ކުޅިވަރު

މޯލްޑިވްސް ފުޓްބޯލް އެވޯޑް ޔެސް ޓީވީއާއި ޓީވީއެމްއިން ދައްކާނެ


މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ޑްވައިޓް ޔޯކްއާއެކު މޯލްޑިވްސް ފުޓްބޯލް އެވޯޑް މިރޭ އޮންނާނެއެވެ. މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމްއާއި، އެފްއޭއެމް ގުޅިގެން ދޭ މިއެވޯޑްގައި މިއަހަރު ހޮވާނީ އެންމެ މޮޅު ކުޅުންތެރިޔާއާއި، އެންމެ މޮޅު ކޯޗާއި، އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއެވެ. މީގެއިތުރުން އެންމެ ގިނަ ލަނޑުޖެހި އަލީ ފާސިރަށް ރަންބޫޓް ދޭނެއެވެ.

 އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރަނީ ޓީސީ ދޫކޮށް ނިއުއަށް ބަދަލުވެފައިވާ އަލީ ފާސިރުއާއި، މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބުދުﷲއާއި، އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދުއެވެ. އެންމެ މޮޅު ކޯޗުގެ އެވޯޑަށް ވާދަކުރަނީ އަހަރުގެ ހުރިހާ ފައިނަލެއްގައި ވާދަކޮށް ލީގުގެ ދެވަނަ ހޯދި ޓީސީގެ ކޯޗު މުޙައްމަދު ނިޒާމާއި، ދިވެހި ޕްރިމިއަރ ލީގު މާޒިޔާއަށް ހޯދައިދިން އަލީ ސުޒޭނާއި، ޕްރެޒިޑެންޓްކަޕް އީގަލްސްއަށް ހޯދައިދިން އިހުސާން އަބުދުލްޣަނީއެވެ.

އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރަނީ ޔޫތް ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިޔާ އީގަލްސްގެ ކެޕްޓަން އަންސަރު އިބްރާހީމްއާއި، ޕްރެޒިޑެންޓްކަޕް ކާމިޔާބުކޮށްދިން ގޯލް ޖަހައިދިން އަހުމަދު ރިޒުވާންއާއި، ޤައުމީ ޓީމާއި ޓީސީގައިވެސް މޮޅަށް ކުޅުނު ނާއިޒު ހަސަންއެވެ.

ނެޝަނަލް އާރޓް ގެލަރީގައި މިރޭ 8:45 ގައި ފަށާ އެވޯޑް ހަފްލާގައި ބައިވެރިވުމަށް ޑްވައިޓް ޔޯކް އިއްޔެ މެންދުރުފަހު ވަނީ ރާއްޖެ އައިސްފައެވެ. މިއެވޯޑް ހަފްލާ ޓީވީއެމްއާއި ޔެސްޓީވީން ވަގުތުން ދައްކާނެއެވެ.