ކުޅިވަރު

ތައްޓެއް ނެގޭވަރުގެ ސްކޮޑެއް އެބައޮތް، އަމާޒަކީ ތައްޓެއް - ޝާޒްލީ


ތައްޓެއް ހޯދުމުގެ އަޒުމުގައި ވިކްޓްރީގެ ޕްރެކްޓިސް މިއަދު ފަށައިފިއެވެ. ދިވެހި ކުޅުންތެރިންނާއެކު މިއަދު ހަވީރު ޕްރެކްޓިސް ފެށުމަށްފަހު ކޯޗު މުޙައްމަދު ޝާޒްލީ ބުނީ ތައްޓެއް ނެގޭވަރުގެ ސްކޮޑެއް އޭނާއަށް ލިބިފައިވާކަމަށެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އަދި ކާމިޔާބު ތާރީޚެއް އޮތް ވިކްޓްރީ ވާދަވެރި ޓީމެއްގެ ގޮތުގައި ނުފެންނަތާ އަހަރުތަކެއް ވަނީ ފާއިތުވެފައެވެ. 

އެހެންނަމަވެސް ކުރިޔަށް އޮތް ސީޒަނާއި ވިކްޓްރީ ކުރިމަތިލަނީ ވޭތުވެދިޔަ އަހަރުތަކުގައި ނެތްވަރުގެ ވަރުގަދަ ސްކޮޑަކާއެކުގައެވެ. ކޯޗު ޝާޒްލީވެސް ފާހަގަކުރި ގޮތުގައި މިއީ ފާއިތުވި ފަސް އަހަރުވެސް ވިކްޓްރީން ނުފެންނަވަރުގެ ސްކޮޑެކެވެ. 

ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި ބީޖީ ދޫކޮށް ވިކްޓްރީއާ ހަވާލުވި އެޓީމްގެ ކުރީގެ ކުޅުންތެރިޔާ ޝާޒްލީ ބުނީ އެހެން ޓީމްތައްވެސް ވަރުގަދަކަމަށާއި، ނަމަވެސް ވިކްޓްރީގައި ތަށްޓެއް ހޯދޭވަރުގެ ޤާބިލްކަން އެބަހުރިކަމަށެވެ.

" އެންމެ ފުރަތަމަ އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް. އެއަށްފަހު ޕްރިމިއަރ ލީގުގައި ވާދަކޮށް، ސީޒަންގައި ތައްޓެއް ހޯދުން އަޒުމަކީ. އެހެން ޓީމްތައްވެސް ވަރުގަދަ. އެހެން ނަމަވެސް ތައްޓެއް ނެގޭވަރުގެ ސްކޮޑެއް ވިކްޓްރީގައި މިއޮތީ " މިއަދު އޮތް ފަރިތަކުރުންތަކުގެ ތެރެއިން ޝާޒްލީ ބުންޏެވެ.

ތައްޓެއް ހޯދުމަށް ކުރާ މަސައްކަތުގައި ވިކްޓްރީން ވަނީ ސްކޮޑް ވަރުގަދަކޮށްފައެވެ. ވިކްޓްރީއާއި ގުޅުނު ކުޅުންތެރިންގެ ތެރޭގައި އިސްމާއިލް އީސަ(މެސީ)، ވެލެންސިޔާގެ ހަސަން އަދުހަމް(ސަޑޭ)، މުޙައްމަދު އާރިފް(ބަކާ)، ނިއުރޭޑިއަންޓްގެ އަހުމަދު ނިޔާޒު، ޓީސީގެ ރިޒްވާން ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ ޓީމްތަކަށް ކުޅުނު ބިދޭސީ މޮޅު ބައެއް ކުޅުންތެރިން ވިކްޓްރީން ވަނީ ގެންގޮސްފައެވެ. އެ ޓީމަށް ގެންނަ ބިދޭސީ ހަތަރު ކުޅުންތެރިންނަކީ ޔުނައިޓެޑް ވިކްޓަރީއަށް ކުޅުނު ސީރިޔާގެ ކީޕަރު ޔޫސުފް، އެ ޓީމްގެ ފޯވާޑް ކެރިކް އަންދްރޭ، ނިއުރޭޑިއަންޓްގެ ބަލްގޭރިޔާ ޑިފެންޑަރ ވެލިޗްކޯ، އަދި އީގަލްސްގެ ކުރިޔަށް ކުޅުނު ސެޑިކްއެވެ. މިކުޅުންތެރިން މިވަގުތު ރާއްޖޭގައި ނެތުމުން ވިކްޓްރީ މިއަދު ޕްރެކްޓިސް ފެށީ އެކުޅުންތެރިންނާ ނުލައެވެ. އަތޮޅު މުބާރާތްތަކުން ފާހަގަކުރެވުނު ބައެއް ކުޅުންތެރިންވެސް މިއަދު އޮތް ވިކްޓްރީގެ ޕްރެކްޓިސްގައި ބައިވެރިވިއެވެ.