ޚަބަރު

"ލަންކާއިން ރާއްޖެއަށް ކުރި އިތުބާރަކީ ލިބުނު ހިތްވަރެއް"


ވަސީލަތްތައް މަދުނަމަވެސް އަވަށްޓެރި ސްރީލަންކާގެ މަސްބޯޓުތައް ހޯދުމަށް އެންމެ ބޮޑު ހިތްވަރެއް ލިބިގެންދިޔައީ، ލަންކާ ސަރުކާރުން ދިވެހި ސިފައިންނާއި ދިވެހި ރައްޔިތުންނަށް ކުރެއްވި އިތުބާރާއި ޔަގީންކަމުގެ ސަބަބުންކަމަށް ކޯސްޓްގާޑްގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އަވަށްޓެރި ސްރީލަންކާގެ ދެ މަސްބޯޓު ހާލުގައި ޖެހިފައިވަނިކޮށް އެ ދެބޯޓް ހޯދާ އެގައި ތިބި މީހުން ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަންތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯސްޓްގާޑްގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމް ވިދާޅުވީ، މަސްބޯޓުތައް ހޯދުމަށް ސްރީލަންކާއިން ރާއްޖޭގެ އެހީތެރިކަމަށް އެދިވަޑައިގަތީ ފުރިހަމަ ޔަޤީންކަމަކާއި އިތުބާރާއި އެކުގައިކަމަށެވެ. ދިވެހިންނަށް އެކަން ކުރެވޭނެކަމުގެ ޔަގީންކަން ގެއްލުނު ބޯޓުތަކުގައި ތިބީ މީހުންގެ ޢާއިލާތަކަށް ލަންކާ ސަރުކާރުން ދެއްވިކަމަށާއި އެކަން ވެގެންދިޔައީ ސިފައިންގެ ލީޑަރޝިޕްގެ އިރުޝާދުތަކާއެކު ސިފައިންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށްކަމަށްވެސް ކާނަލް މުޙައްމަދު އިބްރާހީމް ވިދާޅުވިއެވެ.

ކާނަލް މުޙައްމަދު އިބްރާހީމް ވިދާޅުވީ، ހާލުގައި ޖެހޭ އުޅަނދުފަހަރުތައް ހޯދުމުގައި އެންމެ ފުރަތަމަ އެ އުޅަނދެއް އޮތީ ކޮން ސަރަހައްދެއްގައިތޯ ބައްލަވާކަމަށެވެ. އަދި އެ ސަރަހަދަކަށް ކޯސްޓްގާޑުގެ އުޅަނދެއް ދެވެންދެން އެންމެ ކައިރީގައި އޮތް އަތޮޅެއް ނުވަތަ ރަށަކުން އެހީތެރިކަން ދެވޭނެ އުޅަނދެއް ފޮނުވައިގެން މީހުން ސަލާމަތް ކުރުމަށް އިސްކަން ދެއްވާކަމަށް ކާނަލް ވިދާޅުވިއެވެ. އަދި މިފަދަ އޮޕަރޭޝަންތަކުގައި ދިވެހި އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ދިވެހި މަސްވެރިންގެ ފަރާތުންކަން ކާނަލް މުޙައްމަދު އިބްރާހީމް އުފަލާއެކު ފާހަގަކުރައްވިއެވެ.  

ހާލުގައި ޖެހިފައިވާ އުޅަނދެއް ފެނުމާއެކު އޭގެ ކައިރިޔަށް ކޯސްޓްގާޑު ދަނީ ގިނަ ދޯނިތަކަކާއި ގުޅައި މައުލޫމާތު ހޯދައިގެންކަމަށާއި، ކޯސްޓްގާޑުން އެންމެ ފަހުން ސަލާމަތްކުރި ލަންކާގެ އެއުޅަނދުގައި ތިބި 4 މީހުން ސަލާމަތް ކުރުމުގައިވެސް ކޯސްޓްގާޑުން ބެލީ އެންމެ ފުރަތަމަވެސް މީހުން ސަލާމަތްކުރުމަށް ކަމަށް، އެއޮޕަރޭޝަނުގައި ހަރަކާތްތެރިވި ކޯސްޓްގާޑް ޝިޕް ހުރަވީގެ ކޮމާންޑަރ މުޙައްމަދު ޖަމްޝާދު ކިޔައިދެއްވިއެވެ.

ވަސީލަތްތައް ހުރިގޮތުން ބޮޑެތި އުޅަނދުތައް ހާލުގައި ޖެހިގެން އެހީއަށް އެދޭ ހާލަތްތަކުގައި އެ އުޅަނދެއް ސަލާމަތް ނުކުރެވުނުނަމަވެސް މީހުން ސަލާމަތްކުރެވޭކަމަށް ކޯސްޓްގާޑުން ވިދާޅުވެއެވެ.