ކުޅިވަރު

އަނިޔާގެ ސަބަބުން މިވަގުތު އަޝްފާޤު ނިއުއަށް ސޮއިނުކުރާނެ


އަނިޔާގެ ސަބަބުން ގައުމީ ކެޕްޓަން އަލީ އަޝްފާގް ނިއުރޭޑިއަންޓާއި މިވަގުތު ނުގުޅޭނެކަމަށް އެ ކްލަބްގެ ޗެއާމަން ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.

 އާ ސީޒަން ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ޕްރީ ސީޒަން ލޯންޗިންގ ރަސްމިއްޔާތުގައި ވަހަކަދައްކަވަމުން މުހައްމަދު ޒިޔާދު ވިދާޅުވީ ނިއުރޭޑިއަންޓުގެ ސަޕޯޓަރުން އަލީ އަޝްފާގް އެޓީމާއި ގުޅެން ބޭނުންވެފައިވާ މިންވަރު އިނގޭކަމަށާއި، އަޝްފާގާއިއެކު އެއްބަސްވުމަކަށްވެސް އާދެވުނުކަމަށެވެ. އެހެންނަމަވެސް އަޝްފާގް އަދިވެސް ހުރީ އަނިޔާގައި ކަމަށާއި، އަނިޔާގެ ސަބަބުން އޭނާގެ މިވަގުތަށް ޓީމާއި ނުގުޅޭނެކަމަށެވެ. އަދި މި ނިންމުމަކީ އަޝްފާގް އަމިއްލައަށް އިސްނަގައިގެން ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހު ނިންމި ނިންމުމެއްކަމަށާއި، އަޝްފާގް މިދިޔަ ސީޒަންގައި ކްލަބަށާއި ގައުމީ ޓީމަށް ގިނަ މެޗް ކުޅުނީ އަނިޔާގައި ހުރެކަމަށް ޒިޔާދު ވިދާޅުވިއެވެ. 

" އަޝްފާޤް މިވަގުތު އަނިޔާގައި ހުރުމުން އަޝްފާޤުގެ އެދުމުގެ މަތީން މިވަގުތު ސޮއިނުކުރާގޮތަށް މިނިންމީ. އަޝްފާޤު ބޭނުންވާގޮތަށް ކްލަބުން އިސްކަންދިނީ. މި ސީޒަންގައި އަޝްފާގް ރާއްޖޭގެ ކްލަބަކަށް ކުޅޭނަމަ ކުޅޭނީ ނިއުރޭޑިއަންޓަށްކަމުގެ ޔަޤީންކަން ބޮޑު. " ޒިޔާދު ވިދާޅުވިއެވެ.

ނިއުރޭޑިއަންޓުންވަނީ އެ ކްލަބާއި ގުޅުނު އާ ކުޅުންތެރިންނާއިއެކު މިއަދު ހަވީރު ޕްރެކްޓިސް ފަށާފައެވެ.