ކުޅިވަރު

ފުރަތަމަ ދުވަހުވެސް ޓީސީގެ ޕްރެކްޓިސް ދެއިރު


އާ ސީޒަނަށް ޓީސީ ސްޕޯރޓްސް ކްލަބްގެ ޕްރެކްޓިސް މިއަދު ފަށައިފިއެވެ. މިއަދު ފެށި ޕްރެކްޓިސްގައި ޓީމާއި އަލަށް ގުޅުނު މުހިންމު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިންތަކެއްވަނީ ބައިވެރިވެފައެވެ. އެގޮތުން ނޭޕާލްގެ ގޯލްކީޕަރު ކިރަންއާއި ފޭދޫ ޓީމުން ވިދާލި އިބްރާހިމް މަހުދީއާއި، ނިއުރޭޑިއަންޓުން ފެނުނު ޒުވާން ކުޅުންތެރިޔާ މުހައްމަދު ސާމިރުވަނީ ޕްރެކްޓިސްގައި ބައިވެރިވެފައެވެ.

ޓީސީގެ ކޯޗް މުޙައްމަދު ނިޒާމް ބުނީ އާ ސީޒަންގެ ފުރަތަމަ ޓާގެޓަކީ މާލޭ ލީގުން ދިވެހި ލީގަށް ކޮލިފައިވުންކަމަށާއި، ޓީމް ތައްޔާރުވަމުންދަނީ އެކަމަށްކަމަށެވެ. ބަދަލުތަކަކާއިއެކު ޓީސީ ފެނުނަސް އަލަށް ޓީމާއި ގުޅުނު ކުޅުންތެރިންނާއިމެދު ވަރަށް ހިތްހަމަޖެހޭކަމަށާއި، ބިދޭސީ ފޯވާޑަކާއި ޑިފެންޑަރެއް އެޓީމާއި ގުޅޭނެކަމަށް ނިޒާމް ބުންޏެވެ. 

"އާ ސީޒަންގެ ފުރަތަމަ ޓާގެޓަކީ މާލޭ ލީގުގެ އެއްވަނަ ޓީމްގެ ގޮތުގައި ދިވެހި ލީގަށް ކޮލިފައިވުން، ކޮންމެ އަހަރަކު ކޮންމެ ޓީމެއްވެސް ނިކުންނަނީ ޓިމަށް ބަދަލުތަކަކާއިއެކު. ޓިސީއަށް އައި ބަދަލްތަކާއިމެދު ހިތްހަމަޖެހޭ، ބައެއް ކުޅުންތެރިން ޓީސީ ދޫކޮށްދިޔަ ނަމަވެސް ޓިސީއާއި ކުރިއަށް އޮތް ސީޒަނަށް ގުޅުނީ ހިތްހަމަޖެހޭ ފެންވަރުގެ ކުޅުުންތެރިން" މިދިޔަ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަޤާމަށް ވާދަކުރާ ނިޒާމް ބުންޏެވެ.

މިދިޔަ ދެ އަހަރުވެސް ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ މަގާމް ހޯދި ޓީސީ ދޫކޮށްލި ކުޅުންތެރިންގެ ތެރޭގައި ފޯވާޑް އަލީ ފާސިރާއި، އަހުމަދު އަބްދުﷲގެ އިތުރުން ކީޕަރ މުހައްމަދު އިމްރާން ފާހަގަކޮށްލެވެއެވެ. އެކުޅުންތެރިން ނެތްތައް ފޫބެއްދުމަށް ދިވެހި އަދި ބޭރު ކުޅުންތެރިން ޓީސީން ވަނީ ހޯދާފައެވެ.

އާ ސީޒަނަށް ތައްޔާރުވާން ޕްރެކްޓިސް ފެށި ފުރަތަމަ ދުވަހުވެސް ޓީސީން ވަނީ ހެނދުނާއި ހަވީރު ފަރިތަކުރުންތައް ކުރިއަށްގެންގޮސްފައެވެ.