ދުނިޔެ

އެމްއެޗް 370 ހޯދުމުގެ މަސައްކަތް ހުއްޓާލައިފި


2014 ވަނަ އަހަރުގެ މާޗުމަހުގެ 8 ވަނަ ދުވަހު މެލޭޝިޔާގެ ކުއާލަލަންޕޫރުން ފުރައިގެން ޗައިނާގެ ބެއިޖިންއަށް ދަތުރުކުރަނިކޮށް، ވީނުވީއެއް ނޭނގި ގެއްލުނު މެލޭޝިޔާ އެއަރލައިންސް އެމް.އެޗް 370 ކަނޑުއަޑިން ފެނޭތޯ ބެލުމަށް ކުރިއަށްގެންދިޔަ މަސައްކަތް ހުއްޓާލައިފިއެވެ.

ކަނޑުއަޑިން ބޯޓުގެ ނިޝާނެއް ފެނޭތޯ މީގެ 3 އަހަރުކުރިން ފެށި މަސައްކަތް ހުއްޓާލުމަށް ނިންމިކަން އިޢުލާންކުރީ ޗައިނާއާއި އޮސްޓްރޭލިއާ އާއި މެލޭޝިޔާއިން ނެރުނު ގުޅިފައިވާ ބަޔާނެއްގައެވެ. މި 3 ޤައުމަކީ 239 މީހުންނާއެކު ދަތުރުކުރަމުންދަނިކޮށް ގެއްލުނު އެމްއެޗް 370 ހޯދުމުގެ މަސައްކަތުގައި އިސްކޮށް ޙަރަކާތްތެރިވަމުންދާ ޤައުމުތަކެވެ.

"ޒަމާނީ ވަޞީލަތްތަކާއި ޓެކްނޮލޮޖީއާއި ސައިންސާ، ތަޖުރިބާކާރުންގެ އިރުޝާދާއެކުވެސް ބޯޓު ހޯދުމަށް ކުރި މަސައްކަތުން އެމްއެޗް 370 ފެންނަ ގޮތެއް ނުވި" ޤައުމުތަކުގެ ގުޅިފައިވާ ބަޔާނުގައިވެއެވެ. 

މިބަޔާނުގައި ކަނޑުއަޑިން ބޯޓު ފެނޭތޯ ބެލުމަށް ކުރިއަށްގެންދިޔަ ޙަރަކާތްތައް ހުއްޓާލުމަށް ނިންމި ނިންމުމަކީ އުނދަގޫ އަދި ހަމައެހާމެ ދެރަވާ ނިންމުމެއްކަމަށްވެސް ބުނެފައިވެއެވެ.

އެމް.އެޗް 370 ގައި ދަތުރުކުރި ފަރާތްތަކުގެ ޢާއިލާތަކުގެ ޙައްޤުގައި މަސައްކަތްކުރާ "ވޮއިސް ތްރީސެވަންޓީ" ގުރޫޕުން ވަނީ ފްލައިޓް ހޯދުމަށް ކުރިއަށްގެންދިޔަ މަސައްކަތް ހުއްޓާލުމުން ކަންބޮޑުވާންކަން ހާމަކޮށްފައެވެ. ބޯޓު ހޯދުމަށް ކުރިއަށްގެންދިޔަ މަސައްކަތް ހުއްޓާލުމަކީ ޒިންމާދާރުކަން ކުޑަ ނިންމުމެއްކަމަށް އެގުރޫޕުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

img:http://s2.psmnews.mv/images/660x400/6881.jpg|އެމްއެޗް 370 ހޯދުމަށް ހަރަކާތްތެރިވާ ބޯޓެއް- ފައިލް ފޮޓޯ: ޒިންހުއާ

ބޯޓުން ދަތުރުކުރި މީހުންގެ ޢާއިލާތަކުގެ މެމްބަރުންވެސް ދަނީ ބޯޓު ހޯދުމަށް ކުރިއަށްގެންދިޔަ މަސައްކަތް ހުއްޓާލުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ.  

"އެމީހުން ބުނި ވަރަށް ޔަޤީނޭ ރަނގަޅު ސަރަޙައްދުކަން މިބަލަނީ. އެކަމަކު އަހަންނަށް ހީވަނީ އެމީހުން އެބެލީ ނުބައި ސަރަޙައްދުހެން. އެމްއެޗް 370 އަށް ވީގޮތް މުހިއްމީ ހަމައެކަނި ޢާއިލާތަކަށެއް ނޫން. މުޅި ދުނިޔެއަށްވެސް މުހިއްމު މިބޯޓަށް ވީގޮތް އެނގެން"  ބޯޓުން ދަތުރުކުރި ފަސިންޖަރެއްގެ މަންމަ ބުންޏެވެ.

120000 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ބެލުމަށްފަހު ބޯޓު ނުފެނިއްޖެނަމަ، ބޯޓު ހޯދުމުގެ މަސައްކަތް ހުއްޓާލާނެކަން އޮސްޓްރޭލިއާއާއި ޗައިނާއާއި މެލޭޝިޔާއިން ވަނީ މިދިޔަ އަހަރު އިޢުލާނުކޮށްފައެވެ. ބޯޓު ހޯދުމުގެ މަސައްކަތް ހުއްޓާލިކަން އިޢުލާނުކޮށް މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ 120000 އަކަ ކިލޯމީޓަރުގެ ބޮޑު ސަރަޙައްދެއް ބެލިއިރުވެސް ބޯޓުއެއްވެސް ނިޝާނެއް ފެނިފައިނުވާކަމަށެވެ.

އެމްއެޗް ތްރީ ސެވަންޓީ ގެއްލުނު ޙާދިސާއަކީ ވައިގެ ދަތުރުފަތުރުގެ ފަހުގެ ތާރީޚުގައި ގިނަ ބައެއް ސަމާލުކަން ހުއްޓުނު އެންމެ އާދަޔާ ޚިލާފް ޙާދިސާއެވެ. މިބޯޓަށް ވީގޮތް ޔަޤީންކަމާއެކު ބުނެދޭން އެނގޭ އެއްވެސް ފަރާތެއް ނެތެވެ. ކޮންމެ ބަޔަކުވެސް ބުނަމުންދަނީ އެމީހުންނަށް ހީވާ ގޮތެވެ. ބޯޓު ހޯދުމަށް އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށްފައިވާއިރު، ބޯޓު ފެނޭތޯ ވައިގެ މަގުންނާއި ކަނޑުގެ އަޑިން އެތައް ހާސް މޭލެއްގެ ސަރަޙައްދެއް ވަނީ ބަލާފައެވެ. ނަމަވެސް މިހާތަނަށް ބޯޓަށް ވީގޮތެއްވެސް، ބޯޓު ގެއްލުމަށް ދިމާވި ސަބަބެއްވެސް ހޯދިފައެއްނުވެއެވެ.