ޚަބަރު

ރައީސްގެ އަނބިކަނބަލުން ރައްޔިތުންނާ ބައްދަލުކުރައްވަނީ


ރައްޔިތުންގެ ޝުޢޫރާއި އިޙުސާސްތައް ވީހާވެސް ގާތުން ދެނެގަތުމަށްޓަކައި މާލޭގައި ދިރިއުޅޭ ތަފާތު 8 އަތޮޅަށް ނިސްބަތްވާ ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައްދަލުކުރެއްވުމަށް ނިންމަވާފައިވާކަމަށް "ރައީސް ޔާމީން 2018" ކެމްޕެއިން އޮފީހުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިސްނެންގެވުމާއެކު ބާއްވާ މިޙަރަކާތް އޮންނާނީ މާދަމާރޭ އަލިމަސް ކާނިވާ ސަރަޙައްދުގައެވެ. މިޙަރަކާތާ ގުޅޭގޮތުން ރައީސް ޔާމީން ކެމްޕެއިން އޮފީހުގެ މީޑިއާ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ އިބްރާހިމް މުޢާޒް ޢަލީ ވިދާޅުވީ، ސަރުކާރުން މުޅި ރާއްޖޭގައި ކުރިއަށްގެންދަވާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް މެދުނުކެނޑި ކުރިއަށް ގެންދެވުމަށް ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ބޭނުންވާކަމަށާއި ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކުރެއްވުމަށް ރައީސްގެ އަނބިކަނބަލުން ފަށްޓަވާފައިވާ ކެމްޕެއިން ކުރިއަށް ގެންދަވަނީ ވަރަށް ޚާއްސަ ބައިތަކެއް ހިމަނައިގެންކަމަށެވެ. އެގޮތުން މާދަމާރޭ ބާއްވާ ކެމްޕެއިން ޙަރަކާތް އަމާޒުކުރައްވާފައިވަނީ ކ. އަތޮޅާއި، ރ، ވ، މ، ފ، ދ އަދި ފުވައްމުލައް ސިޓީގެ ރައްޔިތުންގެ ތެރެއިން މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށެވެ.

މުޢާޒް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިސްނެންގެވުމުގެ މަތީން ހިންގަވާ ކެމްޕެއިންގެ ކޮންމެ ޙަރަކާތަކީވެސް އޭގެ ސަބަބުން އާންމުނަށް އެކި ގޮތްގޮތުން ފައިދާތަކެއް ލިބިގެންދާ ހަރަކާތްތަކެއްކަމަށެވެ. އަދި 2018 ގެ ފަހުންވެސް ރަށްރަށަށް ބޭނުންވަނީ ކޮން ކަންތައްތަކެއްކަން ދެނެވަޑައިގަތުމަށް އެކަމަނާ ބޭނުންފުޅުވާކަމުގައި މުޢާޒް ވިދާޅުވިއެވެ.

"8 އަތޮޅުގެ ރައްޔިތުން އަޅުގަނޑުމެންގެ ފަސްޓް ލޭޑީއާ އެކީގައި، ވަރަށްގާތުން އެފަރާތްތަކުގެ ޝުޢޫރު، އެފަރާތްތަކުގެ އިހްސާސްތައް ދެނެގަނެ އެފަރާތްތަކަށްވެސް އެފުރުޞަތު ލިބިވަޑައިގަންނަވާނެ މާޙައުލަކަށް ވެގެންދާނެ. ހަޤީގަތުގައިވެސް އަޅުގަނޑުމެންގެ ފަސްޓްލޭޑީ ވަރަށް ބޮޑަށް ބޭނުންފުޅުވާކަމެއް ހުރިހާ ރައްޔިތުންގެވެސް ޙާލަތާއި، ބޭނުންތައް ދެނެގަތުމަކީ." މުއާޒް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހިނގަވާ ކެމްޕެއިނަކީ ވަރަށް ޢިލްމީ އިރުޝާދުތަކާއި، ޢިލްމީ ފަރާތްތައް ބޭނުންކުރައްވައިގެން މުހިއްމު މަޢުލޫމާތުތަކުގެ އަލީގައި ހިންގަވާ ޙަރަކާތްތަކެއްކަމަށާއި، ރައްޔިތުންނާއި ގާތުން މަސައްކަތް ކުރެއްވުމަކީ އެކަމަނާ އެންމެ ބޭނުންފުޅުވާ ގޮތްކަމުގައި މުޢާޒް ވިދާޅުވިއެވެ.

"މާދަމާރޭ 8:15 ގައި ބާއްވާ ހަރަކާތަށް ޚާއްސަކުރެވިފައިވާ 8 އަތޮޅުގެ ވީހާވެސް ގިނަ ރައްޔިތުން ވަޑައިގެން ދެއްވާށޭ. ވަރަށް ތަފާތުވާނޭ. ވަރަށް ޚާއްޞަ ޙަރަކާތްތަކެއް އޮންނާނެ. އަދި އަޅުގަނޑުމެންގެ ފަސްޓްލޭޑީ އެބޭފުޅުންނާއި ގާތުން ފެނިވަޑައިގަންނަވާނެ" މުއާޒް ވިދާޅުވިއެވެ.