ކުޅިވަރު

ނިއުރޭޑިއަންޓާއެކު ހުރިހާ ތަށްޓެއް ނަގަން ބޭނުން- ޓެވަރޭސް


ރާއްޖޭގެ އެންމެ ބޮޑު ކްލަބަށް ހުރިހާ ތަށްޓެއް ހޯދުން ނޫން އެހެން ނަތީޖާއަކުން ފަރުޖެއްސެން ނޯންނާނެކަމަށް ނިއުރޭޑިއަންޓުގެ އާ ކޯޗް ބެނޯޑޯ ޓެވަރޭސް ބުނެފި އެވެ.

ނިއުރޭޑިއަންޓުގެ އާ ކޯޗު ވަނީ އޭނާގެ އާ ޓީމާއެކު ފުރަތަމަ ފަހަރަށް ތަމްރީންތައް އިއްޔެ ބާއްވާފައެވެ. ކާމިޔާބު އަހަރުތަކަކަށްފަހު ވޭތުވެދިޔަ އަހަރަކީ ނިއުރޭޑިއަންޓަށް ކާމިޔަބު އަހަރެއް ނޫނެވެ. އެހެންނަމަވެސް އަނެއްކާވެސް މިއަހަރާ ނިއުރޭޑިއަންޓް ކުރިމަތިލަނީ ރާއްޖޭގެ ފުޓްބޯޅައިގައި އަބަދުވެސް އެންމެ އުހުގައި އޮންނާނެ ކްލަބަކީ ނިއުރެޑިއަންޓްކަން ސާބިތުކޮށްދިނުމުގެ އުންމީދާއެކު އެވެ.

މިދިޔަ އަހަރު ޓީމުގައި ތިބީ ކީ ޕްލޭޔަރުން ހިފެހެއްޓުމަށްފަހު ކްލަބަށް ވަނީ މޮޅު ކުޅުންތެރިންތަކެށް އިތުރުކޮށްފަ އެވެ. 

ކްލަބަށް ގެނެސްފައިވާ ކުޅުންތެރިންގެ ތެރޭގައި މިދިޔަ ސީޒަނުގައި އެންމެ ގިނަ ގޯލްޖެހި އަހަރުގެ މޮޅު ކުޅުންތެރިޔާ ޓީސީގެ އަލީ ފާސިރު، ކީޕަރު އިމްރާން، ވެލެންސިޔާއިން ގެނައި އަކްރަމް އަބްދުލް ޣަނީ ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ކްލަބަށް ގެނެސްފައިވާ ބިދޭސީ ކުޅުންތެރިންނަކީ މި ސީޒަނުގައި ތަފާތު ކުޅުމެއް ދައްކާނެ ކުޅުންތެރިންތަކަކަށް ވާނެކަމަށް ނިއުރޭޑިއަންޓުން އުންމީދުކުރެ އެވެ. 

ނިއުރޭޑިއަންޓުގެ ކޯޗް ބެނޯޑޮ ޓަވަރޭސް ބުނީ އޭނާ ނިއުރޭޑިއަންޓާ ހަވާލުވީވެސް އެއީ ރާއްޖޭގެ އެންމެ ބޮޑު ކްލަބަށް ވާތީކަމަށެވެ. އަދި އެންމެ މޮޅު ކްލަބަށް ހުރިހާ މުބާރަތެއްގެ ތަށިތައް ހޯދަންޖެހޭނެކަންވެސް ދަންނަކަމަށް ޓެވަރޭސް ޤަބޫލުކުރެއެވެ.

img:http://s1.psmnews.mv/images/660x400/14846311708801.jpg|ނިއުގެ ކޯޗު ކުޅުންތެރިންނަށް އިރުޝާދުދެނީ: ފޮޓޯ-ޕީއެސްއެމް ( އަލީ ނަސީރު )

 "ނިއުރޭޑިއަންޓަކީ ރާއްޖޭގައި ކިހާ ވަރެއްގެ ކްލަބެއް؟" ޓެވަރޭސް ސުވާލު ކުރިއެވެ.

 "ނިއުރޭޑިއަންޓަކީ ރާއްޖޭގެ އެންމެ ވަރުގަދަ، އެންމެ ބޮޑު ކްލަބް. ނިއުރޭޑިއަންޓަށް ހުރިހާ ތައްޓެއް ހޯދުން ނޫން އެހެން ނަތީޖާއަކުން ފަރުޖެއްސޭކަށް ނޯންނާނެ. އެއީ އަހަރެން ކުރަންޖެހޭ ކަމަކީ. އަދި އަހަރެން ބުނާ ބަސްތަކަކީ ހަމައެކަނި ކަނޑާ ފޮންޏަކަށް ވެގެން ނުވާނެ" ޓެވަރޭސް ޖަވާބުވެސް ދިނެވެ.

 ޓެވަރޭސް ބުނީ ނިއުރޭޑިއަންޓަކީ ދިވެހި ފުޓްބޯޅައިގެ ގަދަ ބާރުކަން ދަނޑުމަތީގައި ހުރިހާ ކުޅުންތެރިންވެސް ދައްކަންޖެހޭނެކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމަށް އެންމެ ފުރަތަމަ ދުވަހުންފެށިގެންވެސް ސަޕޯޓަރުންގެ އެހީ ޓީމަށް ބޭނުންވާނެކަމަށް ޓެވަރޭސް ބުންޏެވެ.

 " ގަބޫލްކުރަނެޖެހޭނެ ބައެއްފަހަރު އަހަރުމެންނަށް ގޯސްކޮށްވެސް ކުޅެވިދާނެކަން. އެކަމަކު އެވަގުތުގައިވެސް ސަޕޯޓަރުންގެ އެހީ ޓީމްގެ ކުޅުންތެރިންނަށް ބޭނުންވާނެ އެކުޅުންތެރިންގެ ހިތްވަރު އާލާކުރުމަށް" ޓެވަރޭސް ކިޔައިދިނެވެ.

ކާމިޔާބު ހޯދައިދޭން ބޭނުންވިނަމަވެސް އެއީ އޭނާ އެކަނި ވާނޭ ކަމެއް ނޫންކަމަށް ޓެވަރޭސް ގަބޫލްކުރެ އެވެ. އެކަމަށްޓަކާ ކުޅުންތެރިންނާ ސަޕޯޓަރުންވެސް އެކުގައި މަސައްކަތްކުރަންޖެހޭނެކަމށް ޓެވަރޭސް ބުންޏެވެ.

ޓީމުގެ ކުޅުންތެރިންނަށް ޓެވަރޭސް އަންގަނީ ދަނޑުމަތިގައި ބުރަކޮށް މަސައްކަތްކުރުމަށެވެ. އަދި މަސައްކަތްކޮށް މޮޅުވާނަމަ ސަޕޯޓަރުންވެސް އަބަދުވެސް ޓީމްގެ ފަހަތުގައި ތިބޭނެކަމަށް ޓެވަރޭސް ބުންޏެވެ.