ތަޢުލީމު

އޯލެވެލްއާއި އެސްއެސްއީގެ ނަތީޖާ ބުދަ ދުވަހު ދޫކުރަން ފަށަނީ


މިދިޔަ އަހަރު ބޭއްވި، ކޭމްބްރިޖް އޯލެވެލްއާއި އެސްއެސްއީ އިމްތިޙާނުގެ ނަތީޖާ އަންނަ ބުދަ ދުވަހުން ފެށިގެން ދޫކުރައްވަން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވާ އެ އިދާރާއިން އިއްޔެ ޢާއްމުން ކުރެއްވި އިޢުލާނެއްގައިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރާއި ނޮވެމްބަރުމަހު ބޭއްވި ކޭމްބްރިޖް އޯޑިނަރީ ލެވެލް އެގްޒެމިނޭޝަނާއި،ސްކެންޑްރީ ސްކޫލް އެޑީއުކޭޝަން އިމްތިޙާނުގެ ނަތީޖާ ސްލިޕް ދޫކުރައްވަން ނިންމަވާފައިވާކަމަށެވެ.

ނަތީޖާ ސްލިޕް އެއިދާރާއިންނާއި، އެދަރިވަރަކު އިމްތިޙާނު ހެދި ސެންޓަރަކުން ލިބޭނޭ އިންތިޒާމް ހަމަޖައްސަވާފައިވާނޭކަމަށް ޕަބްލިކް އެގްޒެމިނޭޝަނުން ވިދާޅުވެއެވެ.

ނަތީޖާ ސްލިޕް އަންނަ ބުދަ ދުވަހުން ފެށިގެން، ފެބްރުއަރީ މަހުގެ ހަވަނަދުވަހުގެ ނިޔަލަށް ދޫކުރެއްވުމަށް ހަމަޖެހިފައިވާއިރު، ނަތީޖާ ދޫކުރެއްވުމަށް ހަމަޖެހިފައި ވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ފެށިގެން ން މެންދުރު 1:30ގެ ހަމައަށެވެ. އަދި ނަތީޖާގައި އެއްވެސް މައްސަލައެއްވާނަމަ، ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުގެ މެންދުރު 12:00 އިގެ ކުރިން އެކަން ލިޔުމަކުން ޕަބްލިކް އެގްޒަމިނޭޝަނަށް ހުށަހަޅަން އެޑިޕާޓްމަންޓުން އިލްތިމާސް ކުރައްވައެވެ. އަދި ނަތީޖާ ރީ-ޗެކްކުރުމަށް ބޭނުންވާ ކެންޑިޑޭޓުން، އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު ފެބްރުއަރީމަހުގެ 8 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށަހެޅުމަށް ވެސް ޕަބްލިކް އެގްޒެމިނޭޝަނުން އެދިލައްވައެވެ.

މިދިޔަ އަހރުގެ ކޭމްބްރިޖް އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ ތަފާތު އެކި ސްކޫލްތަކުން ހަތްހާއަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ.