ޚަބަރު

ފިޝަރީޒް މިނިސްޓަރ އިންޑިއާއަށް ފުރާވަޑައިގެންފި


މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުހައްމަދު ޝައިނީއާއި ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަޞީރު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރައިވަޑައިގެންފިއެވެ. 

މިދަތުރުފުޅަކީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިމަހުގެ 17 އިން 19 އަށް ބާއްވާ ރައިސީނާ ޑައިލޮގްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައިސީނާ ޑައިލޮގަކީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއާއި އޮބްޒަރވަރ ރިސަރޗް ފައުންޑޭޝަން ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ. މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ މި ކޮންފަރެންސްގައި ވާހަކަފުޅުދައްކަވާނެއެވެ.

ރައިސީނާ ޑައިލޮގަކީ އިންޑިއާ ވެރިރަށް ނިއުދިއްލީގައި އަހަރަކު އެއްފަހަރު ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސަކީ ސިޔާސީ އަދި އިޤްތިސާދީ މަޝްވަރާތައް ކުރުމަށް އިންޑިއާގައި ބާއްވާ އެންމެ ބޮޑު ކޮންފަރެންސްއެވެ. ދުނިޔޭގެ އެކި ހިސާބުތަކުން ޤައުމުތަކުގެ އިސް ބޭބޭފުޅުން މިކޮންފަރެންސްގައި ބައިވެރިވެއެވެ. މިއަހަރުގެ ކޮންފަރެންސް ފައްޓަވާދެއްވާނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.

މި ދަތުރުފުޅުގައި ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ. އެސް. ޖެއިޝަންކަރުއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.