ކުޅިވަރު

ފުޓްބޯޅައިގެ ގަދަ ބާރަކަށްވުމަށް ޗައިނާ ކުރާ މަސައްކަތް


ޗައިނާއިން ދުނިޔޭގެ އެއްވަނައަށް އައުމަށް ކުރާ މަސައްކަތުގައި ކުޅިވަރެއްވެސް ދޫކޮށްލާކަށް އެ ޤައުމުން ބޭނުމެއް ނުވެއެވެ. ޗައިނާއިން ވަނީ ފުޓްބޯޅަޔަށް ބޮޑު ސަމާލުކަމެއް ދޭން ފަށާފަ އެވެ. ދުނިޔޭގެ އެންމެ އާބާދީބޮޑު ޤައުމު، ޗައިނާގެ ރައީސް ޝީ ޖިންޕިންއަކީވެސް ފުޓްބޯޅައަށް ލޯބިކުރައްވާ ބޭފުޅެކެވެ.

ޗައިނާއިން ބޭނުންވަނީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ބާރަށްވާށެވެ. އަދި އެޤައުމުން ވަނީ ދެހާސް ފަންސާސްވަނަ އަހަރަށް ދާއިރު ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު ބާރަށް ވުމަށް މިދިޔަ އަހަރު ކުރީކޮޅު ޕްލޭނެއް އެކުލަވާލާފަ އެވެ. މި ޕްލޭންގެ ދަށުން ދެހާސްވިހިވަނަ އަހަރާ ހަމަޔަށް ޗައިނާގެ 50 މިލިއަން މީހުން ފުޓްބޯޅައިގެ ތެރެޔަށް ވެއްދުމަށް ވަނީ ކަނޑައަޅާފަ އެވެ. 2020ވަނަ އަހަރާ ހަމަޔަށް ފުރިހަމަ ކުރުމަށް ހަމަޖެހިފައިވާ އިތުރު ޓާގެޓްތަކުގެތެރޭގައި 20،000 ފުޓްބޯޅަ ޓްރެއިނިންގ ސެންޓަރު ޤާއިމްކުރުމާއި، 70،000 ފުޓްބޯޅަ ކުޅޭ ދަނޑު ނިންމުން ހިމެނެ އެވެ. ޗައިނާއަކީ އޮލިމްޕިކްސްއާއި ޕެރަލިމްޕިކްސްގައިވެސް ދުނިޔޭގެ އެންމެ ކުރީގައި އޮތް އެއް ޤައުމެވެ. އެހެންނަމަވެސް ވޯލްޑްކަޕަށް ޗައިނާ ކޮލިފިއިވެފައިވަނީ 2002ވަނަ އަހަރު އެކަންޏެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެފައިވަނީ ފަނަރަ އަހަރުތެރޭ ޗައިނާއިން ވޯލްޑްކަޕްގެ ތަށި ހޯދުމަށް ބޭނުންވާކަމަށެވެ.

ފުޓްބޯޅައިގެ އެންމެ ވަރުގަދަ ބާރަށް ވުމަށް ކުރިޔަށްގެންދާ މަސައްކަތްތަކުގެތެރޭގައި ކުރު މުއްދަތުގެ ޕްލޭންތަކާއި ދިގު މުއްދަތުގެ ޕްލޭންތަށް ހިމެނެ އެވެ. އޭގެ ތެރޭގައި 2030ވަނަ އަހަރާ ހަމަޔަށް، ކޮންމެ 10،000 މީހަކަށް ފުޓްބޯޅަ ދަނޑެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. ދެހާސް ތިރީހާ ހަމަޔަށް ޗައިނާގެ ފިރިހެން ޤައުމީ ޓީމް އޭޝިޔާގެ އެންމެ މޮޅު އެއް ޓީމަށް ވާންޖެހެވެ. އަދި އަންހެން ޤައުމީ ޓީމް ދުނިޔޭގެ ފެންވަރުގެ ޓީމަކަށް ވާންޖެހެއެވެ.

2050 އަހަރާ ހަމަޔަށް ޗައިނާ ވާންޖެހޭނީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު އެއް ބާރަށެވެ. އަދި ޗައިނާޔަކީ މޮޅު ކުޅުންތެރިން އުފައްދާ ޤައުމަކަށް ވާންޖެހެއެވެ. ޗައިނާގެ ފުޓްބޯޅަ ޓީމް މިހާރު ރޭންކް ކުރެވިފައިވަނީ 81ވަނަ މަގާމުގަ އެވެ. ޗައިނާޔަށްވުރެ ކުރީގައި އުޅޭ ޤަމުތަކުގެ ތެރޭގައި، އެ ޤައުމަށްވުރެ އެތަށް ގުނައެއް އާބާދީ ކުޑަ ޤައުމުތަށް ހިމެނެއެވެ.

img:http://s3.psmnews.mv/images/660x400/14848089408181.jpg|

ޗައިނާއިން ވަނީ ފުޓްބޯޅަޔަށް އެ ޤައުމުން ދޭ ސަމާލުކަން ބޮޑުކޮށްފައެވެ. ޗައިނާގެ ކްލަބްތަކުން ދަނީ ދުނިޔޭގެ އެހެން ކްލަބްތަކަށް ނުދެވޭވަރުގެ ބޮޑު އަގުތައް ހުށައަޅައިގެން ކުޅުންތެރިން ގަންނަމުންނެވެ. އެ ކުޅުންތެރިންނަށް ދެނީ އެހެން ޤައުމްތަކަށް ކައިރިވެސް ނުކުރެވޭނެ ވަރުގެ މުސާރައެކެވެ.

ކުރިން ދުނިޔޭގެ މޮޅު ކުޅުންތެރިންނަށް ތަޅާފޮޅަނީ ޔުރަޕްގެ ފުޓްބޯޅައިގެ ބޮޑެތި ބާރުތަށްކަމަށްވާ އިންގްލޭންޑް، ސްޕެއިން، ޖާރމަނީ އަދި އިޓަލީފަދަ ޤައުމުތަކުންނެވެ. އެހެންނަމަވެސް މިހާރު ޗައިނާ ފެންނަމުންދަނީ ކުޅުންތެރިން ޤަތުމުގައި އެންމެ ވާދަވެރި އެއް ޤައުމުގެ ގޮތުގައެވެ.

ޗައިނާގެ ކްލަބް ޝަންހާއި ޝެންހުއާއަށް ކާލޮސް ތެވޭޒް ދިޔައީ އޭނާ އެންމެ ލޯބިވާ ބޮކާ ޖޫނިއާސް ދޫކޮށެވެ. އޭނާގެ މުސާރަޔަށް ކޮންމެ ހަފްތާޔަކަށް 615،000 ޕައުންޑް ލިބޭނެކަމަށް ޗައިނާގެ ރިޕޯޓްތަށް ބުނެ އެވެ. އެއާއެކު ތެވޭޒް ވެގެންދަނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ފުޓްބޯޅަ ކުޅުންތެރިޔާއަށެވެ. މެސީ އަދި ރޮނާލްޑޯއަށްވުރެ ބޮޑު މުސާރައެއް ތެވޭޒަށް ލިބެ އެވެ. ބްރެޒިލްގެ މިޑްފީލްޑަރ އޮސްކާ ޗެލްސީއިން ވިއްކާލީ ޗައިނާގެ ކްލަބަކުން އޭނާޔަށް 52 މިލިއަން ޕައުންޑް ހުށަހެޅުމުންނެވެ. އޮސްކާޔަށް މުސާރައިގެ ގޮތުގައި ހަފަތާޔަކު 400،000 ޕައުންޑް ލިބޭނެ އެވެ.

މެންޗެސްޓަރ ޔުނައިޓެޑަށް ޒްލަޓާން އިބްރަހިމޮވިޗަށް ޗައިނާއިން ހުށަހެޅި ހަފްތާޔަކަށް އެއް މިލިއަން ޕައުންޑް ލިބޭ ހުށަހެޅުމަކަށް އޭނަ ވަނީ ނޫނެކޭ ބުނެފައެވެ. އޭނަޔާއެކު ޔުނައިޓެޑަށް ކުޅޭ ވޭން ރޫނީއަށް ތިން އަހަރުތެރޭ 75 މިލިއަން ޕައުންޑް ލިބޭ ހުށަހެޅުމެއްވެސް ޗައިނާއިން ހުށަހެޅިކަމަށް ރިޕޯޓްތަށް ބުނެ އެވެ. އަދި ސިޓީގެ ޔާޔާ ޓޫރޭ ވަނީ ވަރަށް ފަހުންވެސް ހަފްތާއަކު 600،000 ޕައުންޑާ ކައިރިކުރާ މުސާރަކަށް ޗައިނާޔަށް ބަދަލުވުމަށް ނޫނެކޭ ބުނެފައެވެ.