މިދިޔަ އަހަރުގެ ކޭމްބްރިޖް އޯލެވެލްއާއި، އެސްއެސްސީ އިމްތިޙާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރައްވަން ފަށްޓަވައިފިއެވެ.
ޑިޕާޓްމެންޓް އޮފް އެގްޒެމިނޭޝަނުން ވިދާޅުވީ، އިމްތިޙާނު ބޭއްވި ސެންޓަރުތަކުގެ ވެރިންނަށް، މިއަދު 11:30 އިން ފެށިގެން އޮންލައިންކޮށް ނަތީޖާ ބެއްލެވޭނޭ އިންތިޒާމް ހަމަޖައްސަވާފައިވާކަމަށެވެ.
ސެންޓަރުތަކަށް އޮންލައިންކޮށް ނަތީޖާ ދޫކުރެއްވި ނަމަވެސް ދަރިވަރުންނަށް ނަތީޖާ ސްލިޕް ދޫކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
އެކުއްޖަކު އިމްތިޙާން ހެދި ސެންޓަރަކުން މާދަމާއިން ފެށިގެން ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ނަތީޖާ ދޫކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ނަތީޖާ ދޫކުރެއްވުމަށް ހަމަޖެހިފައި ވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު 1:30 ގެ ނިޔަލަށެވެ.
ނަތީޖާގައި އެއްވެސް މައްސަލައެއްވާނަމަ، ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެކަން ލިޔުމަކުން ޕަބްލިކް އެގްޒަމިނޭޝަނަށް ހުށަހަޅަން އެޑިޕާޓްމެންޓުން އިލްތިމާސް ކުރައްވައެވެ. އަދި ނަތީޖާ އަލުން ޗެކްކުރުމަށް ބޭނުންވާ ކެނޑިޑޭޓުން، އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު ފެބްރުއަރީމަހުގެ 8 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށަހެޅުމުން އެކަން ހަމަޖެހޭނެކަމަށްވެސް ޕަބްލިކް އެގްޒެމިނޭޝަނުން ވިދާޅުވެއެވެ.
2016 ވަނަ އަހަރު ބޭއްވި ކޭމްބްރިޖް އޯލެވެލް އާއި، އައިޖީސީއެސްއީ އާއި އެސްއެސްސީ އިމްތިޙާނުގައި 7028 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރެއިން ކޭމްބްރިޖް އިމްތިޙާނުގައި ބައިވެރިވީ،6291 ދަރިވަރުންނެވެ. އެސްއެސްސީ އިމްތިޙާނުގައި 5677 ދަރިވަރުން ބައިވެރިވެފައިވެއެވެ.