ވިޔަފާރި

އިސްލާމިކް ފައިނޭންސްގެ މައި މަރުކަޒަކަށް ރާއްޖެ


ރާއްޖެއަކީ އިސްލާމިކް ފައިނޭންސިންގ ދާއިރާއިން ފާހަގަކޮށްލެވޭ މައި މަރުކަޒަކަށް ހެދުމަށް އެންމެ އެކަށީގެންވާ އެއް ޤައުމުކަމަށް، ދުނިޔޭގެ އިސްލާމިކް ފައިނޭންސްގެ ދާއިރާގައި ޙަރަކާތްތެރިވާ މަޝްހޫރު ބައެއް ބޭފުޅުން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިސްލާމިކް ފައިނޭންސް ސެންޓަރުން އިންތިޒާމްކުރައްވައިގެން ހޮޓެލް ޖެންގައި ބޭއްވި ފައިން ޓޯކްގައި ވާހަކަދައްކަވަމުން އިސްލާމިކް ފައިނޭންޝަލް ސަރވިސް ބޯޑުގެ ކުރީގެ ސެކެރެޓަރީ ޖެނެރަލް ޕްރޮފެސަރ ދާތުކް ރިފާތު އަޙްމަދު ޢަބުދުލްކަރީމް ވިދާޅުވީ، އަދުގެ ސަރުކާރުން އިސްލާމިކް ފައިނޭންސް ހަބަކަށް ދިވެހިރާއްޖެ ހެދުމަށް މަސައްކަތް ކުރައްވަމުންދާއިރު، ރާއްޖެއަކީ މިކަމަށް އެންމެ އެކަށީގެންވާ ޤައުމުކަމަށެވެ.

ޕްރޮފެސަރ ދާތުކް ރިފާތު ވިދާޅުވީ، އިސްލާމިކް ފައިނޭންސް ހަބަކަށް ދިވެހިރާއްޖެ ހެދުމަށް ދުނިޔޭގެ އެއްވެސް ޤައުމެއްގައި ލިބެން ނެތް މިންވަރަށް ފުރުޞަތުތައް އެބަހުރިކަމަށެވެ.

ފައިން ޓޯކްގައި ވާހަކަދައްކަވަމުން މަޝްހޫރު ބޭންކް ސްޓޭންޑާރޑް ޗާޓަރޑް ބޭންކްގެ ކުރީގެ ސީއީއޯ އަފަޤް ޚާން ވިދާޅުވީ، މޯލްޑިވްސް މި ނަމަކީ މިއަދު ދުނިޔޭގެ އެންމެ މަޤްބޫލް އެއް ބްރޭންޑެއްކަމަށާއި ދުނިޔޭގެ ގިނަ ބަޔަކު ދިވެހިރާއްޖެއަށް ޒިޔާރަތްކުރުމަށް އެދޭކަމީ ފާހަގަކޮށްލަންޖެހޭ ކަމެއްކަމަށެވެ.

އިނގިރޭސިވިލާތުގެ އިސްލާމިކް ފައިނޭންސް ކައުންސިލްގެ އެގްޒެކްޓިވް ބޯޑް މެމްބަރ އުމަރު ޝެއިޚް ވިދާޅުވީ، ދުނިޔޭގެ ޤައުމުތަކާއި އަޅާބަލާއިރު، ރާއްޖެއަކީ އެންމެ އަމާން އެއް ޤައުމެއްކަމަށެވެ. ޤައުމެއްގައި ސުލްޙަ މަސަލަސްކަން ޤާއިމްވެފައި އޮތުމަކީ އިންވެސްޓަރުން އެންމެބޮޑަށް ބަލާ ކަންތައްކަމަށާއި މިގޮތުން ރާއްޖެއަކީ ނަމޫނާ ޤައުމެއްކަމަށް ޝައިހް ވިދާޅުވިއެވެ.

ފައިން ޓޯކްގައި ވާހަކަދައްކަވަމުން މޯލްޑިވްސް އިސްލާމިކް ފައިނޭސް ސެންޓަރުގެ ޗެއާމަން ޑރ އާއިޝަތު މުނީޒާ ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގައި އިސްލާމިކް ފައިނޭންސް ތަޢާރަފްކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށެވެ. މިގޮތުން ކުރެވުނު ގިނަ މަސައްކަތްތައް ކާމިޔާބުކަމަށް މުނީޒާ ފާހަގަކުރެއްވިއެވެ.

ފައިންޓޯކްގައި ރާއްޖޭގެ މާލީ ދާއިރާގައި ޙަރަކާތްތެރިވާ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކުން ވަނީ ބައިވެރިވެފައެވެ. މޯލްޑިވްސް އިސްލާމިކް ފައިނޭންސް ސެންޓަރުން ވިދާޅުވީ އިސްލާމިކް ފައިނޭންސާއި ގުޅޭ މަޢުލޫމާތު ބަދަލުކުރުމުގެ އިތުރު ސެޝަންތަކެއް މިއަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއަރުވައި، މިދާއިރާއިން އިތުރު ފުރުޞަތުތަކަށް މަގުފަހިކޮށްދެއްވުންކަމަށް މޯލްޑިވްސް އިސްލާމިކް ފައިނޭންސް ސެންޓަރުން ވިދާޅުވެއެވެ.