ދީން

އަލިފުޅުތުއްތު ފައުންޑޭޝަނުން ކަނޑިތީމުގައި މިސްކިތެއް ބިނާކޮށްފި


ށ. އަތޮޅު ކަނޑިތީމުގައި އަލިފުޅު ތުއްތު ފައުންޑޭޝަނުން ބިނާކުރި މިސްކިތް އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ. 

8.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، އަލިފުޅު ތުއްތު ފައުންޑޭޝަނުން ބިނާ ކުރި މިސްކިތް އިސްލާމިކް މިނިސްޓްރީއާ ޙަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވީ އިއްޔެެއެވެ. އަލިފުޅު ތުއްތު ފައުންޑޭޝަންގެ ޢާއްމު އިޖުތިމާޢީ ޒިންމާގެ ދަށުން އަލްޓެކް މޯލްޑިވްސްއާއި ޙަވާލުކޮށްގެން ބިނާކޮށްފައިވާ މިސްކިތަކީ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

img:http://s2.psmnews.mv/images/660x400/14845757152997.jpg|އަލިފުޅު ތުއްތު ފައުންޑޭޝަނުން ކަނޑިތީމުގައި ބިނާކުރެއްވި މިސްކިތް / ފޮޓޯ: އަލިފުޅު ތުއްތު ފައުންޑޭޝަން

ކަނޑިތީމުގެ މިސްކިތުގެ އިތުރުން އަލިފުޅު ތުއްތު ފައުންޑޭޝަނުން ރާއްޖޭގެ 7 ރަށެއްގައި މިސްކިތް ބިނާ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މީގެތެރެއިން 3 މިސްކިތެއްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އަލިފުޅު ތުއްތު ފައުންޑޭޝަނުން ކުރިއަށްގެންދާ މިމަސައްކަތުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށްވެސް އެފައުންޑޭޝަނުން ގިނަ މަސައްކަތްތަކެއް ކުރެއެވެ. އަދި މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދީ، އެކި ރަށްރަށުގައި ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތުގައިވެސް އެފައުންޑޭޝަނުން ދަނީ އެހީތެރިކަން ފޯރުވައިދެމުންނެވެ.