ވިޔަފާރި

ޓެކްސް ދައްކާ ފަރާތްތަކަށް ލުޔެއް !


އަހަރެއްގެ ތެރޭގައި ލިބޭ އާމްދަނީ 10 މިލިއަން ރުފިޔާއަށްވުރެ އިތުރު ނުވާނަމަ، ޓެކްސް އަހަރު 2016 އިން ފެށިގެން އެ ފަރާތެއްގެ ހިސާބުތައް ތައްޔާރުކުރުމުގައި "ކޭޝް ބޭސިސް" އިޚްތިޔާރު ކުރެވޭގޮތަށް ހަމަޖައްސައި، ހިސާބު ބެލެހެއްޓުމުގައި ޓެކްސް ދައްކާ ފަރާތްތަކަށް ދައުލަތުގެ ޓެކްސް އިދާރާއިން ލުޔެއްދީފިއެވެ.

މިކަމާއި ބެހޭގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ވިދާޅުވީ، އެއޮތޯރިޓީން މިގޮތަށް ހަމަޖެއްސީ ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް ނުވަތަ ބީ.ޕީ.ޓީގެ ގަވާއިދަށް ގެނައި އެގާރަ ވަނަ އިސްލާހުގެ ދަށުންނެވެ.

ކުދި ވިޔަފާރިތަކުން ހިސާބުތައް ބެލެހެއްޓުމުގައި ލުއި ދިނުމުގެ ގޮތުން، މީރާއިން މި އިސްލާޙު ގެނައުމުގެކުރިން "ކޭޝް ބޭސިސް" އިޚުތިޔާރު ކުރެވެނީ އަހަރަކު 5 މިލިޔަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށެވެ.

"ކޭޝް ބޭސިސް" ގައި އާމްދަނީ އާއި ޚަރަދުތައް ހިމަނަން ޖެހޭނީ ފައިސާ ލިބޭ ނުވަތަ ހޭދަކުރާ ތާރީޚެއްގައެވެ. އަދި "އެކްރުއަލް ބޭސިސް" ގައި އާމްދަނީ އާއި ޚަރަދުތައް ހިމަނަން ޖެހޭނީ (ފައިސާ ލިބުނަސް ނުވަތަ ނުލިބުނަސް) އެކަމެއް ނިސްބަތްވާ ތާރީޚެއްގައެވެ.

މީރާއިން ވަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމުގައި ވަކި ފަރުދުންނަށް ދީފައިވާ ލުއި، އެ އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ "ޑީމްޑް ޕާޓްނަރޝިޕް" ތަކަށް ވެސް، ޓެކްސް އަހަރު 2016 އިން ފެށިގެން، ދީފައެވެ. އެއީ، އަހަރަކު އާމްދަނީ ހަތްސަތޭކަ ފަންސާސްހާސް (750,000) ރުފިޔާ އަދި ފައިދާ ފަސްސަތޭކަހާސް (500,000) ރުފިޔާ އަށްވުރެ މަދުން ލިބޭ ފަރާތްތައް ބީ.ޕީ.ޓީ ބަޔާން ހުށަހަޅަން ނުޖެހޭގޮތަށް ހަމަޖެއްސުމަށެވެ.

މީރާއިންވަނީ، ކުންފުންޏެއް އުވާލަން ހުށަހަޅާ ތާރީޚުގެ ފަހުން ހިނގާ މުއްދަތުތަކަށް އެއްވެސް ޓެކްސް ބަޔާނެއް ހުށަހަޅަން ނުޖެހޭގޮތަށް ހަމަޖައްސަވާފައެވެ. މިހާރު އުވާލަން ހުށަހަޅާފައިވާ ހުރިހާ ކުންފުންޏަކަށްވެސް މި ލުއި ލިބޭނޭކަމަށް މީރާއިން މައުލޫމާތުދެއްވައެވެ.