ޚަބަރު

ހިތްވަރު ޗެލެންޖުގެ ހޮސްޓިންގ ޕާޓްނަރަކަށް އެޗްޑީސީ


މިއަހަރުގެ މެއިމަހު ބޭއްވުމަށް ހަމަޖެހިފައިވާ ހިތްވަރު ޗެލެންޖުގެ ހޮސްޓިންގ ޕާޓްނަރަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ ހަމަޖައްސައިފިއެވެ.

ހިތްވަރު ޗެލެންޖް އިންތިޒާމްކުރާ ޓަރނިންގ ސްޓޯނުން ވަނީ އެޗްޑީސީއާއެކު ހޮސްޓިންގ ޕާޓްނަރޝިޕް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަންއެވެ. ޓަރނިންގ ސްޓޯންގެ ފަރާތުން ސޮއިކުރެއްވީ، ސޭލްސް އެންޑް މާކެޓިންގ ޑިރެކްޓަރ ފާތިމަތު ޒާދާއެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، ހުޅުމާލެއަކީ ޒުވާނުންނަށް ޚާއްޞަ ސިޓީއެއްކަމަށެވެ. ހުޅުމާލޭގައި ޒުވާނުންގެ ކުރިއެރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކަށް އެޗްޑީސީން އަބަދުވެސް އެއްބާރުލުން ދެއްވާނެކަން ފާހަގަކުރައްވަމުން ސައިމަން ވިދާޅުވީ، ޒުވާނުން އިސްނަގައިގެން ހުޅުމާލޭގައި އެކިއެކި ޕްރޮގްރާމްތައް ކުރިއަށްގެންދާކަމީ ފާހަގަކޮށްލަންޖެހޭ ކަމެއްކަމަށެވެ.

" މިގޮތަށް ޒުވާނުންނަށް އިސްކަންދީގެން އެކިކަހަލަ ޕްރޮގްރާމްތައް ބޭއްވުމަށް އެޗްޑީސީން އަބަދުވެސް ތަރުހީބުދޭ. ޒުވާނުންގެ ޓީމެއް އިސްނަގައިގެން ހިތްވަރު ޗެލެންޖް ކުރިއަށްގެންދިއުމަށް ނިންމިކަމަށްޓަކައި މަރުހަބާކިޔަން. މި އިވެންޓް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކްގައި. ހުޅުމާލޭ ސެންޓްރަލް ޕާކަކީ ދިވެހި އާއިލާތައް ވަރަށް ގަޔާވާތަނެއް " ސައިމަން ވިދާޅުވިއެވެ. 

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޓަރނިންގ ސްޓޯންގެ ސޭލްސް އެންޑް މާކެޓިންގ ޑިރެކްޓަރ ފާތިމަތު ޒާދާ ވިދާޅުވީ، ހިތްވަރު ޗެލެންޖުގައި ބައިވެރިވުމުގެ ފުރުޞަތު ޢާއްމުކޮށް މިހާރު ހުޅުވާލާފައިވާކަމަށެވެ.

" ހިތްވަރު ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާރޗްމަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށް. ހިތްވަރު ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު އޮންލައިންކޮށްވެސް ވަނީ ހުޅުވާލާފަ" ޒާދާ ވިދާޅުވިއެވެ. 

ކަސްރަތާއި ގުޅުންހުރި ކަންކަމަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ހިތްވަރު ޗެލެންޖުގައި ބައިވެރިވުމުގެ ފުރުޞަތު ސަތާރަ އަހަރާއި ސާޅީސް ފަސް އަހަރުގެ ކޮންމެ މީހަކަށް ވަނީ ހުޅުވާލާފައެވެ.