ވިޔަފާރި

ޖޫހުގެ ބާވަތްތަކުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި


ޖޫސް ފެސްޓްގެ ނަމުގައި 20 އިންސައްތައާ ހަމައަށް ޖޫހުގެ ބާވަތްތަކުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފިއެވެ. މި ފެސްޓިވަލް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ އަށާވީހުގެ ނިޔަލަށެވެ.

އެސްޓީއޯ ސުޕަމާޓުގައި ކުރިއަށްދާ މި ޖޫސް ފެސްޓިވަލާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އެސްޓީއޯގެ ސީނިއަރ ޖެނެރަލް މެނޭޖަރ ފާތިމަތު އާޝަން ވިދާޅުވީ މި ފެސްޓިވަލުގައި އާއްމުންނަށް ހެޔޮ އަގެއްގައި ޖޫހުގެ އެކި ބްރޭންޑުތަކުގެ އެކި ބާވަތްތައް ލިބެން ހުންނާނެ ކަމަށެވެ. އަދި އެސްޓީއޯއިން މިއަހަރު ތެރޭ ކޮންމެ މަހެއްގައިވެސް އެކި އުފެއްދުންތަކަށް އަމާޒްކޮށްގެން ފެސްޓިވަލްތައް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.

"މި ފެސްޓިވަލްގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ބާޒާރުގައި ލިބެންހުރި އެންމެ ރަގަޅު ޖޫހުގެ ބާވަތްތައް ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދިނުން، މި ފެސްޓިވަލްގައި ޖޫހުގެ ބާވަތްތަކުން ފަނަރަ އިންސައްތަ އާއި ވިހި އިންސައްތަ އާއި ހަމައަށް ޑިސްކައުންޓް ލިބޭނެ" އާޝަން ވިދާޅުވިއެވެ.

މި ފެސްޓިވަލުގައި އެސްޓީއޯގެ އިތުރުން، ރާއްޖެއަށް ޖޫހުގެ ބާވަތްތައް އެތެރެކުރާ ކުންފުނިތަކުންވެސް ބައިވެރިވެފައިވެއެވެ. މި ފެސްޓިވަލް އިފްތާހްކޮށްދެއްވީ އެސްޓީއޯގެ ސީނިއަރ ޖެނެރަލް މެނޭޖަރ ފާތިމަތު އާޝަންއެވެ.