ސިޔާސީ

ވޯޓްލާ މީހުންގެ ލިސްޓަށް 900 އަށްވުރެ ގިނަ މީހުން އިތުރުވެއްޖެ


ލޯކަލް ކައުންސިލް އިންތިޙާބު ބާއްވާ ތާރީޚަށް ގެންނެވި ބަދަލާއެކު އެ އިންތިޚާބުގައި ވޯޓްލާ މީހުންގެ ލިސްޓަށް 900 އަށްވުރެ ގިނަ މީހުން އިތުރުވެއްޖެއެވެ.

ތާރީޚަށް ގެންނެވި ބަދަލާއި އެކު އިލެކްޝަންސް ކޮމިޝަނުން އާއްމުކުރެއްވި ލިސްޓުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވަނީ 255847 މީހުންނަށެވެ. މިއީ ކުރީގެ ލިސްޓާ އަޅާބަލާއިރު 977 މީހުން އިތުރު އަދަދެކެވެ. ކުރިން އާއްމުކުރެއްވި ލިސްޓުގައި ވޯޓުލުމުގެ ހައްޤުލިބިފައިވަނީ 254870 (ދެ ލައްކަ ފަންސާސް ހަތަރު ހާސް އަށްސަތޭކަ ހަތްދިހަ) މީހުންނަށެވެ.

އަންނަ އޭޕްރިލްމަހުގެ 8 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޙާބުގެ ވޯޓާސް ލިސްޓް އާއްމުކުރައްވާ އެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު މިމަހުގެ 23 ވަނަ ދުވަހުގެ ނިލަޔަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލައްވާފައެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ޚާއްސަ ހަރަކާތްތަކެއް އަންނަ ހުކުރުދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

އާޓިފިޝަލް ބީޗުގައި ބާއްވަވާ މިހަރަކާތުގެ ތެރެއިން ވޯޓު ދިނުމުގެ ޙައްޤުލިބިފައިވާ މީހުންގެ ލިސްޓުގައި އެމީހެއްގެ ނަން އޮތްތޯ ޗެކްކޮށްދިނުމާއި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް އިލެކްޝަންސްއިން ވިދާޅުވެއެވެ.