ސިއްހަތު

ހުޅުމާލޭ ހޮސްޕިޓަލް 150 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކުރަނީ


ހުޅުމާލޭ ހޮސްޕިޓަލުން ދެއްވާ ޚިދުމަތްތައް ފުޅާކުރެއްވުމުގެ ގޮތުން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެތަން ތަރައްޤީކުރެއްވުމަށް، ސަރުކާރުން ޙަވާލުކުރައްވާފައިވަނީ އާސަންދަ ކުންފުންޏާއެވެ. އެކުންފުނިން ގެންދަވަނީ ހުޅުމާލޭ ހޮސްޕިޓަލް ކެންސަރު ބައްޔަށް ޚާއްސަ ތަނެއްގެ ގޮތުގައި ތަރައްޤީކުރައްވަމުންނެވެ.  

ހުޅުމާލޭ ހޮސްޕިޓަލް ކެންސަރު ބައްޔަށް ފަރުވާދޭ ތަނަކަށް ބަދަލުކުރެއްވުމަށް ސަރުކާރުން ނިންމެވީ، ރާއްޖޭގައި ކެންސަރު ބަލީގެ މީހުންގެ ޢަދަދު އިތުރުވަމުންދާއިރު، މިބައްޔަށް ފަރުވާ ކުރުމަށް ސަރުކާރުން ބޮޑު ހޭދައެއް ކުރައްވަންޖެހޭތީ، ރާއްޖެއިން މިބައްޔަށް ފަރުވާ ކުރެވޭނެ ގޮތް ހެއްދެވުމަށެވެ. 

އާސަންދަ ކުންފުނީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 2015 ވަނަ އަހަރު، ކެންސަރުބަލީގެ 905 މީހުން ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައިވެއެވެ. އަދި 2016 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް 720 މީހުން ކެންސަރު ބައްޔަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައިވާކަމަށް އެކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ހުޅުމާލޭގައި މިހާރު ހުރި ހޮސްޕިޓަލަކީ 50 އެނދުގެ ހޮސްޕިޓަލެކެވެ. އެތަނުން ސިއްޙީ ގިނަ ޚިދުމަތްތަކެއް ލިބެންހުރި އިރު ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި ލިބެން ނުހުންނަ ޚިދުމަތްތައްވެސް އެތަނުން ލިބެއެވެ. އޭގެތެރޭގައި ތުންފަތާއި ތަލީގެ އައިބު ( ކްލެފްޓް ލިޕް / ކްލެފްޓް ޕެލެޓް ) ފަދަ ސާރޖަރީތައް ހިމެނެއެވެ.

ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ހުޅުމާލޭ ހޮސްޕިޓަލް 150 އެނދުގެ ޖާގައިގެ ހޮސްޕިޓަލަކަށް ބަދަލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. ކެންސަރު ބަލީގެ ޚާއްސަ ތަނަކަށް ހޮސްޕިޓަލް ބަދަލުކުރައްވާއިރު، އެކަމާ ގުޅުންހުރި މަސައްކަތްކުރައްވަނީ އެކި ބައިބަޔަށް ބައްސަވާލައްވައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

" މަރުޙަލާތަކަށް ބަހާލައިގެން ކުރިއަށްދަނީ. އެންމެ ފުރަތަމަ އިންފްރާސްޓްރަކްޗަރ ޤާއުމްކުރުމާއި، އެތަނަށް ބޭނުންވާ މީހުން ހޯދުމާއި، ބަޔަކާ ގުޅިގެން ކުރިއަށްދަނީ، ފެބުރިއަރީމަހު ޚިދުމަތްތައް ފެށިގެންދާނެ ކަމަށް މިބަލަނީ " ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.  

ހުޅުމާލޭ ހޮސްޕިޓަލުން ދެމުން ގެންދަވާ ބައެއް ޚިދުމަތްތަކުގެ ތެރޭގައި، ލެބޯޓްރީއާއި ބްލަޑް ބޭންކިންގެ ޚިދުމަތާއި އެކްސްރޭއާއި އަލްޓްރާ ސައުންޑު ސްކޭން ކުރުމުގެ ޚިދުމަތް ހިމެނެއެވެ. މީގެއިތުރުން ދަތުގެ ފަރުވާއާއި ކަށީގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތާއި ލެބޯޓްރީގެ ޚިދުމަތާއި ތެލެސީމިއާއަށް ޓެސްޓުކުރުމުގެ ޚިދުމަތާއި ފިޒިއޮތެރަޕީގެ ޚިދުމަތް ހުޅުމާލޭ ހޮސްޕިޓަލުން ލިބެއެވެ.

ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާއިރު، ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތެއް ގިނަބަޔަކަށް ލިބިދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ، ސަރުކާރުން އިސްކަމެއް ދެއްވައިގެން ކުރައްވާކަމެކެވެ. އެހެންކަމުން ހުޅުމާލޭ ހޮސްޕިޓަލް 150 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުވެގެންދާއިރު، މިއީ ހުޅުމާލޭގައި ދިރިއުޅޭ އާންމުންނަށްވެސް ލިބޭނެ ފަސޭހައެކެވެ.

ތިރީސް ހާހަށްވުރެ ގިނަ މީހުންގެ އާބަދީއެއް ދިރިއުޅޭ ހުޅުމާލޭގައި، ހޮސްޕިޓަލްގެ ޚިދުމަތް ދެއްވަން ފަށްޓަވާފައިވަނީ 7 އޭޕްރީލް 2004 ގައެވެ.