ތަޢުލީމު

800 އަށްވުރެ ގިނަ ޓީޗަރުން ޑިގްރީ ޕްރޮގްރާމަށް ފޯމު ހުށަހަޅައިފި


ސްކޫލުތަކުގައި ކިޔަވައިދެއްވާ ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީނުކުރެއްވުމަށް ހުޅުވާލެއްވި ފުރުޞަތުގައި މިހާތަނަށް 800 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

3000 ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީނުކުރެއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދަވާ ޕްރޮގްރާމަށް ފޯމް ހުށަހެޅުމުގެ މުއްދަތު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ. މި ޕްރޮގްރާމް އެޑިއުކޭޝަން މިނިސްޓްރީން ކުރިޔަށްގެންދަވަނީ ޤައުމީ ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ގުޅިވަޑައިގެންނެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދެއްވާ ޓީޗަރުންނަކީ ޤާބިލް ބަޔަކަށް ހެއްދެވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޓީޗަރުންނަށް މަތީ ތަޢުލީމް ހާޞިލްކުރެއްވުމުގެ ފުރުޞަތު ދެއްވުމުގެ ގޮތުން ގިނަ ޕްރޮގްރާމްތަކެއް ދަނީ ހިންގަވަމުންނެވެ. ވޭތުވެދިޔަ އަހަރު ތެރޭގައި އެކަނިވެސް ދެހާހަށްވުރެ ގިނަ ޓީޗަރުން ޑިޕްލޮމާއަށްވުރެ މަތީ ލެވެލްތަކަށް ތަމްރީނު ކުރައްވާފައިވެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިވަޑައިގެން މިދިޔަ އަހަރު ޓީޗަރުން ތަމްރީނު ކުރެއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ޚާއްސަ ޕްރޮގްރާމެއް ފަނީ ފަށްޓަވާފައެވެ. މިޕްރޮގްރާމުގެ ދަށުން ގިނަ ޓީޗަރުންތަކެއްދަނީ އެ ޔުނިވަރސިޓީން މަތީ ތަޢުލީމް ޙާޞިލު ކުރައްވަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ނިމިގެން ދިޔަ އަހަރަކީ ޓީޗަރުންނަށް މަތީ ތަޢުލީމް ޙާޞިލު ކުރެއްވުމަށް ފަހި ފުރުޞަތުތަކެއް ހުޅުވާލެވުނު އަހަރެއް ކަމަށެވެ. އަދި މިހާރު ސްކޫލްތަކުގައި ކިޔަވައިދެއްވާ ޓީޗަރުންނަކީ ޑިޕްލޮމާއިން މަތީގެ ފެންވަރުގެ ޓީޗަރުންކަން އެ މިނިސްޓްރީން ފާހަގަކުރައްވައެވެ.

ޓީޗަރުންގެ ތަމްރީން ކުރެއްވުމާ ގުޅޭގޮތުން ޕީއެސްއެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު ވިދާޅުވީ ތަޢުލީމީ ދާއިރާގެ ތެރޭގައި ހިމެނޭ ސިޔާސަތުގެ ތެރެއިން ކުރިޔައް އޮތް 4 ނުވަތަ 5 އަހަރު ދުވަހުގެ ތެރޭގައި ޓީޗަރުން ޑިގްރީ ފެންވަރަށް ގެންނެވުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށެވެ. އަދި މިއަހަރު ތެރޭގައި އިތުރު ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށްވެސް ޝަފީޢު ވިދާޅުވިއެވެ.

"ކަނޑައެޅިގެން ވަކި ދާއިރާތަކަށް ބަލާއިރު، އަޅުގަނޑުމެން އެންމެ އިސްކަމެއް މިދެނީ އެކަމުގެ ތަމްރީނު ލިބިފައިނެތް ރަށްރަށަށް އިސްކަންދީގެން. ދެން އަޅުގަނޑުމެން މިބަލަނީ ސާނަވީ މަރުހަލާގެ ބިދޭސީ ޓީޗަރުން ތިބި ދާއިރާތަކަށް ދިވެހިން ތަމްރީނުކުރުމަށް. ޑިޕޮލަމާ ލެވެލްއިން އަޅުގަނޑުމެން މި ބަލަނީ ޑިގްރީ ލެވެލްއަށް ގެންދިޔުމަށް، އެހެންވީމާ ޑިގްރީއަށް ތަމްރީނުވެފައި ތިބި ޓީޗަރަކު ނެތްކަމުގައިވާނަމަ މިވަގުތު ޚިދުމަތުގައި ހުރި ކޮންމެ ބޭފުޅަކަށްވެސް ފުރުޞަތު އެބަދެވޭ." ޝަފީޢު ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވީ ޑިގްރީއަށް ތަމްރީނުކުރެއްވުމުގެ މަސައްކަތް ކުރިޔަށްގެންދަވާނީ، ޓީޗަރުންނަށް ފަސޭހަ ގޮތަކަށް ރާވާލައިގެންކަމަށެވެ. އެގޮތުން ޓީޗަރުންނަށް ވަގުތު ހުސްކުރެވޭނެ ގޮތަށް ކްލާސްތައް ރޭއްވެވުމުގެ ކަންތައްތައް ހަމަޖައްސަވާފައިވާކަމަށް އެޑިއުކޭޝަނުން މަޢުލޫމާތުދެއްވައެވެ.