ތަޢުލީމު

ސަޢޫދީ ޓީޗަރުންގެ އެހީގައި ދިވެހި ޓީޗަރުން ތަމްރީނުކުރައްވަނީ


ސަޢޫދީ ސަރުކާރުން ފޮނުއްވި ޓީޗަރުންގެ އެހީތެރިކަމާއެކު ރާއްޖޭގެ މުދައްރިސުން ޢަރަބި ބަހަށް ތަމްރީނުކުރެއްވުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދަވަން ނިންމަވާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ، ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމު ފުޅާކޮށް ކުރިއެރުވުމަށް ކުރައްވަމުންދާ މަސައްކަތަށް ސަޢޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ވެދެއްވި ދީލަތި އެހީ ރަސްމީކޮށް ބަލައިގަތުން ފާހަގަކުރެއްވުމަށް އިސްކަންދަރު ސްކޫލްގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު ޝިހާމް ވިދާޅުވީ ރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމު ފުޅާކޮށް ދަރިވަރުންގެ ޢަޤީދާ ވަރުގަދަކޮށް މުސްލިމް ދިވެހި ޝަޚްޞުން އުފެއްދެވުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާކަމަށެވެ. އެގޮތުން ގްރޭޑް 1 އިން ގްރޭޑް 7 އަށް ޤުރުއާނަކީ މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކިޔަވައިދެމުން ގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ދިވެހިރާއްޖޭގައި ޢަރަބި މީޑިއަމަށް ސްކޫލް ތަޢުލީމު، ނިޒާމީ ގޮތެއްގައި ދޭން ފެށިތާ މިވަނީ 38 އަހަރު ވާން ކައިރިވެފައި. ވޭތުވެދިޔަ ތަނުގައި ކާމިޔާބު ކަމާއެކު ކުރެވުނު މި މަސައްކަތުގެ ނަތީޖާއަކީ ޢަރަބި އިސްލާމީ ތަޢުލީމު ދިނުމަށް، އޭރުގެ ސަރުކާރުން ޤާއިމްކުރެއްވި، މައުޙަދުއް ދިރާސާތިލް އިސްލާމިއްޔާ، މިއަދުގެ ސަރުކާރުން ޔުނިވަރސިޓީއަކަށް ބަދަލުކުރައްވައި، އަރަބި އިސްލާމީ ތަޢުލީމުގެ ޢިލްމު އުފައްދަވައި ފެތުރުމުގެ މަސައްކަތް މި ކުޑަކުޑަ ރާއްޖޭގައި މިވަނީ ފެށިފައި." މިނިސްޓަރ ވިދާޅުވިއެވެ. 

ސަޢޫދީގެ ޓީޗަރުންގެ އެހީތެރިކަމާއެކު ރާއްޖޭގެ މުދައްރިސުން ތަމްރީނުކުރެއްވުމުގެ މަސައްކަތް ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އިސްލާމިކް ޔުނިވަރސިޓީ އާއި ޤުރުއާނާބެހޭ މަރުކަޒުގައި ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޢަރަބި ބަހުގެ ކަރިކިއުލަމާއި ކިޔަވައިދިނުމުގެ ވަޞީލަތްތައް ތައްޔާރުކުރުމަށް ސައުދީގެ ޓީޗަރުންގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

ޢަރަބި ބަސް އުނގަންނައިދިނުމަށް މާލެ، ހުޅުމާލެ، އައްޑޫސިޓީ އަދި ކުޅުދުއްފުށީގައި މި ޓީޗަރުން މަސައްކަތް ކުރާނެއެވެ.

މިރަސްމިއްޔާތުގައި ސަޢޫދީ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބަދްރު އަލްކުޙައިލް ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ޢަރަބި ތަޢުލީމާއި ޤުރުއާނުގެ ޢިލްމު ތަރައްޤީކުރުމުގައި ކުރު މުއްދަތެއްގެ ތެރޭގައި އިތުރު ޓީޗަރުން ތަކެއް ގެންނަވާނޭ ކަމަށް ސަޢޫދީ ސަފީރު ވިދާޅުވިއެވެ.

ސަޢޫދީ ސަރުކާރުން ރާއްޖެއަށް ފޮނުވި ޓީޗަރުން ރާއްޖޭގައި މަސައްކަތް ފެށުމުގެ ކުރިން ރާއްޖޭގެ ތަޢުލީމުގެ ނިޒާމާއި ސްކޫލްތަކުގެ މަސައްކަތް ހިނގާ ގޮތްތަކާ ބެހޭގޮތުން އެ ޓީޗަރުން ތަމްރީނު ކުރުމަށްޓަކައި މަސައްކަތު ބައްދަލުވުމެއް ބޭއްވެވިއެވެ. 

ރާއްޖޭގައި ޢަރަބިބަސް އުނގަންނައިދޭ މަރުކަޒެއް ޤާއިމްކުރެއްވުމަށް މިދިޔަ އަހަރު ސަޢޫދީ ސަރުކާރުން ވަނީ ނިންމަވާފައެވެ. ޢަރަބި ބަސް އުނގަންނައިދިނުމަށް މިދިޔަ އަހަރު ސަތޭކަ ހާސް ފޮތް ސަޢޫދީން ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ. ސަޢޫދީ ސަރުކާރުގެ އެހީގެ ދަށުން ދަށް ގްރޭޑްތަކުގެ ކުދިން އަރަބި ބަސް އުނގެނުމަށް ބޭނުންވާ ބައެއް ވަސީލަތްތަކާއި ޑިކްޝަނަރީތައް އަންނަ މަހުގެ ތެރޭގައި ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގެ 41 ސްކޫލެއްގައި މިހާރު ޢަރަބި ބަސް ކިޔަވައިދެއްވައެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނުގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭ 2 ސްކޫލް މިހާރު ވަނީ ޤާއިމްކުރައްވާފައެވެ.