ކުޅިވަރު

އާ ސީޒަނުގައި މޮޅަށް ކުޅުމުގެ ހިތްވަރު ލިބިއްޖެ - ރިޒްވާން


ވޭތުވެދިޔަ އަހަރުގެ އެންމެ މޮޅު ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑު ލިބުމުން، ކުރިއަށް އޮތް ސީޒަންގައި މޮޅަށްކުޅުމަށް އާ ހިތްވަރެއް ލިބިއްޖެކަމަށް އީގަލްސްގެ ޒުވާން ކުޅުންތެރިޔާ އަހުމަދު ރިޒްވާން ބުނެފިއެވެ. 

2016ވަަނަ އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ރިޒްވާން ހޯދީ ކްލަބް އީގަލްސްގެ އަންސަރު އިބްރާހީމާއި ޓީސީގެ ނާއިޒު ހަސަނާ ވާދަކޮށެވެ. 

އެވޯޑް ލިބުމަށްފަހު ރިޒްވާން ބުނީ މީ ފުޓްބޯޅާގައި ކުރިއަށްދާން ލިބުނު ބޮޑު ހިތްވަރެއްކަމަށެވެ. އަދި މިކަމުގެ ހުރިހާވެސް ޝުކުރެއް ހައްގުވަނީ އީގަލްސްގެ މެނޭޖްމަންޓަށްކަމަށް އޭނާ ބުންޏެވެ. 2017 ވަނަ އަހަރުގެ ސީޒަނުގައި މޮޅު ކުޅުމެއް ދައްކަން އާ ހިތްވަރަކާއި ޖޯޝެއް ލިބިއްޖެކަމަށާއި، ފުރަތަމަ ފަހަރަށް މިކަހަލަ އެވޯޑެއް ލިބުމުން ވަރަށް އުފާވާކަމަށްވެސް ރިޒްވާން ބުންޏެވެ.

"ވަރަށް އުފާވެއްޖެ ފުރަތަމަ ފަހަރަށް މި އެވޯޑް ލިބުނީމަ، އީގަލްސްއަށް ޝުކުރު ހައްގުވަނީ، ސާންތި ކޯޗަށާއި ޝާކިއްޓެ ކޯޗަށާއި މުޅި ޓީމްގެ މެނޭޖްމަންޓަށް" އަހުމަދު ރިޒްވާން ބުންޏެވެ. 

ރިޒްވާން ބުނީ އޭނާގެ އަމާޒަކީ ގައުމީ ޓީމާއި ކްލަބަށް އިތުރު ކާމިޔާބީ ހޯދައިދިނުންކަމަށެވެ. އޭނާގެ އަޒުމަކީ ކޮންމެވެސް ދުވަހަކުން، ފުޓްބޯޅައިން އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އުފުލާލުންކަމަށްވެސް ރިޒްވާން ބުންޏެވެ.