ވިޔަފާރި

ޑިސެމްބަރުމަހުގެ ޕެންޝަން ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކޮށްފި


ހުސްވި ޑިސެމްބަރުމަހުގެ ރިޓަޔަމަންޓް ޕެންޝަނުގެގޮތުގައި ދައްކަންޖެހޭ ފައިސާ ދެއްކުމުގެ މުއްދަތު ޕެންޝަން އޮފީހުން އިތުރުކޮށްދެއްވައިފިއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ވިދާޅުވި ގޮތުގައި ހުސްވި ޑިސެމްބަރުމަހުގެ ޕެންޝަން ކޮންޓްރިބިއުޝަންސް ދެއްކުމުގެ މުއްދަތު މާދަމާގެ ނިޔަލަށް އިތުރުކޮށްދީފައިވާ ކަމަށެވެ. 

ދިވެހިރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަނާ ބެހޭ ޤަވައިދަށް ބަލާއިރު، ޕެންޝަން ސްކީމްގެ ބައިވެރިއަކު ކަމުގައިވާ ކޮންމެ މީހެއްގެ ޕެންޝަނަށް ބަލާ މުސާރައިގެ މަދުވެގެން 7 އިންސައްތަ އެ މުއައްޒަފަކު، އަދި މުސާރައިގެ މަދުވެގެން 7 އިންސައްތަ އެ މުއައްޒަފަކަށް ވަޒީފާ ދީފައިވާ ފަރާތުން ސްކީމަށް ދައްކަންޖެހެއެވެ. މި ފައިސާ ދައްކަންޖެހޭ މުއްދަތެއް ކަމަށް ކަނޑައަޅުއްވާފައިވަނީ، މުވައްޒަފު ވަޒީފާ އަދާކުރަން ފެށި މަހާއި ވިދިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރިޓަޔަމަންޓް ޕެންޝަން ސްކީމަށް ފައިސާދައްކަން ޖެހެނީ އުމުރުން 16 އަހަރާއި 65 އަހަރާއި ދެމެދުގެ ވަޒީފާ އަދާކުރާ މުއައްޒަފުންނެވެ. 65 އަހަރުން މަތީގެ މީހުންގެ މައްޗަށް ސްކީމަށް ފައިސާ ދެއްކުމަށް ހަމަޖެހިފައެއް ނުވެއެވެ.