ތަޢުލީމު

އޭދަފުށީގައި އިތުރު ދަނާލެއް ހެދުމަށް މަޝްވަރާކުރަނީ


އޭދަފުށީގައި ޢިމާރާތްކުރައްވާފައިވާ ރެޒިޑެންޝަލް ލަރނިންގް ސެންޓަރުގެ ޖާގައިގެ ދަތިކަމަށް ޙައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިއީ ތަޢުލީމް ޙާސިލްކުރުމުގެ ގޮތުން  އޭދަފުށްޓަށް އަންނަ ކުދިންނަށް، އާއިލާއާއެކު ދިރިއުޅެވޭގޮތަށް ތައްޔާރުކޮށްފައިވާ ޢިމާރާތެކެވެ.

މާޅޮސްމަޑުލު ދެކުނުބުރީ ވެރިކަން ކުރާ އަދި އެ އަތޮޅު އެންމެ އާބާދީބޮޑު އޭދަފުއްޓަކީ ދުވަހަކަށްވުރެ ދުވަހެއް ތަޢުލީމް ހާސިލްކުރުމަށާއި، އެހެނިހެން ބޭނުންތަކަށް އެރަށަށް ބަދަލުވާ މީހުން އިތުރުވަމުންދާ ރަށެކެވެ. ޚާއްސަކޮށް ކިޔަވައިދިނުމަށްޓަކައި އަމިއްލަ ފަސްގަނޑު ދޫކޮށް ކުދިރަށްރަށުން އޭދަފުއްޓަށް ހިޖުރަކުރާ މީހުންދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެހެންކަމުން މިއަހަރުވެސް ރެޒިޑެންޝަލް ލަރނިންގ ސެންޓަރ ނުވަތަ ދަނާލުން ޖާގަހޯދުމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތަކަށްވަނީ ޖާގަނުލިބިފައެވެ.

ޕީއެސްއެމްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސިނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާޢީލް ވިދާޅުވީ އޭދަފުށީގެ އާބާދީއަށް އަންނަ ބަދަލުގެ ސަބަބުން އެރަށުގައި ސަރުކާރުން ޢިމާރާތްކުރައްވާފައިވާ ދަނާލަށް ވަރަށް ބޮޑަށް ބާރުބޮޑުވެފައިވާ ކަމަށެވެ. އެހެންކަމުން އެރަށުގައި އިތުރު ދަނާލެއް އެޅުމަށްޓަކައި މަޝްވަރާތަކެއް ކުރެވެމުންދާކަމަށް އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ.

ވޯލްޑްބޭންކާއި، ޔޫއެންޑީޕީގެ އެހީގައި ޢިމާރާތްކުރައްވާ، 2010 ވަނައަހަރު ޚިދުމަތް ދެއްވަން ފެއްޓެވި އޭދަފުށީ ދަނާލުގައި 20 އެޕާޓްމެންޓް ހުރެއެވެ. އެއީ 4 ކޮޓަރީގެ 4 އެޕާޓްމެންޓާއި، 3 ކޮޓަރީގެ 16 އެޕާޓްމެންޓެވެ. މަހުކުލި ދައްކާގޮތަށް ދޫކުރާ މިއެޕާޓްމެންޓްތަކުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން އޭދަފުށްޓަށް ތަޢުލީމް ޙާސިލްކުރުމަށް ގޮސްތިބި ދަރިވަރުންގެ ޢާއިލާތަކުން ދިރިއުޅެމުންދެއެވެ.