ކުޅިވަރު

ވިކްޓްރީގެ މެދު - ތައްޓަށް ކުރާ އުއްމީދަށް ބޮޑު ބާރެއް


ވިކްޓްރީއިން މިފަހަރުގެ ސީޒަނަށް ނުކުންނައިރު އެ ޓީމް ފެންނަނީ މިފަހަކަށް އައިސް އެ ޓީމް ނުފެންނަހާ ތަފާތުކޮށް، ވަރުގަދަކޮށެވެ.

ވިކްޓްރީއަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޙުގައި މިހާތަނަށް އެންމެ ކާމިޔާބު އެއް ކްލަބެވެ. ދިވެހި ފުޓްބޯޅައިގައި ޒަމާންތަކެއްވަންދެން ނަގާކިޔޭ ނަމަކަށް އޮތް އެންމެ ވަރުގަދަ އެއް ނަމެވެ. ދިވެހި ފުޓްބޯޅައިގެ ގަދަ އެއް ބާރެވެ.

އެހެންނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި ވިކްޓްރީ ފެނިގެންދިޔައީ ފުލަށް ނުގޮސް ހިފަހައްޓާލުމަށް މަސައްކަތްކުރަންޖެހުނު ޓީމެއްގެ ގޮތުގަ އެވެ. ބޮޑެތި ޓީމްތަކާ ވާދަކުރެވޭ ހާލަތެއްގައި އޮތް ޓީމެއްގެ ގޮތުގައި ވިކްޓަރީ ފެނިގެނެއް ނުދެ އެވެ.

މިފަހަރު އެކަން ބަދަލުވާނެކަމަށް ވިކްޓަރީގެ އެތަކެއް ސަޕޯޓަރުންނެއް އުންމީދުކުރަނީ ސަބަބެއް ނެތިއެއް ނޫނެވެ. ވިކްޓަރީގެ ސްކޮޑް ފެންނަނީ ވަރުގަދަ ސްކޮޑެއްގެ ގޮތުގަ އެވެ. ޓީމްގައި ބަލި ޑިޕާރޓްމަންޓެއް ނެތެވެ.

ވިކްޓްރީގެ މުޅި ސްކޮޑަށް ބަލާއިރު އެޓީމްގެ މެދުތެރެއަކީ ވަރުގަދަ އުފެއްދުންތެރި، ތަޖުރިބާ ބޮޑު މެދުތެރެއެކެވެ. ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރަކީ މުޙައްމަދު އާރިފް ( ބަކާ ) އެވެ. ފަހަކަށް އައިސް ޤައުމީ ޓީމުން ޖާގަ ނުލިބުނު ނަމަވެސް ޑިފެންސިވްއަށް ބަލާއިރު އެވަރުގެ ދެވަނަ މިޑްފީލްޑަރެއް ހޯދުމަކީ ފަސޭހަކަމެއްނޫނެވެ. އޭނާގެ ވަރުގަދަކަމާއި، މަސައްކަތުގެ ރޭޓާއި އިދިކޮޅު ޓީމްގެ މެދުތެރެއަށް ގަދަވެގަންނަން ކުރާމަސައްކަތުގައި އަހުމަދު ނިޔާޒުގެ ތަޖުރިބާ އެހީތެރިވެދޭނެއެވެ. އަހުމަދު ނިޔާޒަމީ ފުރަތަމަ ޑިވިޝަނުން މިހާރު ފެންނަ އެންމެ ތަޖުރުބާ ބޮޑު އެއް ކުޅުންތެރިޔާއެވެ. ވެލެންސިޔާ، ވީބީ، ނިއުރޭޑިއަންޓްގައި މޮޅަށް ކުޅެ، 2013 އަދި 2014 ވަނަ އަހަރު ނިއުގައި އާދަޔާ ޚިލާފަށް މޮޅަށް ކުޅުނީ އޭނާގެ ހިތްވަރާއި، ޝައުޤުވެރިކަން ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ވިކްޓްރީގައިތިބި ގޯލާ ރަށްޓެއްހި ފޯވާޑުންނަށް ބޯޅަ ފޯރުކޮށްދިނުމައި ހުރީ ރާއްޖޭގައި އުފެދުނު އެންމެ ކްރިއޭޓިވް މިޑްފީލްޑަރުގެ ގޮތުގައި ގިނަބަޔަކު ދެކޭ އިސްމާއީލް އީސާއެވެ. މިދިޔަ އަހަރު އޭނާ ފަނޑުކޮށް ފެނުނު ނަމަވެސް އޭގެ ކުރީ ދެއަހަރު އީގަލްސްގައި އޭނާ ވަނީ ފެންވަރު ދައްކާލާފައެވެ. ބަކާއާއެކު އެފެންވަރު ދައްކާލަން އޭނާ ހުރީ ކެތްމަދުވެފައެވެ. އީސަގެ ބޯޅަތައް ނިންމާލުމުގައި ވިކްޓްރީގެ ކުރީގައި ހަރަކާތްތެރިވާނީ އީގަލްސްގައި މިދިޔަ ސީޒަނުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި ސެޑިކްގެ އިތުރުން ޔުނައިޓެޑް ވިކްޓަރީގެ ކުރިޔަށް ކުޅުނު ކެރިކް އަންދްރޭ އެވެ. އެދެކުޅުންތެރިންނާއެކު ފޯވާޑް ލައިނުން ފެންނާނެ އެއް ކުޅުންތެރިޔަކީ ވެލެންސިޔާގައި މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ހަސަން އަދުހަމް (ސަޑޭ) އެވެ. ޓީސީގެ އަހުމަދު ރިޒްވާނަކީވެސް ރަތް ޖަރޒީގައި ފެންނާނެ މޮޅު ކުޅުންތެރިއެކެވެ.

ކީޕަރަކީ މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓަރީގެ ގޯލް ބެލެހެއްޓުމުގައި ކުޅަދާނަކަން ދެއްކި ސީރިޔާގެ ކީޕަރު ޔޫސުފް އެވެ. ސެންޓަރ ބެކަކަށް ގެންނަނީ މިދިޔަ ސީޒަނުގައި ނިއުރޭޑިއަންޓް ފަހަތް ބެލެހެއްޓި ބަލްގޭރިޔާގެ ދިގު ޑިފެންޑަރ ވެލިޗްކޯ އެވެ. މިދިޔަ ސީޒަންގެ ކެޕްޓަން ރިލްވާން ވަހީދުވެސް ހުރީ ފަހަތަށް ނުވަތަ އަރިމައްޗަށް ކުޅެންވެސް ތައްޔާރަށެވެ. މީގެ އިތުރުން ބައެއް ރަށްތަކުން ހޮވާލެވުނު މޮޅު ކުޅުންތެރިންތަކެއްވެސް ވިކްޓަރިއަށް ވަނީ ގެންގޮސްފަ އެވެ.

މި ހުރިހާ ކުޅުންތެރިންނާއެކު ވިކްޓަރީގެ ހުރިހާ ޑިޕާޓްމެންޓެއްވެސް ފެންނާނީ ރަނގަޅުކޮށްކަމަށް ކޯޗް މުޙައްމަދު ޝާޒްލީ ގަބޫލްކުރެ އެވެ. ޝާޒްލީ ބުނީ އަންނަ ސީޒަނަށް ވިކްޓަރީ ނުކުންނާނީ ތައްޓެއް ހޯދުމުގެ އަޒުމުގައިކަމަށެވެ.

" މެދު އެކަންޏެއްނޫން. ހުރިހާ ޑިޕާރޓްމަންޓެއްވެސް މިއަހަރު ވަރުގަދަ ވިކްޓްރީގެ. ތަށްޓެއް ނެގޭވަރުގެ ސްކޮޑެއް މިހާރު މިއޮތީ" ވިކްޓްރީގެ ސަޕޯޓަރުންނަށް ކޯޗު ޝާޒްލީދޭ އުއްމީދަކީ މިއީއެވެ.

ވިކްޓަރީ ރަނގަޅުކޮށްފައިވާއިރު އެހެން ކްލަބްތަށްވެސް ވަނީ ވަރުގަދަކޮށްފައެވެ. އެހެންނަމަވެސް އެއާއެކުވެސް ވިކްޓަރީއަށް އެ ޓީމްތަކާ ވާދަކުރެވޭނެކަމަށް ކުރިން ބީޖީއަށް ކޯޗްކޮށްދިން ޝާޒްލީ ގަބޫލްކުރެ އެވެ. ވިކްޓްރީ ވަރުގަދަވުމުގެ އެންމެ ބޮޑު ފައިދާއެއް އޮތީ ދިވެހި ފުޓްބޯޅައަށެވެ. ދިވެހި ފުޓްބޯޅައިގެ ފޯރިއަށެވެ. ވިކްޓްރީ ވަރުގަދަވުމުން ފަޅުވެފައިވާ ސްޓޭޑިއަމްއަށް ދިރުމެއް ލިބޭނެކަމަށް ކުރެވޭ އުއްމީދު ބޮޑެވެ.