ކުޅިވަރު

ޤައުމީ ޓީމަށް އަނެއްކާވެސް ދެބެން، މިފަހަރު އަންހެން ވޮލީ ޓީމް


ކުރިއަށް އޮތް ސެންޓްރަލް ޒޯން ކޮލިފައިންގއަށް އެކުލަވާލި ޤައުމީ އަންހެން ވޮލީބޯޅަ ސްކޮޑުން ފުނުނު އެންމެ ޚާއްޞަކަމަކީ ނުވަތަ ތަފާތަކީ މިފަހަރުގެ ޓީމުން އަލަށް ކުޅުންތެރިއަކު ޖާގަ ހޯދުމެވެ. ނަމަވެސް މުޅިން އަލަށޭ ބުނުމުގެ ފުރުޞަތެއްވެސް ނެތެވެ. މީގެކުރިން ޤައުމީ ޓީމަށް މެޗެއް ކުޅެފައިނުވިޔަސް 2009 ވަނަ އަހަރު ޤައުމީ ޓީމުން އޭނާއަށް ފުރުޞަތު ލިބުނެވެ.

އެއީ ފާޠިމަތު މަޒިއްޔާއެވެ. ވޮލީ ކޯޓަށް ހޯދަން އެންމެ އުނދަގޫ ސެޓަރުގެ މަޤާމަށް ކުޅޭނެ މޮޅު އިތުރު ކުޅުންތެރިއަކަށްވީ ލ.ގަމް ތުނޑީ އަވަށަށް ނިސްބަތްވާ މަޒިޔާއެވެ. 2009 ވަނަ އަހަރު ޓީމަށް ނެގި ނަމަވެސް އޭނާއަށް ޤައުމީ ޚިދުމަތުގައި ކުރިއަށް ނުދެވުނީ ރަށުގައި ދިރިއުޅޭތީއެވެ. ދިރިއުޅެމެއް ފަށާ، ދަރިއަކުވެސް ލިބުމުން ޒުވާން އުމުރުގައި ލިބުނު ފުރުޞަތާ ދުރަށްދާން ޖެހުނީއެވެ. ނަމަވެސް އޭގެ ފަހުންވެސް ދޭތެރެ ދޭތެރެ ދޭތެރެއިން އޭނާ ފެނެއެވެ. އެކި ޓީމްތަކުގައި އޭނާ ކުޅެއެވެ. ޓީމްތަކާއެކު މުބާރާތްތަކަށްވެސް މާލެ އާދެއެވެ. މުބާރާތް ނިމުމުން އެނބުރި ދަނީއެވެ.

img:http://s1.psmnews.mv/images/660x400/14844620180369.jpg|މަޒިއްޔާ ޤައުމީ މުބާރާތް ކާމިޔާބުކުރުމަށްފަހު ދަރިފުޅާއެކު

މިހާރުވެސް އޭނާ ހުރީ މުޅިން މާލެ ބަދަލުވެގެނެއް ނޫނެވެ. ނަމަވެސް ޤައުމީ ޓީމުންނާއި، ކޯޗިންގ ޓީމުން އޭނާގެ އެހީ މާބޮޑަށް ބޭނުންވެ، އޭނާވެސް ޤައުމީ ޖަރޒީގައި ކުޅެން ބޭނުންވާތީ މިވަގުތު މާލޭގައި މަޑުކުރަނީ ކުރިއަށް އޮތް ކޮލިފައިންގ ދެމެޗަށެވެ. އެކަމުން 25 އަހަރުގެ ކުޅުންތެރިޔާއަށް ޚާއްޞަ އުފަލެއްވެސް ލިބޭތީއެވެ.

" ވަރަށް އުފާވޭ، ވަރަށް އެހެންކަހަލަ އިހުޞާޞެއް ކުރެވެނީ ކޮއްކޮއާއެކީ ޤައުމީ ޓީމަށް ކުޅެން ފުރުޞަތު ލިބުނީމަ " ޓީމާއެކު މަޑުކުރަން އޭނާގެ ހިތާއި ސިކުނޑިއަށް މަޖުބޫރުކުރުވި އެއް ސަބަބަކީ މިއީއެވެ.

މަޒިއްޔާއަށްވުރެ ދެ އަހަރު ހަގު ކޮއްކޮ އައިޝަތު މާޖިދާއަކީ މިހާރުވެސް ޤައުމީ ޓީމްގެ މުޙިންމު ކުޅުންތެރިއެކެވެ. މާޖިއަށްވެސް ޓީމުން ފުރުޞަތު ލިބުނީ 2009 ވަނަ އަހަރުއެވެ. ތަފާތަކީ ކޮއްކޮ ޓީމާއެކު ކުރިއަށް ދިއުމެވެ. ނަމަވެސް އަލުން ދެބެންނަށް މިވަނީ އެކުގައި ޤައުމީ ޓީމަށް ކުޅެން ފުރުޞަތު ލިބިފައެވެ. ތަޖުރިބާއަށް ބަލާއިރު މިހާރު ކޮއްކޮ ހުރީ ކުރީގައެވެ. މާޖިދާ ވަނީ ޤައުމީ ޓީމާއެކު އޭޝިޔަން ގޭމްސްއާއި ސާފް ގޭމްސް އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކޮށްފައެވެ. ވޭތުވެދިޔަ މުއްދަތުގައި އޭނާއަށް ފުރުޞަތު ގެއްލުނީ ނޭޕާލްގައި ކުޅުނު މެޗުތަކުންނެވެ. 2015 ވަނަ އަހަރު އޭނާއަށް ފުރުޞަތު ގެއްލުނީ އޮފީހުން ދޫނުކުރުމުންނެވެ. އޭރު އޭނާ ދިޔައީ އޮފީހުގެ ތަމްރީން ފުރިހަމަ ކުރަމުންނެވެ.

img:http://s1.psmnews.mv/images/660x400/14844620559636.jpg|މާޖިދާ އިދިކޮޅު ކޯޓަށް ޝޮޓެއް ޖަހަނީ

ރާއްޖޭގައި އަންހެން ޓީމް ކުޅޭ ފުރަތަމަ ބައިނަލްއަޤްވާމީ މެޗު ނުވަތަ ކޮލިފައިންގ މެޗުތަކުން ދެބެންނަށް އެކުގައި ކުޅެން ފުރުޞަތު ލިބުން މާޖިވެސް ސިފަކުރަނީ ޚާއްޞަ އުފަލެއްގެ ގޮތުގައެވެ.

" މިއީ ކޮންމެ ގޮތެއްވިޔަސް ޚާއްޞަ އުފަލެއް. ދައްތައާއެކީ ކުޅެންވެސް ފަސޭހަ. މިބުނީ އެހެން ކުޅުންތެރިންނާ އެކީ އުނދަގުލެކޭނޫން. ވަރަށްބޮޑަށް އުފާވެފަ މިހުރީ، ދެމީހުންނަށް އެއްކޮށް މިފަހަރު ޓީމުން ފުރުޞަތު ލިބުމުން " މާޖިގެ އުއްމީދަކީ އެކުގައި ކޯޓުމަތިންވެސް ފެނުމެވެ.

މިފަހަރު މަޒިއްޔާ ކޯޗުންގެ ލޮލުގައި މާ ބޮޑަށް އަޅައިގަތީ ޤައުމީ މުބާރާތާއި ޤައުމީ ލީގުގައި ފުވައްމުލަކު ޓީމްގައި އޭނާ ދެއްކި ތަފާތު ކުޅުމުގެ ސަބަބުންނެވެ. ޤައުމީ މުބާރާތް ފުވައްމުލަކު ޓީމަށް ހޯދައިދިނުމުގައި އޭނާގެ ދައުރު ބޮޑުވުމުންނެވެ. އެމުބާރާތުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. ޤައުމީ ޓީމްގެ ފުރަތަމަ ހައެއްގެ ޖާގަ ނުވަތަ ސެޓަރުގެ މަޤާމަށް އޭނާ ވާދަކުރަން ޖެހޭނީ ފުވައްމުލަކު ކުޅުންތެރިއަކާއެވެ. އެއީ ފާޠިމަތު ޖޫޒާންއެވެ. ލިބުނު ފުރުޞަތުގައި މަޒިއްޔާ ހުރީ އެކަމަށް މަސައްކަތްކުރާށެވެ. އުއްމީދަކީ ޓީމުން ޖާގަ ހޯދައި ކޮއްކޮއަށް ރަނގަޅު ބޯޅަތަކެއް ހިއްލައިދިނުމެވެ.

img:http://s3.psmnews.mv/images/660x400/14844620993239.jpg|ދެބެން ވޮލީ ޓީމާއެކު ކުރި ޕިކްނިކް ދަތުރުގެ ތެރެއިން؛ ފޮޓޯ-މުޙައްމަދު ރިފްއަތު

މިދެކުޅުންތެރިންނަކީވެސް ޤައުމީ ޓީމަށް މުޙިންމު ދެ ކުޅުންތެރިންނެވެ. މަޒިއްޔާއާއެކު ޓީމްގެ ވާދަވެރިކަންވެސް ބޮޑުވެ ޓީމް އިތުރަށް ވަރުގަދަވެއްޖެއެވެ.

" މާޖިއަކީ ދެން ޓީމްގެ އެންމެ މުޙިންމު އެއް ކުޅުންތެރިޔާ. އެޓޭކާއި ރިސީވްގައިވެސް މޮޅަށް ކުޅޭ ކުޅުންތެރިއެއް. ހުރިހާ ދިމާލަކަށް ބަލާއިރުވެސް މޮޅު ކުޅުންތެރިއެއް. އަނެއްކާ ވަރަށް ކޮންފިޑެންސާއެއްކޮށް ކުޅޭނެ. ޤައުމީ ޓީމްގެ ތަޖުރިބާވެސް ބޮޑު ކުޅުންތެރިއެއް އެއީ. މަޒިއްޔާ މެޗު އެކްސްޕީރިއަންސް ޤައުމީ ޓީމްގައި ނެތީ. މިއީ ފުރަތަމަ ފަހަރު. އެކަމަކު ވަރަށް ސެޓިންގ ރަނގަޅު، މިހާރު ހުރި ސެޓަރ ޖޫޒާންއާއި އެންމެ އެއްގޮތް ކުޅުންތެރިއަކީ މަޒިއްޔާ. " ޤައުމީ އަންހެން ޓީމްގެ ކޯޗު އަހުމަދު އަދީލް ( ބޭބެ ) ދެކުޅުންތެރިންގެ ހުނަރު ފާހަގަކުރަމުން ބުނީ ދެ ކުޅުންތެރިންވެސް ޓީމަށް މުޙިންމުކަމަށެވެ.

އެސިސްޓެންޓް ކޯޗު ޝުއައިބުވެސް ބުނީ ދެކުޅުންތެރިންނަކީވެސް ހުނަރުވެރި މޮޅު ދެކުޅުންތެރިންކަމަށެވެ. 

" މަޒިއްޔާއަކީއަކީ ރާއްޖޭގެ ހަމަ އެންމެ މޮޅު އެއް ސެޓަރު. ކޮންޓިނިއުކޮށްފިއްޔާ ހަމަ އެންމެ މޮޅު ސެޓަރަށް ވެވޭނެ. މާޖިދާއަކީ ދެން މިހާރުވެސް ޓޮޕް އެޓޭކަރެއް. ތަޖުރިބާހުރި މޮޅު ކުޅުންތެރިއެއް " ޝުއައިބުވެސް ޤައުމީ ޓީމްގެ ފުރަތަމަ ދެބެންނަށްކުރީ ތައުރީފެވެ.

ދުނިޔެއާއި ރާއްޖޭގައިވެސް ކުޅިވަރުގައި ދެބެން ފާހަގަކުރެވުމަކީ މަދުން ނަމަވެސް ފެންނަކަމެކެވެ. ރާއްޖެއަށް ބަލާއިރު ފުޓްބޯޅައާއި، ބެޑްމިންޓަންގައިވެސް ވަނީ ފާހަގަކުރެވިފައެވެ. ވޮލީބޯޅަ ސީނިއަރ ފިރިހެން ޓީމުންވެސް މިކަން ދާދި ފަހަކާ ޖެހެންދެން ފެންނަން އޮތެވެ. ނަމަވެސް މިއީ ޤައުމީ އަންހެން ވޮލީބޯޅަ ޓީމުން ދެބެން އެކުގައި ފާހަގަކުރެވޭ ފުރަތަމަ ފަހަރެވެ.