ކުޅިވަރު

ކީޕަރު މުޙައްމަދު އިމްރާން ވިކްޓްރީއަށް


ޤައުމީ ޓީމްގެ ދެވަނަ ކީޕަރު އަދި ކުރިއަށް އޮތް ތަނުގައި އެއްވަނަ ކީޕަރަށްވާނެކަމަށް ބެލެވޭ މުޙައްމަދު އިމްރާން ވިކްޓްރީއަށް ސޮއިކޮށްފިއެވެ.

މިދިޔަ ދެ ސީޒަންގައި ޓީސީއަށް ކުޅުނު ކީޕަރު އެކްލަބްގައި މަޑުނުކުރާނެކަން ކްލަބުން ހާމަކުރިތާވެސް އެތައް ދުވަހެއް ފަހުން ވިކްޓްރީއަށް މިހާރު ސޮއިކޮށްފައިވާކަން ވިކްޓްރީން ކަށަވަރުކޮށްދެއެވެ.

އިމްރާން ވިކްޓްރީއަށް ސޮއި މިކުރީ މިދިޔަ އަހަރު ޔުނައިޓެޑް ވިކްޓްރީގެ ގޯލް ބެލެހެއްޓި ސީރިޔާގެ ޔޫސްފްވެސް ވިކްޓްރީއަށް ސޮއިކުރާނެކަން އެކްލަބުން ހާމަކޮށްފައިވަނިކޮށެވެ. މިދިޔަ ސީޒަންގައި މޮޅަށް ކުޅުނު ކީޕަރުވެސް ކުރިއަށް އޮތް ސީޒަންގައި ވިކްޓްރީން ފެންނާނެކަން މިރޭވެސް ވިކްޓްރީން ކަށަވަރުކޮށްދިނެވެ.

" އިމްރާން ސޮއިކޮށްފި. ދެވަނަ ކީޕަރެއް ބޭނުންވާނެއްނުން. ޔުނައިޓެޑް ވިކްޓްރީ ކީޕަރުވެސް ވިކްޓްރީން ފެންނާނެ. " ވިކްޓްރީގެ ޗެއަރމަން އިބްރާހީމް ނަޒީމް ވިދާޅުވިއެވެ.

އިމްރާން ވިކްޓްރީގެ ޕްރެކްޓިސްގައި ބައިވެރިވާން ފަށާނީ އާދިއްތަ ދުވަހުކަމަށް އެކްލަބުން މައުލޫމާތުދެއްވައެވެ. ވިކްޓްރީން މިހާރު އަންނަނީ އާސީޒަނަށް ތައްޔާރުވުމަށް ޕްރެކްޓިސް ކުރަމުންނެވެ. ސީރިޔާ ކީޕަރާ ވާދަކޮށް، ވިކްޓްރީގެ އެއްވަނަ ކީޕަރުގެ މަޤާމް ހޯދުން ވެގެންދާނީ އިމްރާނަށް ކުރިމަތިވާނެ ބޮޑު ޗެލެންޖަކަށެވެ. ޤައުމީ ޓީމްގެ އެއްވަނަ ކީޕަރު އިމްރާން މުޙައްމަދު ޤައުމީ ޓީމަށް ކުޅުން ހުއްޓާލާފަވާތީ މުޙައްމަދު އިމްރާނަށް މިއަހަރަކީ މުޙިއްމު އަހަރެކެވެ.