އާ އަހަރުގެ ފުޓްބޯޅަ ސީޒަނަށް ކްލަބްތަކުން ފޯރީގައި ޕްރެކްޓިސް ފަށައި، ވާދަވެރި ފުޓްބޯޅަ ސީޒަނެއްގެ ކޮޅުމަތި ފެންނައިރު އުއްމީދީ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.
އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ ފުޓްބޯޅަ އެސޯސިއޭޝަނުން ކްލަބްތަކަށް މާލީ ބޮޑު އެހީއެއް ދޭން ނިންމުމެވެ. އެއާ ވިދިގެން އެއެހީތެރިކަމާއެކު ކުރިމަތިކުރުވާ ޝަރުތުތަކެވެ. ދަނޑަށް މީހުން ވެއްދުމަށް މަސައްކަތްކުރުމާއި، ކްލަބްގެ ހިންގުން ރަނގަޅުކުރުމާއި، އަމިއްލަ ފައިމައްޗަށް ތެދުވުމަށް އިންވެސްޓް ކުރުންފަދަ ފުޓްބޯޅައިގެ ރަނގަޅު ކުރިމަގެއް ބިނާކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރަންހުރި މުހިންމު ކަންކަމެވެ.
ބޮޑެތި ކްލަބްތަކުގައި ދިގު ތާރީޚެއް އޮތްނަމަވެސް އަދިވެސް އަމިއްލަ ފައިމައްޗަށް އެކްލަބްތަކަކަށް ނުތެދުވެވެއެވެ. އެއް އަހަރު ރަނގަޅު ސްކޮޑެއް އޮތިއްޔާ އަނެއް ހަތަރު އަހަރު ވާނެގޮތެއް ނޭންގެއެވެ. މިހާރު ފުރަތަމަ ޑިވިޝަންގެ ގަދަބާރަކަށް ވެފައިވާ މާޒިޔާ ފެންނަނީ އަމިއްލަ ފައިމައްޗަށް ތެދުވެ، އިތުރަށް ހަށި ފޮޅާލަން މަސައްކަތްކުރަމުންދާ މަންޒަރެވެ. ހަރުދަނާކަމާއެކު ކުރިއަށްދާ މަންޒަރެވެ. ކްލަބް އީގަލްސްއިން މަސައްކަތްކުރަނީ އެމަގުން ދެވޭތޯއެވެ.
img:http://s4.psmnews.mv/images/660x400/14845919831616.jpg|ބޯޑްގެ ބައެއް މެމްބަރުންނާއި، ޚަރަދުކުރައްވާ ބައެއް ވިޔަފާރިވެރިން: ފޮޓޯ-ޕީއެސްއެމް
ބޮޑަތި ކްލަބްތަކުގެތެރެއިން ވިކްޓްރީއާއި ނިއުރޭޑިއަންޓުން ދުރުރާސްތާ ޕްލޭނެެއްގެ ދަށުން އަމިއްލަ ފައިމައްޗަށް ތެދުވެގެން ކުރިއަށްދާނެކަން ވަނީ ހާމަކޮށްފައެވެ. ނިއުރޭޑިއަންޓްގެ ޕްލޭނުގެ އެއްބައި ނުވަތަ މިއަހަރަށް ކަނޑައަޅާފައިވާ ބައި މިހާރު ވަނީ ހާމަކޮށްފައެވެ. އެއީ ފުޓްބޯޅައިގެ ފޯރިއާވެސް ގުޅިފައިވާ އުއްމީދީ ޕްލޭނެކެވެ.
ކުރީގެ ޗެއާމަން، އަލީ ވަހީދުގެ ދައުރުގައި ނިއުރޭޑިއަންޓްގައި ވަރުގަދަ އިތުބާރުކުރެވޭ އެކަޑަމީއަށް ހިންގެވިއެވެ. އެއެކަޑަމީން ކްލަބަށް މާލީ ފައިދާވިއެވެ. ނަމަވެސް މިހާރު އެކަޑަމީ އޮތީ ނަމެއްގައެވެ. އެކަން ބަދަލުކޮށް އަލުން ރީ ލޯންޗްކުރާނެކަން އާ ޗެއަރމަން މުޙައްމަދު ޒިޔާދު ވަނީ އިއުލާންކުރައްވާފައެވެ.
" ފެބްރުއަރީ ދިހައެއްގައި އެކަޑަމީ އަލުން ރީ ލޯންޗް ކުރާނަން. އަޅުގަނޑު އެދެނީ ނިއުގެ ސަޕޯޓަރުންގެ ދަރިންވެސް އެކަޑަމީއަށް ފޮނުވަން. ރާއްޖޭގެ ހަތަރު ޞަރަހައްދަށްވެސް އެކަޑަމީ ފުޅާކުރުމަށް އެޞަރަހައްދުތަކުގެ ކަމަބެހޭ ފަރާތްތަކާވެސް ވާހަކަދައްކަން ފަށައިފިން " ޒިޔާދު ވިދާޅުވިއެވެ.
ފުޓްބޯޅައިގެ އިތުރުން ފުޓްސެލްއަށްވެސް ނިއުރޭޑިއަންޓްގެ ޝައުޤުވެރިކަން އެބައޮތެވެ. އެގޮތުން ހުޅުމާލޭގައި ފުޓްސެލް ކުރިއެރުވުމަށް ޚާއްޞަ މަސައްކަތްތަކެއް ފަށްޓަވާނެކަން ޒިޔާދު އިއުލާންކުރެއްވިއެވެ. ހުޅުމާލޭގައި ފުޓްސެލް އެކަޑަމީއެއްގެ މަސައްކަތް ކުރިއަށް ގެންދަވަން ނިންމެވީ ފުޓްބޯޅަ ކުރިއަށް ގެންދިއުމަށާއި، ފުޓްބޯޅައިގެ ފޯރި ނެގެހެއްޓުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިންކަމަށް ޒިޔާދު ވިދާޅުވިއެވެ.
img:http://s3.psmnews.mv/images/660x400/14845920453710.jpg|ނިއުގެ ބައެއް ޒުވާން ކުޅުންތެރިން: ފޮޓޯ-ޕީއެސްއެމް
ކްލަބްގެ އާބޯޑްގެ އެންމެ ބޮޑު ޝައުޤުވެރިކަމަކާއި ސަމާލުކަމެއް އޮތީ ސަޕޯޓަރުންނާ ގުޅިގެން ކްލަބް ހިންގައި، ސަޕޯޓަރުންގެ ފޯރި އަބަދުވެސް ދެމެހެއްޓުމަށެވެ. ކްލަބްގެ މާލީ ހާލަތު ރަނގަޅުކުރުމުގައިވެސް ސަޕޯޓަރުންގެ އެހީތެރިކަން ހޯދުމަށެވެ. އެގޮތުން ކްލަބްގެ ޖަރޒީ ވިއްކުމާއި، ކްލަބް ކެފޭގެ މަސައްކަތް ޒިޔާދު ފާހަގަކުރެއްވިއެވެ.
" ސީޒަން ފެށުމުގެ ކުރިން ކްލަބް ޖަރޒީ ވިއްކާނެ. އެކަން ކުރާނީ ސަޕޯޓަރުންގެ ޔޫނިއަންއާ ގުޅިގެން. ޖަރޒީ ގަތުމަކީ މާލީގޮތުންވެސް ކްލަބަށް ވެވޭ އެހީއެއް." ޒިޔާދު ވިދާޅުވިއެވެ.
ކްލަބް ކެފޭގެ މަސައްކަތް މިއަހަރުގެ ތިންވަނަ ކްއާޓަރގެ ތެރޭގައި ފެށުމަށް އެކަމުގެ ޕްލޭންތައް ހަދަމުންދާކަމަށާ، ފައިސާ ހޯދާނެ ގޮތްތައް ހޯދަމުންދާކަމަށް ޒިޔާދު ވިދާޅުވިއެވެ. ނިއުރޭޑިއަންޓަށް ޚަރަދުކުރަން ޕާރޓްނަރުންގެ ގޮތުގައި ކުންފުނިތަކުގެ ވެރިން ތިބިކަން ފާހަގަކުރައްވަމުން ޒިޔާދު ވިދާޅުވީ އޭގެތެރޭގައި ކްލަބް ކެފޭއަށް އިންވެސްޓްކުރެއްވުމުގެ ޝައުޤުހުރި ބޭފުޅުން ތިއްބެވިކަމަށެވެ.
" ކްލަބް ކެފޭ ހަދާނީ ކްލަބް ހައުސްއާއެކު. އެތަނުގައި ޖިމްވެސް ހިމެނޭގޮތަށް " 2019 ވަނަ އަހަރުގެ ކުރިން ކްލަބް އަމިއްލަ ފައިމައްޗަށް ތެދުވަން އޮތް ޕްލޭންގެ ވާހަކަތައް ޙިއްޞާކުރައްވަމުން ޒިޔާދު ވިދާޅުވިއެވެ.
ނިއުރޭޑިއަންޓްގެ ސަޕޯޓަރުންގެ ގްރޫޕަކުން އިސްނައިގެން ހިންގަމުން އަންނަ ނިއުރޭޑިއަންޓް ސަޕޯޓަރުންގެ ޔޫނިއަންއަކީވެސް ކްލަބްގެ މުހިންމުބައެއްކަމުގައި ބޯޑުން ދެކެއެވެ. އެހެންކަމުން ސީޒަން ފެށުމުގެ ކުރިން ސަޕޯޓަރުންގެ ޔޫނިއަން ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކުރުމަށް މަސައްކަތްކުރައްވަމުންދާކަންވެސް ކްލަބްގެ ޗެއަރމަން ވަނީ އިއުލާންކުރައްވާފައެވެ. ކްލަބް ޕްރީ ލޯންޗިންގ ސެރެމަނީގައިވެސް ސަޕޯޓަރުންގެ ޔޫނިއަންގެ ބައެއް އިސް މެމްބަރުން ބައިވެރިވިއެވެ.