ކުޅިވަރު

އެފްއޭއެމްގެ ޕްލޭންތަކުން ކާމިޔާބު ހޯދޭނެ - ޑްވައިކް ޔޯކް


އެފްއޭއެމްގެ ޕްލޭންތަކާ އެއްގޮތަށް ރާއްޖޭގެ ފުޓްބޯޅަ ކުރިއަށް ގެންދެވިއްޖެނަމަ، ރާއްޖެއަށް ގިނަ ކާމިޔާބީތަކެއް ހާސިލް ކުރެވިދާނެކަމަށް މެންޗެސްޓަރ ޔުނައިޓަޑްގެ ކުރީގެ ތަރި ޑްވައިކް ޔޯކް ބުނެފިއެވެ. 

މޯލްޑިވްސް ފުޓްބޯލް އެވޯޑް ހަފްލާގެ ކުރިން ޕީއެސްއެމްއަށް ދިން ޙާއްސަ އިންޓަރވިއުއެއްގައި ވާހަކަދައްކަމުން ޔޯކް ބުނީ ހަޤީގަތަށް ވާހަކަދައްކާނަމަ، ރާއްޖޭގެ ފުޓްބޯޅައާ ބެހޭ މާބޮޑު މަޢުލޫމާތެއް ކުރިން ނޭނގޭކަމަށެވެ. ނަމަވެސް އެފްއޭއެމްގެ ޕްލޭންތައް މިހާރު އެކުލަވާލާފައިވާ ގޮތުން ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގު ވަރަށް އުޖާލާކަމަށް 1999 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް ޑްވައިކް ޔޯކް ބުންޏެވެ. ރާއްޖެފަދަ ކުޑަ ޤައުމަކަށް ބައިނަލަގްވާމީ ފެންވަރުގައި ފުޓްބޯޅަގައި ފައިތިލަ ސާބިތު ކުރުމަކީ ވަރަށް އުނދަގޫ ކަމެއްކަމަށާ ނަމަވެސް މިހާރުގެ އެފްއޭއެމްގެ ޕްލޭނާ އެއްގޮތަށް ކަންތައްތައް ކުރިއަށްދާނަމަ، މިސަރަހައްދުގެ ފުޓްބޯޅައިގައި ރާއްޖެއަށް ވަރަށްބޮޑަށް ކުރިއަށް ދެވިދާނެކަމަށްވެސް ޑްވައިކް ޔޯކް ބުންޏެވެ.. އިތުރަށް ވާހަކަދައްކަމުން ޔޯކް ބުނީ މޯލްޑިވްސް ފުޓްބޯލް އެވޯޑް ފަދަ އެވޯޑްތަކުގެ ސަބަބުންވެސް ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭނެކަމަށެވެ.

"މިފަދަ އެވޯޑްތަކަކީ ކުޅުންތެރިންނަށް ވަރަށް ހާއްސަ އެވޯޑްތަކެއް. ސީޒަން ފަށާއިރު ކޮންމެ ކުޅުންތެރިއެއްވެސް އަދި ކޮންމެ ކުލަބެއްވެސް އަދި ކޮންމެ ކޯޗެއްވެސް މަސައްކަތް ކުރާނީ އަމިއްލަ ޕަރފޯމަންސް ރަނގަޅުކޮށް ޓީމަށް ކާމިޔާބީ ހޯދައިދޭން. އަހަރު ނިމޭއިރު ކުޅުންތެރިން ކުރި ބުރަ މަސައްކަތް ފާހަގަވެގެންދަނީ މިފަދަ އެވޯޑްތަކުން." ޔޯކް ބުންޏެވެ.

އެފްއޭއެމްއިން މިއަހަރު ވަނީ ރާއްޖޭގެ ފުޓްބޯޅަ މުބާރާތްތަކުގެ ފޯމެޓަށް ބަދަލުތަކެއް ގެނެސްފައެވެ.