ޚަބަރު

އެމްއެންޑީއެފްގެ ސަބަބުން ރާއްޖެއާމެދު އޮންނަ އިތުބާރު ބޮޑުވެއްޖެ


ލަންކާގެ މަސްވެރިންތަކެއް ހާލުގައި ޖެހިފައިވަނިކޮށް, އެމީހުން ހޯދުމަށް ދިވެހި ސިފައިން ހިންގެވި ކާމިޔާބު އޮޕަރޭޝަންގެ ސަބަބުން، ރާއްޖެއާއި މެދު އޮންނަ އިތުބާރު ބޮޑުވެ ބައެއް ޤައުމުތަކާއެކު އޮންނަ ސިޔާސީ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. 

ލަންކާގެ މަސްވެރިންތަކެއް ހާލުގައި ޖެހިފައިވަނިކޮށް އެ މީހުން ސަލާމަތްކުރި ކޯސްޓްގާޑްގެ ޝިޕް ހުރަވީއަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު މިއަދު ޒިޔާރަތްކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އަވަށްޓެރި ލަންކާގެ މަސްބޯޓުތައް ހޯދައި އިންސާނުންތަކެއްގެ ފުރާނަ ސަލާމަތްކުރި ކުރުމަކީ ދިވެހި ކަނޑުގެ ސިފައިންނަށް ލިބުނު ނަސްރެއްކަމަށް ސިފަކުރައްވާކަމަށެވެ. އަދި ކޯސްޓްގާޑުން ދިވެހި އަސްކަރިއްޔާއާއި މުޅި ދިވެހި ޤައުމު ފަހުރުވެރިކޮށްދީފިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރ ވިދާޅުވީ ދިމާވާ ހާދިސާތަކުން ދިވެހިންގެ ފުރާނައާއި މުދާ ސަލާމަތްކުރެއްވުމަށް ކޯސްޓްގާޑުގެ ވަސީލަތްތައް މިހާރަށްވުރެ އިތުރުކުރައްވައި ޚިދުމަތް ފުޅާކުރެއްވުމަށް ކުރިއަށް އޮތްތަނުގައިވެސް ސަރުކާރުން މަސައްކަތް ކުރައްވާނޭކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަހްމަދު ޝިޔާމް ވިދާޅުވީ، ކޯސްޓްގާޑުގެ ސިފައިންނަކީ، ރާއްޖޭގެ ކަނޑުތަކަށް ފަރިތަ ބަޔަކަށް ވާންޖެހޭކަމަށެވެ. އަދި އެކަމަށް ބޭނުންވާ ތަމްރީނުތައް ހޯދައި މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަހްމަދު ޝިޔާމް ގޮވާލެއްވިއެވެ.

ލަންކާގެ މަސް ބޯޓު ކޯސްޓްގާޑުން ހޯދަން ފެއްޓެވީ އެބޯޓް ހޯދުމުގައި އެހީތެރިކަމަށް ލަންކާގެ ސަރުކާރުން އެދިވަޑައިގަތުމުންނެވެ. ލަންކާގެ މަސްބޯޓުތަކާއި އެބޯޓުތަކުން ދަތުރުކުރި ފަޅުވެރިން އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ރާއްޖޭގައި ހުންނަ ސްރީލަންކާގެ އެމްބަސީއާއި ގުޅިގެން މިހާރު ކުރައްވަމުން ގެންދަވާކަމަށް ކޯސްޓްގާޑުން ވިދާޅުވެއެވެ.