ޚަބަރު

ކޮރަޕްޝަން ނައްތާލުމަށް، ސްޓެލްކޯއިން މަސައްކަތް ފަށައިފި


ކޮރަޕްޝަން ނައްތާލެއްވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯ ގުޅިގެން މަސައްކަތް ކުރެއްވުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.

މިއީ ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ކުންފުންޏަކުން އިސްނަގައިގެން މަސައްކަތް ފެށި ފުރަތަމަ ފަހަރެވެ.

ސްޓެލްކޯގެ މުވައްޒަފުންނާއި، އާންމު ރައްޔިތުން ނަޒާހަތްތެރި ކުރުމުގެ އިތުރުން ތަމްރީނުތަކާއި، ފަންނީ ލަފާދެއްވުން ފަދަ ކަންކަން މިއެއްބަސްވުމުގެ ދަށުން ކުރިއަށްގެންދަވާނެއެވެ. މިއެއްބަސްވުމާއި ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުއްޝަކޫރު ޞާލިޙު ވިދާޅުވީ، ސްޓެލްކޯއަކީ ވަރަށް ބޮޑު ޚަރަދުތަކެއް އަހަރުގެ ތެރޭގައި ހިނގަމުންދާ ތަނެއް ކަމަށާއި، ޚަރަދުތައް ކުރާއިރު ކުންފުނިން އަމަލުކުރަނީ ޤަވާއިދާއި، އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ.

"މިތަނަކީ ވަރަށް ބޮޑު ޚަރަދުތަކެއް އަހަރުގެ ތެރޭގައި ހިނގަމުންދާތަނެއް. އަދި އެހާމެ ބޮޑު އާމްދަނީއެއްވެސް ލިބެމުންދާތަނެއް. އެހެންނަމަވެސް، ގިނަފަހަރު މިއޮންނަނީ އަޅުގަނޑުމެންނަށް ލިބޭ އެއްޗަކާއި، ޚަރަދާއި، ދިމާނުވެފައި. އެއީ މައިގަނޑު ގޮތެއްގައި ކުރަން ޖެހިފައި އޮންނަ މަސައްކަތުގެ ސަބަބުންނާއި، ފޯރުވައިދެމުންދާ ޚިދުމަތުގެ ސަބަބުން. އެހެން ނަމަވެސް ކުރަމުންދާ ހުރިހާ ކަމެއްގައި އަޅުގަނޑުމެން ބަލަނީ، އޮންނަ އުސޫލާއި ޤަވާއިދުތަކާއި އެއްގޮތުގެ މަތިން ހަމަ ކުރިއަށް ގެންދިއުމަށް." ޢަބްދުއްޝަކޫރު ވިދާޅުވިއެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އެންޓިކޮރަޕްޝަން ކޮމިޝަނުގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވީ، ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަކީ ހަމައެކަނި އެކޮމިޝަނުގެ މަސްޢޫލިއްޔަތެއްކަމުގައި ނުދެކި ހުރިހާ ފަރާތްތަކުންވެސް ގުޅިގެން ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރެއްވުން މުހިއްމުކަމަށާއި، ކޮރަޕްޝަން ނައްތާލުމަށް ސްޓެލްކޯއިން އިސްނެގުމަކީ ފާހަގަކުރެވޭ މުހިއްމު މަސައްކަތެއްކަމަށެވެ. ދައުލަތުގެ ހުރިހާ އިދާރާތަކާއި، ކުންފުނިތަކުންވެސް، ސްޓެލްކޯއިން ދެއްކި ނަމޫނާއާ އެއްގޮތަށް މަސައްކަތް ކުރުމަށް ހަސަން ލުތުފީ ގޮވާލެއްވިއެވެ.

"އަޅުގަނޑަށް ހީވަނީ މިއަދަކީ މިއީ ފެށުމެއްހެން، ރާއްޖޭގެ އެއްވެސް ކުންފުންޏަކުން އޭސީސީއާއި ގުޅިގެން، މިފަދަ މަސައްކަތެއް މިހާތަނަށް ކޮށްފައެއްނެތް. އެހެންވީމަ ސްޓެލްކޯގެ މި އިސްނެންގެވުމަކީ، އަޅުގަނޑުމެން ކޮމިޝަނުގެ މެމްބަރުންނާއި، މުވައްޒަފުން އިޙުތިރާމާއެކު، ވަރަށް އުފަލާއެކު ބަލައިގަންނަ ކަމެއް." ޙަސަން ލުޠުފީ ވިދާޅުވިއެވެ.

ސްޓެލްކޯގެ މުވައްޒަފުންގެ އިތުރުން ކޮރަޕްޝަނަށް، އާއްމު ރައްޔިތުން ހޭލުންތެރިކުރުމަށް އެކުންފުނިން ފަށާ މަސައްކަތްތަކުގެ ތެރެއިން މާދަމާވެސް ޚާއްސަ މަސައްކަތެއް ކުރިއަށްގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެގޮތުން މާޓީވީގެ ނަމުގައި މާދަމާ ލެޑް ސްކްރީނެއް ސްޓެލްކޯ ސަރަހައްދުގައި ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް އިފްތިތާޙްކުރާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ. އަދި އެޓީވީން ކޮރަޕްޝަނަށް ހޭލުންތެރި ކުރުމަށް އޭސީސީން ތައްޔާރުކުރައްވާފައިވާ އިޝްތިހާރުތަކާއި، މެސެޖްތަކާއި، ޑްރާމާތަކުގެ އަޑާއި މަންޒަރު ދެއްކުމަށް ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.