބާރާތެއްގައި ވާދަކުރަންވެސް އޮތީމަ. އަސްލު ޖުލައިއާ ހަމައަށް ފުރުޞަތުލިބިފަ އޮތީ " މުންތަޤިމް ވިދާޅުވިއެވެ. 

ސާއިދުގެ މިފަހަރުގެ ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއްކުރާނީ އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް އެތްލެޓިކްސް ފެޑެރޭޝަން ( އައި.އޭ.އޭ.އެފް ) އިންނެވެ. 

200 މީޓަރާއި، 100 މީޓަރުގެވެސް ޤައުމީ ރެކޯޑް އޮންނަ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެންމެ ބޮޑަށް ފާހަގަކުރެވިގެން ދިޔައީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހޯދި ރަން މެޑެއްޔާއި ރިހި މެޑަލްއިންނެވެ. އޭނާ ރަންމެޑަލް ހޯދީ 100 މީޓަރު ދުވުމުންނެވެ. ރިހި މެޑަލް ހޯދީ 200 މީޓަރު ދުވުމުންނެވެ. އޭގެފަހުން އޭނާ ވަނީ ސައުތް އޭޝިއަން ގޭމްސްގައި ވާދަކޮށް 100 މީޓަރާއި، 200 މީޓަރުންވެސް ރިހި މެޑަލް ހޯދާފައެވެ. ސައުތް އޭޝިއަން ގޭމްސްގައި ވާދަކޮށް 2010 ވަނަ އަހަރު ލޯ މެޑަލް ހޯދި ރިލޭ ޓީމްގައިވެސް ސާއިދު ހިމެނެއެވެ. 

ރީޔޫނިއަންގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް އޭނާ ދިޔައީ 2012 ވަނަ އަހަރުން ފެށިން ޖެމެއިކާގައި ތަމްރީން ހޯދުމަށްފަހުގައެވެ. 

ޖެމެއިކާގައި ސާއިދު ތަމްރީން ހޯދަނީ ޖެމެއިކާ ހައި ޕާފޯމަންސް ސެންޓަރުގައެވެ.