ތަޢުލީމު

"ބާ ޔުނީފޯމް ނައްތާލާނެ އުސޫލް މިދަނީ އަންގަމުން"


ސްކޫލްތަކުގެ ޔުނީފޯމް ބާވެގެން ނުވަތަ އެނޫންވެސް ކަމެއްދިމާވެގެން އުކާލާނަމަ އަމަލު ކުރާނެގޮތް، ސްކޫލްތައް މެދުވެރިކުރައްވައި ބެލެނިވެރިންނާ ޙިއްސާކުރައްވަމުން ގެންދަވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.  

ޓީވީއެމް އަށް މަޢުލުމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު ވިދާޅުވީ އާއްމުން ޙާއްސަކޮށް ބިދޭސީން ސްކޫލްތަކުގެ ޔުނީފޯމް ލާމައްސަލަ ފަހަކަށް އައިސް އިތުރުވެފައިވާކަން ފާހަގަކުރެވޭކަމަށެވެ.

މިފަދަ މައްސަލަތައް ދިމާވަނީ ބާވެގެން އުކާލަންޖެހޭ ޔުނީފޯމް ނައްތާލުމުގައި ފަރުވާ ނުބަހައްޓާތީކަމަށް ޝަފީޢު ވިދާޅުވިއެވެ.

"ބެލެނިވެރިންނާ ހިސާބުންވެސް އަޅުގަނޑު ކޮށްލަން ބޭނުންވާ އަދި ސްކޫލްތަކުންވެސް މިކަމުގައި އަންގާލަދެއްވަން ބޭނުންވާކަމަކީ ޔުނީފޯމަކީ ވަކި ކުދިންތަކަކަށް ޙާއްސަކުރެވިފައިވާ އެއްޗަކަށްވާތީ ދެވަނަ ފަހަރަކަށް އެހެން ބަޔަކު އެއީ އެނަގައިގެން އެހެންބޭނުމެއް ކުރެވޭނެ އެއްޗަކަށް ނުވާތީ މި އެއްޗެހިވެސް ނައްތާލާއިރު ދެވަނަފަހަރަށް ބޭނުން ނުކުރެވޭނެ ގޮތަކަށް ހައްދަވާފައި އެއީ ބާ ފޮއްޗައް ވާނެ ގޮތަކަށް ނަމަވެސް ހައްދަވާފައި އެއެއްޗެއް ނައްތާލެއްވުން ވަރަށް މުހިންމު. ދެވަނަ ފަހަރަށް އެ ބޭނުންކުރެވޭނެގޮތަކަށް ނުހައްދަވާ އެއިރުން އަޅުގަނޑުމެންނަށް ހީވަނީ މި މައްސަލަ ދިމާނުވާނެހެން. މިކަންކަމުގެ އިރުޝާދު ސްކޫލްތަކުގެ ޕުރިންސިޕަލުންނާއި ބޭބޭފުޅުން މެދުވެރިކޮށް ބެލެނިވެރިންނާ ހިއްސާކުރުމަށް ދަންނަވާފައިވާނީ. " ޝަފީޢު ވިދާޅުވިއެވެ.

 ސްކޫލް ޔުނީފޯމަކީ އެޔުނީފޯމް އެޅުމުން އެއީ ސްކޫލް ކުއްޖެކަމާއި، އެކުއްޖާ ނިސްބަތްވަނީ ކޮން ސްކޫލަކަށްކަން އަންގައިދޭ ނިޝާނެކެވެ. ސްކޫލް ޔުނީފޯމަކީ އެއަށް އިޙްތިރާމް ކުރަންޖެހޭ އެއްޗެކެވެ. އެހެންކަމުން ކަމާނުގުޅޭ މީސްމީހުން ޔުނީފޯމު އެޅުމާއި، އޭގެ އިޙްތިރާމް ކުޑަވާފަދަ ކަންކަން މެދުވެރިވުން ހުއްޓުވުމަށް އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.