ކުޅިވަރު

މަހިބަދޫ ކެޕްޓަން މިދުހަތު ނިއުރޭޑިއަންޓަށް


ކުރިއަށް އޮތް ސީޒަންގައި ނިއުރޭޑިއަންޓަށް ކުޅެން ސޮއިކޮށް މަހިބަދޫ ކެޕްޓަން އަބުދުﷲ މިދުހަތު ފަހުމީ އޭނާގެ ފޭސްބުކް ޕްރޮފައިލް ފޮޓޯ ކްލަބްގެ ލޯގޯއަށް ބަދަލުކޮށްފިއެވެ. އޭނާ ނިއުއަށް ސޮއިކުރީ މިރެއެވެ.

މެދުތެރެއަށް ކުޅެމުން އަންނަ މިދުހަތު އަކީ މަހިބަދޫ ފުރަތަމަ ޑިވިޝަންގައި ވާދަކުރިއިރުވެސް އެކްލަބްގައި މުޙިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އެޓޭކްގައިވެސް ބައިވެރިވާ މިދުހަތު ނިއުއަށް ސޮއިކުރުމާއެކު ކުރިއަށް އޮތް ސީޒަނަށް ނިއުރޭޑިއަންޓްގެ ސްކޮޑް ފައިނަލްވެފައިވާކަމަށް ނިއުރޭޑިއަންޓުން މައުލޫމާތުދެއެވެ. ނިއުރޭޑިއަންޓްގެ ސްކޮޑްގައި މިދުހަތުގެ އިތުރުން މެދަށް ކުޅެން ތިބީ ބިދޭސީ ދެ މިޑްފީލްޑަރުންނެވެ. ފުރަތަމަ އެގާރައިން ޖާގަ ހޯދުން ވެގެންދާނީ މިދުހަތަށް ޗެލެންޖިންގ މަސައްކަތަކަށެވެ.

މިދުހަތާއެކު މަހިބަދޫގެ ތިން ކުޅުންތެރިން ނިއުރޭޑިއަންޓުން މިއަހަރު ފެންނާނެއެވެ. އެއީ ކީޕަރު އިމްރާން މުޙައްމަދާއި، މިދިޔަ އަހަރުވެސް ނިއުއަށް ކުޅުނު ޑިފެންޑަރ އަހުމަދު ނުހާދުއެވެ.

ނިއުރޭޑިއަންޓްގެ ސްކޮޑް އިއުލާންކޮށް ޕްރެކްޓިސް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.