ޚަބަރު

ޑިފެންސް މިނިސްޓްރީގެ މިދިޔަ އަހަރުގެ މަސައްކަތްތައް ރިވިއުކޮށްފި


މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީއާއި އެ މިނިސްޓްރީގެ ދަށުން ހިންގަވާ ހުރިހާ މުއައްސަސާތަކުން މިދިޔަ އަހަރު ކުރި މަސައްކަތްތައް މުރާޖަޢާކޮށް މި އަހަރަށް ރާއްވަވާފައިވާ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމުގެ މަސައްކަތު ބައްދަލުވުމެއް ޑިފެންސް މިނިސްޓްރީން ފަށްޓަވައިފިއެވެ.

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާއި އެމިނިސްޓްރީގެ ދަށުން ހިންގަވާ މުޢައްސަސާތަކުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، 2014 އިން 2018 އެކަށައަޅުއްވާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއްގެ ދަށުންނެވެ. މި  ޕްލޭންގެ ދަށުން ކޮންމެ އަހަރަކުވެސް ހާޞިލްކުރެވޭ މިންވަރާއި އަނެއް އަހަރަށް ރާއްވަވާފައިވާ ކަންކަން ހާޞިލްކުރެއްވުމަށް ކަނޑައެޅޭ ވަކި ދުވަސްތަކުގައި މިފަދަ މަޝްވަރާތައް ޑިފެންސް މިނިސްޓްރީން ކުރިއަށް ގެންދަވައެވެ. 

ސްޓްރެޓީޖިކް އެކްޝަން ޕްލޭން ރިވިއުކުރެއްވުމަށް ކޯސްޓްގާޑް ބިލްޑިންގައި ބޭއްވި މަސައްކަތު ބައްދަލުވުން ފައްޓަވައި ދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރުއެވެ.

މިމަސައްކަތު ބައްދަލުވުން ފައްޓަވައި ދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޢާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ނިމިދިޔަ އަހަރަކީ ޑިފެންސް މިނިސްޓްރީގެ ދަށުން ޚިދުމަތްދެއްވާ އެކި މުއައްސަސާތަކަށްވެސް ތަފާތު ގިނަ މަސައްކަތްތަކެއް ކުރެވުނު ކާމިޔާބު އަހަރެއްކަމަށެވެ. އެގޮތުން އޭވިއޭޝަން ސެކިއުރިޓި ކޮމާންޑުގެ ހިންގެވުމަށް ގެންނެވި ބަދަލުތަކާއެކު މުވައްޒަފުންނާ ގުޅުހުންހުރި ބައެއް ކަންކަން ހަރުދަނާކުރައްވަން ޖެހިވަޑައިގަންނަވާކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި ކާރިޘާތައް ދިމާވުމުން އެހީތެރިކަން ފޯރުކޮށްދެއްވުމަށާއި ރަށްރަށަށް ފެން ފޯރުކޮށްދެއްވުމަށްވެސް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރެއްވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފަހަކަށް އައިސް ހިނގާ އަލިފާނުގެ ހާދިސާތައް ގިނަވުމާއެކު، އެކި ތަންތަނުގައި އަލިފާން ނިއްވުމުގެ ނިޒާމް ހުންނަންޖެހޭ ގޮތުގެ ގައިޑްލައިނެއް އެކުލަވާލުމުގެ މަސައްކަތް މިއަހަރުތެރޭގައި ނިންމަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ގދ. ތިނަދޫއާއި، އދ. މާމިގީލީގައި އަލިފާން ނިއްވުމުގެ ނިޒާމް ޤާއިމްކުރައްވަމުން ގެންދަވާއިރު، އިތުރު ދެރަށެއްގައި އެފަދަ ނިޒާމެއް މިއަހަރު ޤާއިމްކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. 

"މިއަހަރު އަޅުގަނޑުމެން އަމާޒު އެބަހިފަން ގއ. ވިލިނގިއްޔާއި، ފ. ނިލަންދޫގައި ވެސް ރައްޔިތުންގެ ބައިވެރިވުން އޮވެގެން، ތައްޔާރުކުރެވޭ އަލިފާން ނިއްވުމުގެ ނިޒާމް ޤާއިމްކުރެއްވުމުގެ މަސައްކަތް ކުރެއްވުމަށް.  އަދި އަސްކަރީ ކޯޓު އުފެއްދެވުމަށް ބޭނުންވާ ތައްޔާރީތަށް އަޅުގަނޑުމެން މިއަހަރު ކުރިއަށް ގެންދާނަން. ހަމައެއާއެކު ނޭޝަނަލް ސެކިއުރިޓީގެ ބިލް މިއަހަރުގެ ތެރޭގައި މަޖިލީހަށް ހުށައަޅާނަން." މިނިސްޓަރ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓްރީން 2014 އިން 2018 އެކަށައަޅުއްވާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން، ބައެއް މުއައްސަސާތަކުގެ މަސައްކަތް 3 މަހުން އެއް މަހު އަދި ކޮންމެ 6 މަހަކާއި، އަހަރެއް ނިމުމާއެކު ވެސް ރިވިއުކުރަމުންދެއެވެ.