ސިއްހަތު

ޔެލޯ ފީވަރއަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި


"ޔެލޯ ފީވަރ" ބަލި އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އިލްތިމާސް ކުރައްވައިފިއެވެ.

އެޗްޕީއޭއިން އިލްތިމާސް ކުރައްވާފައިވަނީ މި ދުވަސްވަރު ބްރެޒިލްގެ ބައެއް ޞަރަޙައްދުތަކުގައި "ޔެލޯ ފީވާރ" ބަލި ފެތުރެމުންދާކަމުގެ މަޢުލޫމާތު ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން ލިބުމާ ގުޅިގެނެވެ. މި ބަލި އުޅޭ ޤައުމަކަށް ދަތުރުކުރާނަމަ، 10 ދުވަސް ކުރިން ވެކްސިން ޖެހުމަށާއި ކޮންމެހެން ދަތުރު ކުރަން ޖެހިގެން ނޫނީ ދަތުރު ނުކުރުމަށާއި ދަތުރަށް ފަހު އެނބުރި އައުމަށްފަހު "ޔެލޯ ފީވާގެ ޢަލާމާތެއް ފެނިއްޖެނަމަ، ޞިއްހީ ފަރުވާ ހޯދުމަށް އެޗް.ޕީ.އޭ އިން އިލްތިމާސް ކުރައްވާފައިވެއެވެ. މީގެ އިތުރުން މަދިރިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށްވެސް އެޗް.ޕީ.އޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޔެލޯ ފީވަރގެ ޢަލާމަތްތަކުގެ ތެރޭގައި ގަދައަށް ހުންއައުމާއި ކާހިތް ނުވުމާއި ގައިގައި ރިއްސުމާއި ބޮލުގައި ރިއްސުމާއި ބޯއެނބުރުމާއި ހޮޑުލެވުމުގެ އިތުރުން ލޮލުގެ ހުދުކަޅިއާއި ގައިގެ ހަންގަނޑު ރީނދޫވުން ހިމެނެއެވެ.